12 އަހަރުން ދަށުގެ ޔޫތު ލީގު

12 އަހަރުން ދަށުގެ ޔޫތު ލީގު ވެސް މާޒިޔާއަށް

މާޒިޔާ ފުޓްބޯލް އެކަޑަމީން ދިރާގު 12 އަހަރުން ދަށުގެ ޔޫތު ލީގު ވެސް ކާމިޔާބުކޮށްފިއެވެ.

އެފްއޭއެމް ޓާފް ދެ ނަމްބަރު ދަނޑުގައި މިއަދު ހަވީރު ކުޅުނު ފައިނަލް މެޗުގައި މޯލްޑިވްސް ސޮކާ މޭޓްސް އަތުން މާޒިޔާ މޮޅުވީ 4-1ގެ ނަތީޖާއަކުންނެވެ. ދިރާގު 14 އަހަރުން ދަށުގެ ޔޫތު ލީގު ވެސް ކާމިޔާބުކުރީ މާޒިޔާ އިންނެވެ.

މިއަދު ކުޅުނު ފައިނަލް މެޗުގެ ފުރަތަމަ ހާފުގައި މާޒިޔާ އިން ވަނީ ތިން ލަނޑު ޖަހައިފައެވެ. މާޒިޔާއިން ކާމިޔާބުކުރި ތިން ލަނޑުގެ ތެރެއިން ފުރަތަމަ ދެ ލަނޑު އަނޫފް އަބްދުﷲ ކާމިޔާބުކޮށްދިން އިރު، އެޓީމުގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްދިނީ އަބްދުﷲ ރިޒާއު މުހައްމަދެވެ. އަދި ފުރަތަމަ ހާފުގައި ފެނިގެންދިޔައި ސޮކާ މެޓްސްގެ ލަނޑަކީ މާޒިޔާގެ އަހްމަދު ހަމްދު މުހައްމަދު އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. ފުރަތަމަ ހާފު ނިމިގެންދިޔައީ 3-1ގެ ނަތީޖާއަކުން މާޒިޔާ ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފުގައި ވެސް މާޒިޔާއިން ވަނީ ރަނގަޅު ކުޅުމެއް ދައްކައި، އިތުރަށް ލީޑު ފުޅާކުރުމަށް މަސައްކަތްތަކެއް ކޮށްފައެވެ. މެޗުގައި މާޒިޔާއިން ޖެހި ހަތަރުވަނަ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ތިންވަނަ ލަނޑުވެސް ކާމިޔާބުކޮށްދިން ރިޒާއުއެވެ.

ފައިނަލް މެޗަށްފަހު ވަނަވަނައަށް ހޮވުނު ޓީމުތަކާއި ކުޅުންތެރިންނަށް ވަނީ ތައްޓާއި އިނާމު ހަވާލުކޮށްފައެވެ. އެ މުބާރާތުގެ ޗެމްޕިއަން މާޒިޔާއަށް ތައްޓާއި މެޑަލް ހަވާލުކުރި އިރު، ރަނަރަޕް ސޮކާ މޭޓްސްއަށް ވަނީ މެޑަލް ހަވާލުކޮށްފައެވެ. އެ މުބާރާތުގެ ފެއާޕްލޭ ޓީމަކަށް ހޮވުނީ ޓީސީ ފުޓްބޯލް އެކަޑަމީއެވެ. މުބާރާތުގެ އެންމެ މޮޅު ގޯލްކީޕަރަކަށް މާޒިޔާގެ އައިދީން އަލީ ހަމީދު ހޮވުނު އިރު، އެންމެ މޮޅު ކޯޗަކަށް ހޮވުނީ މާޒިޔާގެ މުހައްމަދު އަރީފެވެ.

މުބާރާތުގެ އެންމެ މޮޅު އަށް ކުޅުންތެރިން:

  • އީތަން އިބްރާހިމް ޒަކީ، ޓީސީ ފުޓްބޯލް އެކަޑަމީ
  • އަބްދުﷲ ރިޒާން މުހައްމަދު، މާޒިޔާ ފުޓްބޯލް އެކަޑަމީ
  • މުހައްމަދު އައިހަމް އިބްރާހިމް، ހުޅުމާލެ ސްޕޯޓްސް ސްކޫލް
  • މުހައްމަދު އިލާން އިމްރާން، ޓީސީ ފުޓްބޯލް އެކަޑަމީ
  • ޔޫނުސް ޚަލީލް އަބްދުﷲ، މާޒިޔާ ފުޓްބޯލް އެކަޑަމީ
  • ހުސައިން އާއިޝް އަބްދުލް ވާހިދު، ހުޅުމާލެ ސްޕޯޓްސް ސްކޫލް
  • އަހްމަދު ހަމްދާން އަޒްލީން، ޓީސީ ފުޓްބޯލް އެކަޑަމީ
  • ނަޝޫ އަހްމަދު ޝިހާމް، މާޒިޔާ ފުޓްބޯލް އެކަޑަމީ