(11 ނޮވެމްބަރުގެ އަދަދާ ގުޅޭ)
سُهيل ޖަވާބުދެއްވުމުގެ ބަދަލުގައި މޫނުފުޅު އަނެއްފަރާތަށް އަނބުރައިލެއްވިއެވެ.
ފާރަވެރިޔާ ބުންޏެވެ. "سُهيل އެވެ! އަހަރެން ކަލެޔާމެދު ހަރުކަށިކޮށެއް ކަންތަކެއް ނުކުރަމެވެ. ކަލޭގެ ބައްޕަޔާއި ބޭބެ ޤަތުލުވިކަމުގައިވިޔަސް އެއީ އަހަރެންގެ ކުށެއް ނޫނެވެ. އެބޭފުޅުން ބަޣާވަތް ކުރެއްވުމުގެ ކުރީގައި އެ އިސްތަށިފުޅު ތެޅުއްވެނީ ފަރުބަދައެއްގައިކަން ވިސްނައިވަޑައިގަންނަވަން ޖެހިވަޑައިގަންނަވާނެއެވެ. ބަލިކަށި ބަޔަކު ގަދަފަދަ މީހަކާ ކުރިމަތިލުމުން ނުކުންނާނެ ނަތީޖާ ނުކުތީއެވެ. ނިކަން އެފަރާތް ބަލައިލަބަލާށެވެ. جمشيد މިއަވަށުގެ ދެކުދިން ބަލިކުރައްވައިފިއެވެ. މިހާރު އެއްވެސް ކުއްޖަކަށް އޭނާގެ ކުރިފުޅުމައްޗަށް ނުކުންނާކަށެއް ނުކެރެއެވެ."
سُهيل ޖަވާބު ދެއްވިއެވެ. "ބަލިވެއްޖެކަން ޤަބޫލު އެކުރަނީ އީރާނު މީހަކު ފެންނައިރަށް އެއީ ތިމާގެ ސާހިބާކަމުގައި ބަލައިއުޅޭ ތިޔަކަހަލަ ދަނޑުވެރީންގެ ދަރީންނެވެ. އެކުދީންނަށް جمشيد އަކީ ތޫރަޖަށް މާބެ ވިދާޅުވާ ބޭފުޅެއްކަމާއި، جمشيد ވަތަކުތޯ ޖަހައިފިނަމަ ތޫރަޖުގެ ނޯކަރުންނާއި އޭނާގެ ސިފައިން އެކުއްޖެއްގެ ގުނަވަންތައް ބުރިބުރި ކޮށްލާނެކަން އެނގޭނެއެވެ. ތިޔަކަހަލަ ޢަރަބީން އީރާނުމީހުންގެ ފަހަތުގައި ނުތިބޭނަމަ جمشيد އަށް ފަހުލަވާނަކަށް ވެވަޑައިގަތުމުގެ ހުވަފެންފުޅެއްވެސް ފެނިވަޑައެއް ނުގަތީހެވެ."
ފާރަވެރިޔާ އައިރުޅީގައި سُهيل ގެ މުލައްދަނޑިފުޅުގައި ހިފައިގެން ދަމައިފައި ފަސްގަނޑުގެ ކައިރިޔަށް ގެންގޮސްފިއެވެ.
"جمشيد! جمشيد!" އޭނާ ވަރަށް ބާރަށް ގޮވައިލިއެވެ. "މިހިރަ މޮޔަ ކަލޭގެ މިއުޅެނީ މަނިކުފާނާއެކު ބާރުވަޒަންކޮށްލާ ހިތުންނެވެ. ނިކަން މީނާގެ ސިކުނޑި ހާނުއްވައިދެއްވަ ބައްލަވާށެވެ!"
جمشيد ބަނޑުހައިވެފައިއޮތް މިނިކާ ޖަނަވާރެއްހެން سُهيل އާ ދިމާޔަށް ބައްލަވައިލެއްވިއެވެ. ނަމަވެސް سُهيل އޭނާއާ ދިމާޔަށް ބައްލަވައިވެސް ނުލެއްވުމުން ފާރަވެރިޔާ ގައިގައި ހުރިހައި ބާރެއްލައިފައި سُهيل ފަސްގަނޑާ ދިމާޔަށް ކޮށްޕައިލިއެވެ. سُهيل އަނގަފުޅުވަތަށް ފަސްގަނޑަށް ވެއްޓިވަޑައިގެންފިއެވެ. جمشيد ހިނިފުޅުވަޑުވަމުން ވަޑައިގެން سُهيل ގެ ކަރުފުޅުގައި ފައިންޕުޅު އަޅުއްވައިފިއެވެ. ކުޅިބަލަންތިބި މީހުން ކަކަކަކަ އަޅައިފައި ހީނގެންފިއެވެ. ޢުމުރުން ދުވަސްވެފައިހުރި އީރާނު މީހަކު ބުންޏެވެ. "جمشيد އެވެ. އޭނާ ތެދުވިޔަ ދެއްވާށެވެ. އަޅުގަނޑުމެން މަނިކުފާނާއި އޭނާ ގުޅަމަތިހިފާ މަންޒަރު ބަލަން ބޭނުމެވެ." جمشيد سُهيل ގެ ކަރުފުޅުން ފައިންޕުޅު ނަންގައިފިއެވެ. سُهيل ތެދުވެވަޑައިގެން އޭނާގެ ކިލާވެފައިވާ ހެދުންކޮޅުން ހިރަފުސް ފޮޅުއްވަން ފައްޓަވައިފިއެވެ. ކުއްލިޔަކަށް جمشيد سُهيل ގެ ކަނދުރާފުޅާއެކު ހިއްޕަވައި ދެފަރާތަށް ހޫރުއްވައި ފަހަތަށް ކޮއްޕަވައި سُهيل ވައްޓަވައިލެއްވޭތޯ މަސައްކަތްޕުޅު ކުރައްވާން ފައްޓަވައިއެވެ. ނަމަވެސް سُهيل ވެއްޓިވަޑައިނުގެން ފައިންޕުޅު ހަރުކޮށްލެއްވިއެވެ. جمشيد ކުރިޔަށް ޖެހިވަޑައިގެން މުލައްދަނޑިފުޅުގައި ހުރި ހުރިހައި ބާރެއް ލައްވައިފައި سُهيل ގެ މޭފުޅުމަތީގައި ގުއްޓެއް އަޅުއްވައިފިއެވެ. އެވަރުންވެސް سُهيل އޭނާއާ ހިއްޕަވާކަށް ނުއުޅުއްވިއެވެ.
"މިހިރަ ފިނޑިކަލޭގެ ކަށިތައް މުގުރުވަން ތިޔައުޅެނީ ކީއްވެހެއްޔެވެ؟" މިހެން ވިދާޅުވެފައި جمشيد سُهيل ގެ ކަންކަށިފުޅުމަތީގައި އެތިފަހަރެއް ޖައްސަވައިފިއެވެ.
سُهيل އޭނާގެ ކަންފަތްޕުޅުމަތީގައި ފިރުންމަވަމުން ފަހަތަށް ޖެހިވަޑައިގެންފިއެވެ. އޭނާ ޒަޚަމްވެފައިވާ މިނިކާވަގެއްހެން جمشيد އާ ދިމާޔަށް ބައްލަވަން ފައްޓަވައިފިއެވެ. جمشيد ކޯފާވެގެން ދެވަނަފަހަރަށް އަތްޕުޅު މަޅުއްވައިގެންނެވުމުން سُهيل ކުއްލިޔަކަށް جمشيد އާ ދިމާކޮށްލެއްވިއެވެ. جمشيد ގެ މޫނުފުޅު މަތީގައްޔާއި، ކަނދުރާފުޅުގައްޔާއި، މޭފުޅުގައި ވިދިވިދިގެން އެތަކެއް އެތިފަހަރު ޖެއްސެވުމަށްފަހު جمشيد އާ ބަނޑުމުސާރަޔަށް ބައްދަވައިފިއެވެ. އެސްފިޔަ ޖަހައިލައިފައި އިރުކޮޅެއްގެ ތެރޭގައި سُهيل جمشيد އޭނާގެ އަތްދަނޑިފުޅުމައްޗަށް ނަންގަވައިފައި އިސްތަށިފުޅު ވަތަށް ބިންމައްޗަށް ޖައްސަވައިފައި އޭނާގެ މޭފުޅު މައްޗަށް އަރައިވަޑައިގެންފިއެވެ. ކުޅިބަލާ މީހުން ޙައިރާންވެ އަންތަރީސްވިއެވެ. جمشيد ތެދުވެވަޑައިގަންނަވަން މަސައްކަތްޕުޅު ކުރެއްވިއެވެ. ނަމަވެސް سُهيل އެއްއަތްޕުޅުން جمشيد ގެ ކަނދުރާފުޅުގައި ހިފަހައްޓަވައިފައި އަނެއް އަތްޕުޅުން އޭނާގެ މޫނުފުޅު މަތީގައި ތަޅުއްވަން ފައްޓަވައިފިއެވެ. އެހައިތަނުން ކުޅިބަލާ މީހުން ހަޅޭއްލަވަން ފަށައިފިއެވެ. އީރާނު މީހަކު ރުޅިއައިސްގެންގޮސް سُهيل ގެ އިސްތަށިފުޅުގެ އިސްތަށިކޮޅުތަކުގައި ހިފައިފައި جمشيد އާ ދުރުކޮށްފިއެވެ.
جمشيد ތެދުވެވަޑައިގެން ހަޅޭއްފުޅުލައްވައިގެންނެވިއެވެ. "އަހަރެން އޭނާ މަރައިލާނަމެވެ. އަހަރެން އޭނާގެ ގުނަވަންތައް ބުރިބުރިކޮށްލާނަމެވެ." އޭނާ ކުރިޔަށް ވަޑައިގެން سُهيل ގެ ގަމީސްކޮޅުގެ ކަރުވަޅަށް އަތްޕުޅު ބާނުއްވައިފައި ގަމީސްކޮޅު ފަޅުއްވައިލައްވައިފައި އެއްލަވައިލެއްވިއެވެ.
سُهيل އޭރުވެސް މަސައްކަތްޕުޅު ކުރައްވަމުން ގެންދެވީ އީރާނުގެ ޒުވާނާގެ ކިބައިން ސަލާމަތްވެވަޑައިގެންނެވޭތޯއެވެ. ނަމަވެސް جمشيد އޭނާގެ ގައިކޮޅުގައި ތަޅުއްވަން އަތްޕުޅު އުފުއްލަވައިލެއްވުމާއެކު سُهيل އޭނާގެ ގައިކޮޅުގައި ހިފަހައްޓައިފައި ހުރިމީހާގެ ކަނދުރާގައި އަތްޕުޅު އަޅުވައިލައްވައިފައި އެލިވަޑައިގެން ދެފައިންޕުޅު އުފުލައިލައްވައިފައި جمشيد ގެ ބަނޑުފުޅުގައި ދެފައިންޕުޅުން ޖައްސަވައިފިއެވެ.
جمشيد ފަސްފަހަތަށްގޮސް އިދިފުށަށް ވެއްޓިވަޑައިގެންފިއެވެ. އީރާނުގެ ޒުވާނާ سُهيل ގެ އިސްތަށިކޮޅުތަކުން ދޫކޮށްލައިފައި އޭނާގެ ގައިކޮޅުގައި ވަރުގަދަޔަށް ހިފަހައްޓައިފިއެވެ. އޭނާ ކުޅިބަލަން ތިބިމީހުންނާ ދިމާޔަށް ހަޅޭއްލަވައިގަތެވެ. "ކަލޭމެން ތިޔަތިބީ ކޮންއެއްޗެއް ބަލަންހެއްޔެވެ. މިކުއްޖާ މިހިރީ މޮޔަވެފައެވެ. މީނާ އަވަހަށް ގެންދާށެވެ."
جمشيد ކުކުރާވަޑައިގަންނަވަމުން ތެދުވެވަޑައިގެންފިއެވެ. އިރުކޮޅަކު ހަތަރުފަރާތަށް ބައްލަވައިލެއްވުމަށްފަހު ދުވެވަޑައިގެންފައި ވަޑައިގެން ފާރަވެރިޔެއްގެ އަތުން ލޮންސިއެއް އަތުލައްވަން މަސައްކަތް ފެއްޓެވުމުން ފާރަވެރިޔާ ހަޅޭއްލަވައިގަތެވެ. "جمشيد އެވެ. އަޅުގަނޑު މަނިކުފާނަކަށް މިލޮންސިއެއް ނުދޭނަމެވެ. ސާހިބާ އަޅުގަނޑުގެ ހަންދަންމާލައްވާނެއެވެ."
ލޮންސި އަތުލައްވަން އިރުކޮޅަކު ގަދަހެއްދެވުމަށްފަހު ލޮންސި ދޫކޮށްލައްވައިފައި ވަޑައިގެން ދަނޑުވެރިޔެއްގެ އަތުން ލަޓިގަނޑެއް ފިރުއްކަވައިގެންނެވިއެވެ. جمشيد سُهيل އާ ދިމާޔަށް ވަޑައިގަންނަވާން ފެއްޓެވުމުން ޢުމުރުން ދުވަސްވެފައިހުރި ޢަރަބީންގެ މީހެއް ކުރިފުޅުމައްޗަށް އަރައިފައި ދެންނެވިއެވެ. "ބައްލަވާށެވެ. جمشيد އެވެ. ހުސްއަތާ ހުރިމީހަކާ ތިޔަގޮތަށް ދިމާކުރެއްވުމަކީ ހިތްވަރުފުޅު ގަދަކަމެއް ނޫނެވެ."
جمشيد ކޯފާވެގެން އޭނާގެ ބޮލުގައި އެތިފަހަރެއް ޖައްސަވައިފިއެވެ. މުސްކުޅި ޢަރަބިކަލޭގެ ސިހިގެންގޮސް ފަހަތަށް ޖެހިފައި އޭނާގެ ޒަޚަމްވެފައިވާ ބޮލުގައި ދެއަތުން ހިފަހައްޓައިގެން އިށީނދެއްޖެއެވެ.
އޭރުވެސް سُهيل އީރާނުގެ ޒުވާނާގެ ކިބައިން ސަލާމަތްވެވަޑައިގެންނެވޭތޯ މަސައްކަތްޕުޅު ކުރައްވަނީއެވެ. ނަމަވެސް އޭނާއަކަށް ކާމިޔާބު ލިބިވަޑައެއް ނުގެންނެވިއެވެ. އެކަމަކު މުސްކުޅި ޢަރަބިކަލޭގެ ޒަޚަމްކޮށްލައްވައިފައި جمشيد އޭނާއާ ދިމާޔަށް ވަޑައިގަންނަވަން ފެއްޓެވުމުން އާރެއްބާރެއް ނެތްކަމުގެ އިޙްސާސް سُهيل އަށް އޭނާގެ އެންމެފަހުގެ ހަތިޔާރު އަޖުމަބެއްލެވުން މަޖުބޫރުކޮށްފިއެވެ. ކުއްލިޔަކަށް އީރާނުގެ ޒުވާނާގެ އިނގިލިއޮތީ سُهيل ގެ އަނގަފުޅުގައެވެ. ކުޅިބަލާ މީހުންނަށް އިވުނީ އޭނާ ހަޅޭއްލަވައިގަތް އަޑެވެ. ސިކުންތުކޮޅެއްގެ ތެރޭގައި سُهيل މިނިވަންވެވަޑައިގެންފިއެވެ. އީރާނުގެ ޒުވާނާ އޭނާ އިނގިލީގައި ފިރުމަމުން ގެންދެއެވެ.
جمشيد ލަޓިގަނޑުން ޙަމަލަދެއްވުމުން سُهيل އެއްފަރާތަށް އަރާވަޑައިގެން އެއެތިފަހަރުން ރެކިވަޑައިގަތެވެ. ދެވަނަ އެތިފަހަރު ހޫރާލެއްވުމުންވެސް ފުންމައިވަޑައިގެން އެއްފަރާތަށް ޖެހިވަޑައިގެންފިއެވެ. އެއަށްފަހު سُهيل ދުވެވަޑައިގެންފައި ވަޑައިގެން ފަސްގަނޑުން ނުކުމެވަޑައިގަންނަވަން އުޅުއްވިއެވެ. ނަމަވެސް އެއަވަށުގައި އުޅޭ އީރާނުގެ ކުދިންތައް އޭނާ ނުކުމެވަޑައިގެންނެވިޔަކަ ނުދިނެވެ. އެކަކު އޭނާ ހިފަހައްޓައިފައި ފަސްގަނޑާ ދިމާޔަށް ކޮއްޕައިލިއެވެ. މިހާރު جمشيد ތަނެއް ދޮރެއް ނުބައްލަވައި سُهيل ގެ ގައިކޮޅުގައި ތަޅުއްވަނީއެވެ. سُهيل ކުރައްވާނެ ކަމެއް ނެތިގެން ފަސްގަނޑުގެ ތެރޭގައި ކޮޅުކޮޅަށް ދުވެވަޑައިގެން އަމިއްލަފުޅު ހަށިކޮޅު ސަލާމަތްކުރެއްވޭތޯ މަސައްކަތްޕުޅު ކުރައްވަނީއެވެ. ކުޅިބަލާ މީހުންގެ ތެރޭގައި ތިބި ޢަރަބީންގެ ހަމްދަރުދީ ވަނީ سُهيل އާ އެކުގައެވެ. ނަމަވެސް އެބައިމީހުންގެ ދޫތައްވަނީ ބަންދުވެފައެވެ. އެއާ ޚިލާފަށް އީރާނުގެ ކުޑަކުދިންނާއި، ބޮޑެތިމީހުންނާއި މުސްކުޅީން جمشيد އަށް ސާބަސްދީ ހަޅޭއްލަވަމުން ގެންދެއެވެ. އެބައިމީހުންގެ އަޑުފައްގަނޑަށް ތޫރަޖުގެ ޚާދިމުންގެ ބަޔަކާއި އަވަށުގެވެސް އެތައް ބަޔަކު އެތަނަށް އެއްވެއްޖެއެވެ. سُهيل ގެ އިސްތަށިފުޅުން ލޭތައް ފައިބައެވެ. އޭނާގެ ފައިންޕުޅުގެ ފަލަމަސްގަނޑާއި، މުލައްދަނޑިފުޅާއި އަރިކަށިފުޅަށްވެސް ވަނީ ވަރުގަދަ އެތިއެތިފަހަރު އަރައިފައެވެ. މިހާރު އޭނާ ގިނަ އެތިއެތިފަހަރު މަތަކުރައްވަނީ އޭނާގެ ޒަޚަމްވެފައިވާ އަތްޕުޅުންނެވެ.
ކުއްލިޔަކަށް އަސްވާރަކު އަންނަތަން ފެނިއްޖެއެވެ. އޭނާ ފަސްގަނޑުގެ ކައިރިޔަށް އައިސް އަސް މަޑުކޮށްލައިފިއެވެ. އެއީ حسّان އެވެ. ނަމަވެސް އޭނާގެ ހެދުންކޮޅުން އޭނާއަކީ ޢަރަތްބަކުހެނެއް ހީއެއްނުވެއެވެ. ހީވަނީ އީރާނުގެ އަމީރެއްގެ ބޭފުޅެއްހެންނެވެ. އޭނާގެ ހެދުންކޮޅު އަވަށުގެ މީހުންގެ ހިތްތަކުގައި އޭނާގެ ހައިބަތު އުފައްދަން ފުދެއެވެ. އެބައިމީހުން އަދަބުވެރިކަމާއެކު އެއްފަރާތަކަށް އަރައި ސަލާމްކުރަން ފަށައިފިއެވެ.
حسّان ސުވާލުކުރެއްވިއެވެ. "މިވަނީ ކީއްހެއްޔެވެ؟ މިއީ ކޮންކުއްޖެއް ހެއްޔެވެ؟ އޭނާގެ ކުށަކީ ކޮބައިހެއްޔެވެ؟"
ލޮންސި ހިފައިގެންހުރި ފާރަވެރިޔާ ޖަވާބުދިނެވެ. "މާބޮޑުކަމެއް ނޫނެވެ. މިމޮޔަކަލޭގެ އޭނާގެ ބާރުގެ އަޖުމަ ބަލާހިތްވަނީއެވެ."
"ކަލޭމެން ވަހުޝީއެއްގެ އަތަށް ލަޓިގަނޑެއްދީގެން އޭނާއާ ޙަމަލަދޭން ގެނުވީހެއްޔެވެ؟ ކުޑަކުޑަ ކުއްޖަކާމެދު މިފަދަ އަނިޔާވެރި ޢަމަލެއް ހިންގަން ކަލޭމެން ލަދެއް ނުގަނޭހެއްޔެވެ؟"
حسّان އެހެން ވިދާޅުމުން سُهيل އެމީހެއްގެ އިނގިލި ހައްޕަވައިލެއްވި ޒުވާނާ ދެންނެވިއެވެ. "ސާހިބާއެވެ. މިކުއްޖާއަކީ ޢަރަބީންގެ ބޮޑެތި މީހުނަށްވުރެ މާނުރައްކާތެރި ކުއްޖެކެވެ. މީނާ އަޅުގަނޑުމެންގެ ސިފައިންގެ ދެމީހުން ޒަޚަމްކޮށްލިއެވެ. އަޅުގަނޑުގެ އިނގިލިވެސް މިއޮތީ ހަފައިލައިފައެވެ. ބައްލަވަ ބައްލަވާށެވެ!"
"އޭނާގެ ނަމަކީ ކޮބައިހެއްޔެވެ؟"
"މިކުއްޖާގެ ނަމަކީ سُهيل އެވެ! މިއީ ބާޣީއެއްގެ ދަރިޔެކެވެ."
حسّان ގެ ކެތްތެރިކަންވަނީ ކޮޅުންލައިފައެވެ. އަނިޔާ ލިބެމުންދާ ކޮއްކޮގެ ލޯބި އޭނާގެ އަތްޕުޅު ކަނޑީގެ މުއްގަނޑާ ހަމަޔަށް ގެންދިޔައެވެ. ނަމަވެސް ސިފައިންގެ މީހެއްގެ ވިސްނުންތެރިކަމާއި ކެތްތެރިކަން އޭނާއަށް އަވަސްއަރައިވަޑައިގަތުމުގެ އިޒުނައެއް ނުދިނެވެ. އޭނާ ލޭގެ ކޯވަރުތައް ހިއްޕަވަން ހިމޭނުން ހުންނެވިއެވެ.
حسّان ވަޑައިގަތުމުން جمشيد ގެ ޖޯޝާއި ފޯރިވެސް ތަންކޮޅެއް ކުޑަވެއްޖެއެވެ. ނަމަވެސް އޭނާ ހުންނެވީ سُهيل ލައްވައި ދެރަފުޅުވެއްޖެކަމަށް އިޢުތިރާފު ކުރުވުމަކާނުލައި ހަނގުރާމަ ހުއްޓައިލައްވަން ތައްޔާރަކަށް ނޫނެވެ. އޭނާ ތަންކޮޅެއް ފޯރިކުޑަގޮތަކަށް ދެތިން އެތިފަހަރެއް ޖައްސަވައިފިއެވެ. އެކިފަރާތްފަރާތަށް ދުވެވަޑައިގަތުމާއި ފަހަތަށް ޖެހިވަޑައިގަތުމުގެ ބަދަލުގައި سُهيل ކުއްލި ޙަމަލައެއް ދެއްވައި جمشيد ގެ އަތްޕުޅުގައި އެއްއަތްޕުޅުން ހިއްޕަވައިފައި އަނެއް އަތްޕުޅުން އޭނާގެ އަތްޕުޅުގައި އޮތް ދަނޑިބުރި ފިރުއްކަވައިގެންނެވިއެވެ.
ކުޅިބަލަން ތިބިމީހުންނަށް ދެންހީވީ، ނަފްރަތާއި، ރުޅިވެރިކަމާއި، ބަދަލުހިފުމުގެ ހުރިހާ ފުރޭތައެއް އެއްފަހަރާ سُهيل ގެ ހަށިކޮޅަށް ވަންހެންނެވެ. سُهيل ގެ ދެތިން އެތިފަހަރަކަށްފަހު جمشيد ފިލައިވަޑައިގަންނަވަން މަސައްކަތްޕުޅުކުރެއްވިއެވެ. ނަމަވެސް سُهيل އޭނާގެ ފަސްފަހަތަކުން ނައްޓައެއް ނުލެއްވިއެވެ. جمشيد ކީރިތިކުރައްވަމުން ފަސްގަނޑުން ނުކުމެވަޑައިގެން ތޫރަޖުގެ ގެޔާދިމާޔަށް ދުވެވަޑައިގަންނަވާން އުޅުއްވިއެވެ. ނަމަވެސް سُهيل އޭނާގެ ކުރިބައްދަވައިފިއެވެ. جمشيد އަށް އެއްވެސް ކާމިޔާބެއް ލިބިވަޑައެއްނުގެންނެވިއެވެ. ދަނޑިބުރީގެ ކޮންމެ އެތިފަހަރަކާއެކު جمشيد ގެ އަޑުފުޅު ބާރުވެއެވެ. އެންމެފަހުން އޭނާ ވެއްޓިވަޑައިގެންފިއެވެ.
މީހުންކޮޅެއް އޭނާއާ އެހީވާން ދުއްވައިގަތެވެ. ނަމަވެސް حسّان ގުގުރާވަޑައިގެންފައި ވިދާޅުވިއެވެ. "މަޑުން ތިބޭށެވެ. ކަލޭމެންގެ ތެރެއިން މީހަކު މިދެމެދަށް ވަދެއްޖެނަމަ އެމީހެއްގެ ބޯއުދުއްސައިލާނަމެވެ."
جمشيد އާ އެހީވާންދިޔަ މީހުންތައް ހުއްޓިއްޖެއެވެ. އީރާނު މީހަކު حسّان އަރިހު ދެންނެވިއެވެ. "ސާހިބާއެވެ! جمشيد އަކީ ތޫރަޖުގެ ތިމާގެފުޅު ބޭފުޅެކެވެ. ޢަރަބި އަޅެއްގެ އަތުން އޭނާގެ ޚާންދާން ނިކަމެތިވުމަކީ އޭނާއަށް ޤަބޫލުކުރެއްވޭނެ ކަމެއްނޫނެވެ."
"އަހަރެން އޭނާ ސަލާމަތްކުރާނަމެވެ. ކަލޭ ތޫރަޖަށް ދަންނަވަން ދާށެވެ. އަހަރެން މިއައީ ހުރުމުޒުގެ އަރިހުންނެވެ." حسّان މިހެން ވިދާޅުވެފައި ކުރިޔަށް ވަޑައިގެން سُهيل ގެ އަރިހަށް އަސްކޮޅު މަޑުކޮށްލައްވައިފައި އަސްމަތީން ފުންމައިލެއްވިއެވެ.
މިހާރު جمشيد އޮންނެވީ މޫނުފުޅު ވަތަށް ބިންމައްޗަށް ވެއްޓިވަޑައިގެންފައެވެ. سُهيل جمشيد ގެ ގައިކޮޅުގައި ތެޅުއްވުމުގެ ބަދަލުގައި އޭނާގެ ހެދުންކޮޅު ވީއްދަވަނީއެވެ. "ހުއްޓައިލާށެވެ." حسّان سُهيل ގެ އަތްޕުޅުގައި ހިއްޕަވަމުން ވިދާޅުވިއެވެ. "މިހާރު ބަދަލު ހިފިއްޖެއެވެ. ދެން އަހަރެންގެ ވާހަކަ އަޑުއަހާށެވެ. ތިޔައީ حسّان ގެ ކޮއްކޮކަމުގައިވާނަމަ އަހަންނަށް ކަލޭ މިނިވަން ކޮށްދެވިދާނެއެވެ. އަހަރެންގެ އަސް ގޮވައިގެން ބަގީޗާގެ އެއްކަނަކަށްގޮސް މަޑުކޮށްލާށެވެ."
"އަހަރެން އީރާނުގެ އެއްވެސް މީހަކަށް އިތުބާރެއް ނުކުރާނަމެވެ." سُهيل ފަރުވާކުޑަގޮތަކަށް ޖަވާބު ދެއްވިއެވެ.
(ނުނިމޭ)