ރަހުމްކުޑަގޮތަކަށް އަވަހާރަކޮށްލި މަޝްހޫރު ދީނީ އިލްމުވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު ޑރ. އަފްރާޝީމް އަލީގެ މަރުގެ މައްސަލާގައި ތުހުމަތު ކުރެވޭ ހ. ހިކޯސްޓް އަލީ ޝާން (ސަޓޯ) ސަސްޕެންޑުކޮށްފި އެވެ.
ގްރޭޓާ މާލޭ އިންޑަސްޓްރިއަލް ޒޯން ގެ މެނޭޖިން ޑައިރެކްޓަރު އިބްރާހީމް ރަޝީދު (މާމިގިލީ އިބޫ) ވަނީ "ވަން" އަށް އެކަން ކަށަވަރުކޮށްދެއްވައިފަ އެވެ.
އިބޫ ވިދާޅުވީ ހުކުރު ދުވަހު މި ރިޕޯޓު މުއައްސަސާ ތަކަށް ފޮނުއްވި ދުވަހު، އެކަމާ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ގުޅުއްވި ކަމަށެވެ.
"ހަމަ އެދުވަހު ރައީސް އޮފީހުން ގުޅުއްވި. އޭގެ ފަހުން ސަރުކާރު ހުޅުވި ފުރަތަމަ ދުވަހަކީ މިއަދު ކަމަށް ވާތީ، ލިޔުން މި ހަވާލު ކުރެވުނީ މިއަދު." އިބޫ ވިދާޅުވި އެވެ.
ސަޓޯ ސަސްޕެންޑީ ކޮށްފައިވަނީ މި މައްސަލަ ބަލައި ނިމި ވަކި ގޮތެއް އަންގަންދެން ކަމަށް އިބޫ ވިދާޅުވިއެވެ.
ސަސްޕެންޑު ކުރި އިރު ސަޓޯ ހުރީ ގްރޭޓާ މާލޭ އިންޑަސްޓްރިއަލް ޒޯން ގެ ތިލަފުށީ ސައިޓްގެ ސުޕަވައިޒަރެއްގެ މަގާމުގައެވެ. އޭނާ މި މަގާމަށް އައްޔަން ކޮށްފައިވަނީ މި ސަރުކާރު ވެރިކަމާއި ހަވާލުވި ފަހުންނެވެ.
ޑރ. އަފްރާޝީމް އަވަހާރަކޮށްލާފައިވަނީ 2012 ވަނަ އަހަރު، ޓީވީއެމްގެ ޕްރޮގްރާމެއް ނިންމަވައިލެއްވުމަށްފަހު ގެޔަށް ވަޑައިގަތްތަނުންނެވެ. އަފްރާޝީމް އަވަހާރަ ކޮށްލާފައިވަނީ އޭނާ ދިރިއުޅުއްވި ހ. ފުންވިލުގޭގެ ސިޑިމަތީގަ އެވެ. މި މައްސަލައިގައި ސަޓޯގެ އިތުރުން 18 އަހަރުން ދަށުގެ ކުޑަ ކުއްޖަކަށާއި، ހ. ލޮބީ ހުސައިން ހުމާމް އަހްމަދުގެ މައްޗަށް ދައުވާ އުފުލާފައި ވެއެވެ. ނަމަވެސް ކުށް ސާބިތުވީ ހަމައެކަނި ހުމާމުގެ މައްޗަށެވެ.