މި ނިމުނު ސެމިސްޓަރުގައި ވިލާ ކޮލެޖުން ޖުމްލަ 965 ދަރިވަރުން ސެޓްފިކެޓް ހާސިލުކޮށްފައިވާ ކަމަށް އެ ކޮލެޖުގެ ބާނީ ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ޔުނިވާސިޓީ އޮފް ދަ ވެސްޓް އޮފް އިންގްލެންޑް-ވިލާ ކޮލެޖުގެ ތިންވަނަ ގްރެޖުއޭޝަން ހަފުލާގައި މިއަދު ވާހަކަދައްކަވަމުން ގާސިމް ވިދާޅުވީ، އެކައުންޓިން އާއި ފައިނޭންސާއި ބިޒްނަސް އެންޑް ހިއުމަން ރިސޯސް މެނޭޖްމަންޓާއި މާކެޓިންނާއި ކޮމްޕިއުޓިން ސައިންސާއި އިންފޮމޭޝަން ޓެކްނޮލޮޖީ އާއި ނާސިން އާއި ޕަބްލިކް ހެލްތާއި އެޑިއުކޭޝަން ދާއިރާއިން ޑިގްރީ ނުވަތަ މާސްޓާސް ޑިގްރީ 345 ދަރިވަރުން ހާސިލުކޮށްފައިވާ ކަމަށެވެ. މީގެ އިތުރުން ވިލާ ކޮލެޖުގެ އަމިއްލަ ޕްރޮގްރާމްތަކުން ޑިގްރީ އާއި މާސްޓާސް ނިންމި 306 ދަރިވަރަކާއި ޑިޕްލޮމާއިން ސެޓްފިކެޓް ފެންވަރުގެ ކޯސްތައް ނިންމި 314 ދަރިވަރުންނާއެކު ޖުމްލަ 965 ދަރިވަރުން މި ސެމިސްޓަރުގައި ކޯސްތައް ފުރިހަމަކޮށްފައިވާ ކަމަށް ގާސިމް ވިދާޅުވިއެވެ.
ސެޓްފިކެޓް ހާސިލު ކުރި ކުދިންނާ މުހާތަބު ކުރައްވައި ގާސިމް ވިދާޅުވީ، ހިނގަމުން މިދާ ގަރުނުގައި އިންޑަސްޓްރީތަކުގެ އަމާޒާއި ލަނޑުދަނޑިތައް ބަދަލުވެފައިވާ ކަމަށެވެ. މިއަދުގެ ގުރެޖުއޭޓުން ގަބޫލުކުރަންވީ އިލްމާއި ހުނަރު އަދި ތަޖުރިބާ ހޯދުމުގެ މަަސައްކަތް ހުއްޓާ ނުލައި ކުރިއަށްގެންދިއުމަށް ކަމަށްވެސް ވިދާޅުވިއެވެ. ދަރިވަރުން މަސައްކަތް ކުރަންވީ، 21 ވަނަ ގަރުނުގެ ހުނަރުތަކަށް ފަރިވެ އަހުލުވެރިވުމަށް ކަމަށްވެސް ވިދާޅުވިއެވެ.
ދަރިވަރުންނަށް ނަސޭހަތް ދެއްވަމުން ގާސިމް ވިދާޅުވީ ދަރިވަރުން ސަމާލުކަން ދޭންވީ މަސައްކަތުގެ އަހުލާގަށް އިސްކަންދޭ މީހަކަށްވުމަށާއި އަނެކުންނަށް އިހުތިރާމު ކުރުމާއި އަގުވަޒަން ކުރާ މީހަކަށް ވުމަށް ކަމަށެވެ. އަދި ގިނަ ރޮނގުތަކުން ދުރަށް ވިސްނުން ހިންގައިގެން ގޮތް ނިންމުމަށާއި މަސައްކަތުގައި ތެދުވެރި ހީވާގި މީހަކަށް ވުމާއެކު ތިމާގެ ކާމިޔާބު ބިނާވާނީ އަދި ލިބޭ ފައިދާ ބޮޑުވާނީ ގުޅިގެން ކުރާ މަސައްކަތުންކަން ގަބޫލުކުރާ މީހަކަށްވުމަށް ސަމާލުކަން ދިނުމަށް ގާސިމް ވިދާޅުވިއެވެ.