ބޮލީވުޑްގެ މަޝްހޫރު ތަރީންގެ މިހާރުގެ ޝަހުސިއްޔަތާއި ސިފަ ގިނަ ބަޔަކަށް އެނގުނަސް، އެމީހުންގެ ކުޑަ އިރުގެ ފޮޓޯތައް ފެނިފައި ވާނީ މަދު ބަޔަކަށެވެ. އޭގެން ބައެއް ތަރީންގެ ކުޑައިރުގެ ފޮޓޯތައް އެހާ އާއްމެއް ވެސް ނޫނެވެ. ބައެއް ތަރީން ޅަ އިރު ނުވަތަ ކުޑަ އިރު ތިބި ގޮތް، އެމީހުންގެ އިސްތަށިގަނޑުގެ ސްޓައިލް، ހަށިގަނޑުގެ ސިފަ ފަދަ ކަންކަމަކީ ވަރަށް ގިނަ މީހުން އެނގެން ޝައުގުވެރިވާ ކަންކަމެވެ. ތިރީގައި އެވަނީ ބޮލީވުޑްގެ ބައެއް ތަރީންގެ އެހާރާއި މިހާރުގެ ފޮޓޯތަކެވެ.
ސަލްމާން ޚާނަކީ ބޮލީވުޑްގެ އެންމެ މަޝްހޫރު އެއް ސުޕަސްޓާރެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެތައް މިލިއަން ފޭނުންނެއް އެބަތިއްބެވެ. ސަލްމާންގެ ވަރަށް ގިނަ ފޭނުންނަކީ އޭނާގެ ރީތި ހަށިގަނޑާ ހެދި ކްރޭޒީ ވެފައި ތިބޭ ބަޔެކެވެ. އުމުރުން 50 އިން މައްޗަށް ގޮސްފައިވާ އިރު، މިއަދުވެސް ސަލްމާން ފެންނަނީ ވަރަށް ފިޓުކޮށް ބިލްޑްއަޕް ކޮށް ހުންނަ ތަނެވެ. ޔަގީންކުރެވޭ ކަމަކީ ސަލްމާންގެ ކުޑައިރުގެ މި ފޮޓޯއިން އެއީ އޭނާކަން ދެނެގަނެވޭނެ މީހުން އޭނާގެ ފޭނުން ތެރޭގައި ވެސް ވަރަށް މަދުވާނޭ ކަމެވެ.
އެއްވެސް ޝައްކެތް ނެތް ގޮތުގައި ޝާޚަކީ ބޮލީވުޑުގެ ރަސްގެފާނެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުން އެތައް މިލިއަން މީހުނެއްގެ ހިތްތައް ޝާޚު ފަތަހަކޮށްފައި ވަނީ، އޭނާގެ މޮޅު ހުނަރުންނެވެ. ޝާޚަކީ ދުނިޔޭގައި އެންމެ ގިނަ ބަޔަކު ދަންނަ ސެލެބްރިޓީންގެ ތެރޭގައި ހިމެނޭ އެއް ތަރި އެވެ. ޝާޚުގެ ކުޑައިރުގެ މި ފޮޓޯއިން ވެސް އޭނާގެ ހުންނަ ލޯބި ލޯބި ފަން އިސްތަށިގަނޑު ފާހަގަވެ އެވެ. އަދި އޭނާގެ އެ ހުންނަ ހިނިތުންވުން ވެސް ފާހަގަވެ އެވެ. އެކަމަކު މި ފޮޓޯ ވަކީން ފެންނަ މީހަކަށް އެއީ ޝާޚުކަން ދެނެގަނެވޭނެ ބާވައެވެ؟
ދީޕިކާ އަކީ ބޮލީވުޑްގެ އެންމެ އަގުބޮޑު އަދި އެންމެ މަޝްހޫރު އެއް ތަރި އެވެ. އާދަޔާ ހިލާފު މޮޅު ހުނަރުން އޭނާ ވެސް ވަނީ އެތައް މިލިއަން މީހުނެއްގެ ހިތް އަތުލައިފަ އެވެ. ދީޕިކާގެ ޓްރެންޑިން ފެޝަން ތަކަކީ ވެސް އޭނާގެ އެތައް ފޭނުންނެއްގެ ހިތް ދަމައިގަންނަ ފެޝަންތަކެކެވެ. ދީޕިކާ އަކީ ސްޕޯޓްސްމަނެއްގެ ދަރިޔެއްކަން އޭނާގެ ކުޑައިރުގެ މި ފޮޓޯއިން ވެސް ސާފުކޮށް ފެނެ އެވެ.
ރަންބީރު ކަޕޫރަކީ މި ވަގުތު ބޮލީވުޑްގައި ތިބި ތަރީންގެ ތެރެއިން އެންމެ މަޝްހޫރު ޒުވާން އެއް ތަރި އެވެ. އޭނާގެ މަޝްހޫރުކަމުގެ އެއްބައި އާއިލާއާ ގުޅިފައިވީ ނަމަވެސް، މި ފަހަކަށް އައިސް ނުކުތް ގިނަ ފިލްމުތަކުން ވަނީ ބޮޑު މަގުބޫލުކަމެއް ހޯދާފަ އެވެ. ވަކީން ހާއްސަކޮށް ލޯބީގެ ބަޔާއި ޖަޒުބާތީ ބައިތަކަށް އޭނާ މޮޅެވެ. ކުޑައިރުގެ މި ފޮޓޯއަކީ ރަންބީރުގެ އުފަންދުވަހެއްގެ ޕާޓީއެއްގައި ނަގާފައިވާ ފޮޓޯއެކެވެ.
ސާރާ އަލީ ޚާން އަކީ ބޮލީވުޑްގެ މަޝްހޫރު ތަރީން ކަމަށްވާ ސައިފް އަލީ ޚާން އާއި އަމްރީތާ ސިންގުގެ ދަރިފުޅެވެ. ސާރާގެ މިހާރުގެ މޫނުމައްޗާ ކުޑައިރުގެ މި ފޮޓޯ ވައްތަރުކަމަށް ގިނަ ބަޔަކު ބުނެ އެވެ. ވަކީން ހާއްސަކޮށް ލޯމައްޗާއި ތުންފަތް ވައްތަރުކަމަށް ބުނާ މީހުން ގިނަ އެވެ.
އިންޑިއާއަށް އުފަން ނުވި ނަމަވެސް، އަދި އިންޑިއާގައި އުޅެ ބޮޑު ނުވި ނަމަވެސް، ކެޓްރީނާ ކައިފް ވަނީ އޭނާ އަކީ ބޮލީވުޑަށް 100 ޕަސެންޓު ފިޓު ތަރިޔެއްކަން ސާބިތުކޮށްދީފަ އެވެ. ކެޓްރީނާ އަކީ މިއަދު ބޮލީވުޑްގައި ހުރި އެންމެ މޮޅު އަދި އެންމެ މަގުބޫލު އެއް އެކްޓްރެސް ކަމާމެދު އެއްވެސް މީހަކު ސުވާލެއް ނުއުފައްދާނެ އެވެ. ކެޓްރީނާގެ ކުޑައިރުގެ މި ފޮޓޯ އޭނާއާ އަސްލުވެސް ވަރަށް ވައްތަރެވެ.
ލަސްލަހުން ނަމަވެސް ކާރްތިކް އާރްޔަން ވަނީ ބޮލީވުޑުގައި ނަމެއް ހޯދައި މަގުބޫލުކަން ހޯދައިފަ އެވެ. ކާރްތިކް ބޮޑަށް މަޝްހޫރުވެފައި ވަނީ ޒުވާން އަންހެންކުދީންގެ މެދުގަ އެވެ. އެއީ އޭނާގެ މައުސޫމް ސިފަތަކުގެ ސަބަބުންނެވެ. ކާރްތިކްގެ ކުޑައިރުގެ މި ފޮޓޯއިން އެއީ ކާރްތިކްކަން ވަކިކުރަން އެނގޭނީ މަދު މީހަކަށެވެ.
ރިތިކް ރޯޝަން އަކީ އޭނާގެ ފިޓު ހަށިގަނޑާއި ޒުވާން އަންހެން ކުދީންގެ ހިތްތަކާ ކުޅޭލާ މޮޅު ނެށުމުގެ ސަބަބުން ހާއްސަ މަޝްހޫރު ކަމެއް ލިބިފައިވާ ތަރިޔެކެވެ. އޭނާ އަކީ ބޮލީވުޑްގައި ހުރި އެންމެ މަގުބޫލު އަދި އެންމެ ގިނަ ބަޔަކު ލޯބިވާ އެއް ތަރިޔެވެ. ރިތިކްގެ މޫނުމަތި ކުޑައިރުގެ ފޮޓޯގައި ވެސް ވައްތަރެވެ.