މި ސަރުކާރު އައުމަށްފަހު އެންމެ މުހިންމު އިސްކަމެއްދީގެން ކުރަމުން ގެންދާ މަސައްކަތަކީ ޖުޑީޝަރީއަށް ގެންނަ ބަދަލު އަވަސްކުރުން ކަމަށް އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތު ވިދާޅުވެއްޖެއެވެ.
ސަރުކާރަށް އެއް އަހަރު ފުރުމާ ގުޅިގެން އެޓާނީ ޖެނެރަލް އޮފީހުގެ މަސައްކަތްތައް ސަރުކާރުގެ ފުރަތަމަ އަހަރު ކުރިއަށްގޮސްފައިވާ ގޮތާ ބެހޭގޮތުން ޕީއެސްއެމްގައި މައުލޫމާތުދެއްވަމުން އޭޖީ ވިދާޅުވީ މި ސަރުކާރު އައުމަށްފަހު އެންމެ އިސްކަމެއްދީގެން ކުރި ކަމަކީ ގާނޫނީ ވެރިކަން ނެގެހެއްޓުމަށް ކަމަށާއި، ފާއިތުވެދިޔަ ސަރުކާރުގައި ރައްޔިތުންގެ އަސާސީ ހައްގުތަކާއި މިނިވަންކަން ނިގުޅައިގެންފައިވާ އެތައް ކަންތައްތަކެއް މެދުވެރިވެފައިވާ ކަމަށެވެ.
އެގޮތުން ސަރުކާރު ވެރިކަމާ ހަވާލުވުމުގެ ކުރިން، ރައްޔިތުންނަށް ވައުދުވި އެއް ކަމަކީ އިންސާފުވެރި އަދުލުވެރި ފަނޑިޔާރުގެއެއް ރައްޔިތުންނަށް ހޯދައިދިނުންކަން ފާހަގަކުރައްވައި އޭޖީ ވިދާޅުވީ ފަނޑިޔާރެއް އަދި ދައުލަތުގެ އިސް މަގާމެއްގައި ހުރި ބޭފުޅެއް ނަަމަވެސް އެމީހުންގެ މަސައްކަތާމެދު ޖަވާބުދާރީ ވާން ޖެހޭނެ ކަމަށެވެ.
ބަންޑާރަނައިބު ރިފްއަތު މިހެން ވިދާޅުވެފައިވާއިރު، އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ ވަކިކުރުމަށް ނިންމުމުގެ އިތުރުން، ފަނޑިޔާރުންގެ ސުލޫކީ ގިނަ މައްސަލަތަކެއް ޖޭއެސްސީން އަންނަނީ ބަލަމުންނެވެ.
ރިފްއަތުގެ ވާހަކައިގައި އިތުރަށް ވިދާޅުވީ ސަރުކާރު އައުމަށްފަހު އެންމެ ފުރަތަމަ މަސައްކަތެއްގެ ގޮތުގައި ކުރިއަށްގެންދިޔައީ ޕްރޮސެކިއުޝަން ގައިޑްލައިން މުރާޖައާކުރުން ކަމަށެވެ. އެގޮތުން އޭރުގެ ޕީޖީ އަމަލުކުރަމުންދިޔަ ގައިޑްލައިންއަކީ 2008 ވަނަ އަހަރު އެކުލަވާލާފައިވާ ގައިޑްލައިނެއް ކަމަށާއި އެ މުރާޖައާނުކޮށް އަދި ބަދަލު ނުގެނެސް ގާތްގަނޑަކަށް 10 އަހަރުވެގެން ގޮސްފައިވާ ކަމަށެވެ.