ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީއަތް ކުއްލިއަކަށް ލައިވް ނުކުރުމަށް ނިންމާފައިވާތީ އެމަނިކުފާނުގެ ގާނޫނީ ޓީމުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
ރައީސް ޔާމީންގެ ވަކީލުންގެ ޓީމުން މާގިރި ހޮޓެލުގައި މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ކުރީގެ ނައިބު ރައީސް އަދި އެމަނިކުފާނުގެ ގާނޫނީ ޓީމުގައި ހިމެނިވަޑައިގަންނަވާ ޑރ. މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވީ ރައީސް ޔާމީންގެ ޝަރީއަތް ލައިވް ނުކުރުމަށް ނިންމި ނިންމުމަކީ މި މައްސަލައިގައި ކަމެއް ފޮރުވަން ޖާގަ ހުރި ކަމެއް ކަމަށެވެ. އަދި ލައިވްނުކުރުމުން ބޭނުން ގޮތަކަށް މި މައްސަލަ ކުރިއަށް ގެންދިއުމުގެ ފުރުސަތު ތަނަވަސްވެގެންދާނެ ކަމަށް ވެސް ޖަމީލު ވިދާޅުވިއެވެ.
ޑރ. ޖަމީލު އިތުރަށް ވިދާޅުވީ މި ޝަރީީއަތުގައި ދެކަމެއް މިހާރުން މިހާރަށް ހަމަޖެހެން ޖެހޭ ކަމަށެވެ. އޭގެ ތެރެއިން ފުރަތަމަ ކަމަކީ ކްރިމިނަލް ކޯޓު ހިންގުމާ މިހާރު ހަވާލުވެވަޑައިގެން ހުންނެވި އަލީ ރަޝީދު ބެންޗުގައި އިންނަވަން މިހާރުގެ ސުލޫކީ މިންގަނޑު ބުނާގޮތުން ހުއްދަ ނުކުރުމުން އެ ބެންޗުގައި އެ ފަނޑިޔާރު ނުހިމެނުމެވެ. އަދި ދެވަނަ ކަމަކީ މި މައްސަލައިގެ މުޅި އަޑުއެހުން ނިމެންދެން އަދުލު އިންސާފުގެ މިންގަނޑަށްޓަކައި މި މައްސަލަ އެއް ހަމައެއްގައި ގެންގޮސް ނިންމުމެވެ.
ކްރިމިނަލް ކޯޓުގެ ޝަރީއަތްތައް ޓެލެކާސްޓް ކުރުމުގެ އުސޫލު އަލުން މުރާޖައާކޮށް އާންމުކޮށްގެން ނޫނީ ޝަރީއަތްތައް ޓެލެކާސްޓް ނުކުރުމަށް އެ ކޯޓުން ނިންމާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.
ރައީސް ޔާމީންގެ މައްސަލަ ބެއްލެވި ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހްމަދު ހައިލަމް ސަސްޕެންޑްކޮށްފައިވަނީ މިމަހުގެ ފަސްވަނަ ދުވަހުއެވެ. ޖޭއެސްސީން ހައިލަމް ސަސްޕެންޑް ކޮށްފައިވަނީ އެ ކޮމިޝަނުން ބަލަމުން އަންނަ ސުލޫކީ މައްސަލައަކާ ގުޅިގެންނެވެ. ހައިލަމްގެ ސުލޫކީ މައްސަލައެއް ބަލުމުން އަންނަނީ، ނަސްރުގެ ދުވަހުގެ ތަހުނިޔާ ފޮނުވުމަށް، ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކަރުފުޅުގައި ޗޭނުޖަހާފައިވާ ފޮޓޯއެއް ވައިބާ ގުރޫޕަކަށް ލީ މައްސަލައިގައެވެ.
ރައީސް ޔާމީންގެ ޝަރީއަތް މާދަމާއަށް ވަނީ ތާވަލުކޮށްފައެވެ. އެ ޝަރީއަތް ފެށުމަށް ހަމަޖެހިފައިވަނީ މާދަމާ މެންދުރު 1:30 ގައެވެ.