މަރުތައް ތަހުގީގުކުރާ ކޮމިޝަން

އަފްރާޝީމު އަވަހާރަ ކޮށްލުމުގެ އަމަލީ މަސައްކަތް ހިންގުމުގެ އިސް މީހަކީ އަޒްލިފް ރައޫފު: ކޮމިޝަން

އިބްރާހިމް ޒަކީ

ޑރ. އަފްރާޝީމު އަލީ އަވަހާރަ ކޮށްލުމުގެ އަމަލީ މަސައްކަތް ހިންގުމުގެ އެންމެ އިސް މީހަކީ ހ. ހިލްޓަން އަޒްލިފް ރައޫފު ކަމަށް މަރު ކޮމިޝަންގެ ރިޕޯޓްގައިވެސް ބުނެފިއެވެ.

އަފްރާޝީމްގެ މަރުގެ މަރުގެ މައްސަލަ ތަހުގީގުކޮށް މަރު ކޮމިޝަނުން ނެރުނު ރިޕޯޓުގައިވާ މުހިއްމު ބައެއް މައުލޫމާތުތައް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖިލިސް މެންބަރުންނާ ހިއްސާ ކުރައްވަމުން މަޖިލިސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، އަފްރާޝީމް އަވަހާރަ ކޮށްލުމުގެ ރޭވުން ތަންފީޒު ކުރުމުގައި، އަޒްލިފްގެ ރޭވުމާއި އެއްގޮތަށް އަފްރާޝީމް އަވަހާރަ ކޮށްލުމުގައި ހ. ލޮބީ ހުސައިން ހުމާމް އަހުމަދާއި ހ.ހިކޯސްޓް އަލީ ޝާން އަދި އެ އަމަލު ހިންގީރު ކުޑަ ކުއްޖެއްގެ ގޮތުގައި ހިމެނޭތީ ނަން ހާމަ ނުކުރާ ކުއްޖަކު ހިމެނޭ ކަމަށް ކޮމިޓީ ރިޕޯޓުގަިއ ބުނެފައިވާ ކަމަށެވެ.

އަދި އެމީހުންގެ އިތުރުން އެހެން ބަޔަކުވެސް އެކަމުގައި ހަރަކާތްތެރިވެފައިވާ ކަމަށް ނަޝީދު ވިދާޅުވިއެވެ. ނަމަވެސް ނަޝީދު ވިދާޅުވީ، އެމީހުން ރާއްޖޭން ބޭރަށް ހަނގުރާމައަށް ގޮސްފައި ވާތީ މައްސަލަ އިތުރަށް ތަހުގީގު ކުރުމަށް ކޮމިޝަނަށް ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށެވެ.

"ހެކިތަކާއި ގަރީނާއަށް ބަލާއިރު ޑރ. އަފްރާޝީމު މަރާލުމުގެ އަމަލީ މަސައްކަތް ހިންގުމުގެ އެންމެ އިސް މީހަކީ ހ. ހިލްޓަން އަޒްލިފް ރައޫފު ކަމަށް ގަބޫލު ކުރެވޭ ހ. ލޮބީ ހުސެއިން ހުމާމު އަހުމަދު ފުލުހުންނާއި ކޯޓަށް ދީފައިވާ ބަޔާނުންނާއި، އެ އަމަލު ކޮށްފައި ވާއިރު އުމުރު ހަމަނުވާ ކުޑަ ކުއްޖަކު ކޮމިޝަނަށް ދީފައިވާ ބަޔާން ތަކުންނާއި، މި މައްސަލައި ގައި އެހެނިހެން ހެކިން ދީފައިވާ ބަޔާން ތަކުން ޑރ. އަފްރާޝީމް އަވަހާރަ ކޮށްލުމުގެ ރޭވުން ތަންފީޒު ކުރުމުގައި އަޒްލިފްގެ ރޭވުމާއި އެއްގޮތަށް ޑރ. އަފްރާޝީމް އަވަހާރަ ކޮށްލުމުގައި ހުސެއިން ހުމާމު އަހުމަދާއި ހ.ހިކޯސްޓް އަލީ ޝާން އަދި ކުޑަ ކުއްޖާ ހިމެނޭ، މަރާލުމުގެ އަމަލީ މަސައްކަތުގައި އަޒްލިފް ރައޫފާއި ހުސެއިން ހުމާމު އަހުމަދު، ހ.ހިކޯސްޓް އަލީ ޝާން އަދި ކުޑަ ކުއްޖާގެ އިތުރުން އެހެން ބަޔަކު އެ މަސައްކަތުގައި އަމަލީގޮތުން ބައިވެރިވެފައިވާ ކަމަށް ބެލެވުނު ނަމަވެސް އެމީހުން ޑރ.އަފްރާޝީމްގެ މަރުގެ ހާދިސާ އަށްފަހު ރާއްޖޭން ބޭރަށް ހަނގުރާމައަށް ގޮސްފައި ވާތީ މި މައްސަލަ އިތުރަށް ތަހުގީގު ކުރުމަށް ދަތިތަކެއްވާކަމަށް ކޮމިޝަނަށް ފާހަގަވޭ،" މަޖިލިސް ރައީސް ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ، ޑރ.އަފްރާޝީން އަވަހާރަކޮށްލި ހާދިސާ ހިނގި ދުވަހާ ޖެހިގެން އައި ދުވަހު، 2 އޮކްޓޫބަރު 2012 ވަނަ ދުވަހު، ސީރި އާ އާއި ސޫދާނަށް ދިވެހިންގެ ބަޔަކު ފުރައިގެން ދިޔަކަން ކޮމިޓީ ރިޕޯޓުން ހާމަވާ ކަމަށެވެ.

"ރިޕޯޓްގައި ވަނީ 2 އޮކްޓޫބަރު 2012 ވަނަ ދުވަހު ހެނދުނު މާލެއިން ގަތަރަށް ފުރި ކިއުއާރު 38 ފުލައިޓުން ސީރިއާ އާއި ސޫދާނަށް ގދ. ވާދޫ ޖަވާހިރުގޭ ޖާދު ﷲ އިބްރާހިމް އާއި މ. ހާދޫ މުހައްމަދު ނިޝާންގެ އިތުރުން ފުރި އަނެއް ހަތް މީހުންނަނީ، އަބުދުﷲ ބަޝީރު ފައުޒީ ގއ. ވިލިނގިލި، އަހުމަދު ޔުސްރީ މުހައްމަދު ޝަރީފް ގ. ދީނަސްވިލާ، މުހައްމަދު ޝަފީގު ބަރުލީންގެ ހއ. ދިއްދޫ، މުހައްމަދު ތަސްނީމު ގ. ސިނަމާލޭ 2، އައިޝާ ނަހުލާ އަބުދުއްލަތީފު ވ. މަދަން، އިބްރާހިމް އުޝާމު އޯކިޑް ވާދީ ގދ. ދެއްވަދޫ، މިފްޒާލު މުހައްމަދު ބީޗް ރެސްޓް އއ.ހިމަންދޫ، މި އެންމެންނަކީ ވެސް މާލޭ ދަފްތަރު 471 މުހައްމަދު މަޒީދު އާއި ތ. އޮމަދޫ އަތިރީގޭ ސާމިތު މުހައްމަދު އިސްވެ ތިބެގެން ހިންގާ ޖިހާދީ ފިކުރުމުގެ ޖަމާއަތުން ތަމްރީނުކޮށް މި ޖަމާއަތުން މާލޭގައި ހިންގާފައިވާ އެކި އެކި ހަރަކާތްތަކުގައި ބައިވެރި ވެފައިވާ މީހުން،" މަޖިލިސް ރައީސް ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ 2 އޮކްޓޫބަރު ގައި ދެން ފުރާ ވަޑައިގެންނެވި އަނެއް ބޭފުޅަކީ ޑރ. ޝަހީމް ކަމަށެވެ.

މަޖިލިސް ރައީސް ވިދާޅުވީ، ކޮމިޝަން ރިޕޯޓްގައި މީހުންގެ ނަން ބަޔާން ކޮފައިވާ މީހުންގެ އިތުރުން ވެސް އަފްރާޝީމް އަވަހާރަ ކޮށްލުމުގައި ކިތަންމެ ބަޔަކު ބައިވެރި ވެފައިވާ ކަމަށް ރިޕޯޓުން ދޭހަވާ ކަމަށެވެ.

އަދި އފްރާޝީމް އަވަހާރަ ކޮށްލިއިރު އެ ގޭތެރޭގައި އިތުރު ބައެއް އުޅުނު ކަމަށާއި، އެ ގޭ ކައިރީ ގައި ހުންނަ ކްރިސްޓީޒް ރެސްޓޯރެންޓް ގައި ފަގުޑި އަޅައި، ކުރުތާ ލައިގެން ތިބި ތިންމީހުން ތިބިކަމަށް ރިޕޯޓްގައި އެބަ ބަޔާންކުރާ ކަމަށްވެސް ރައީސް ނަޝީދު ވިދާާޅުވިއެވެ.