ގައުމީ ޔުނިވަސިޓީ

ގައުމީ ޔުނިވަސިޓީގެ ޑެޕިއުޓީ ވައިސް ޗާންސެލަރުކަމުގެ މަގާމަށް ތިން ބޭފުޅަކު އައްޔަންކޮށްފި

މުހައްމަދު ޝަހީމް

މޯލްޑިވްސް ނެޝަނަލް ޔުނިވަސިޓީ (އެމްއެންޔޫ) އަށް ޑެޕިއުޓީ ވައިސް ޗާންސެލަރުންގެ ގޮތުގައި ތިން ބޭފުޅަކު މިއަދު އައްޔަންކޮށްފި އެވެ.

ޑެޕިއުޓީ ވައިސް ޗާންސެލަރުންގެ ގޮތުގައި އައްޔަންކުރި ތިން ވައިސް ޗާންސެލަރުންނަކީ ޑރ. އައިޝަތު ޝެހެނާޒް އާދަމާއި އައިޝަތު ޝާހީން އިސްމާއިލް އަދި ހުސެއިން ހަލީމެވެ. އެ ތިން ބޭފުޅުން ޑެޕިއުޓީ ވައިސް ޗާންސެލަރުކަމަށް އައްޔަންކޮށްފައިވަނީ މިއަދު އެމްއެންޔޫގެ ސެމިނާ ރޫމްގައި ބޭއްވި ހަފުލާއެއްގައެވެ.

އެބޭފުޅުންގެ ތެރެއިން އެކަޑެމިކް އެފެއާޒް ނުވަތަ އިލްމީ ހަރަކާތްތަކާ ބެހޭ ބައިގެ ޑެޕިއުޓީ ވައިސް ޗާންސެލަރަކަށް އައްޔަންކުރެއްވި އާއިޝަތު ޝާހީން އިސްމާއީލް އެވެ. އޭނާގެ މަސައްކަތުގެ ބޮޑު ބައި ހޭދަކުރައްވާފައިވަނީ ފެކަލްޓީ އޮފް ހެލްތު ސައިންސަސްގަ އެވެ.

ތައުލީމީ ދާއިރާގައި 10 އަހަރު އުޅުއްވުމަށްފަހު ދެ ގައުމެއްގެ ސަަފީރުކަންކުރައްވާފައިވާ ޑރ. އާއިޝަތު ޝެހެނާޒަށް ހަވާލުކުރެއްވީ ރިސާޗް އެންޑް އެންޓަޕްރައިސް ހިންގުމެވެ. ޝެހެނާޒަކީ ހިސާބު އިލްމުން ޕީއެޗްޑީ ހައްދަވާފައިވާ ބޭފުޅެކެވެ. އެ ފެކަލްޓީގައި 27 އަހަރު މަސައްކަތް ކުރައްވާފައިވާއިރު ދެ ދައުރެއްގައި އެ ފެކަލްޓީގެ ޑީންކަން އޭނާ ވަނީ ކުރައްވާފައެވެ.

އެޑްމިނިސްޓްރޭޝަން އެންޑް ފައިނޭންސްގެ ކަންކަން ބަލަހައްޓަން ހަވާލުކުރެއްވީ ހުސައިން ހަލީމް އަށެވެ. މީގެ ކުރިން ވެސް އޭނާ ވަނީ ޑެޕިއުޓީ ވައިސް ޗާންސެލަރުކަން ކުރައްވައިފަ އެވެ.

ޔުނިވަސިޓީއަށް އާ ޑެޕިއުޓީ ވައިސް ޗާންސެލަރުން އައްޔަންކުރީ މިދިޔަ އޮގަސްޓް މަހު ޔުނިވާސިޓީގެ ގާނޫނަށް ރައްޔިތުންގެ މަޖިލީހުން ގެނައި އިސްލާހާ ގުޅިގެންނެވެ. އެއާ އެކު އެ ތަންތަނުގައި ކުރިން ތިއްބެވި ބޭފުޅުން ވަކިކޮށް ޔުނިވާސިޓީ ހިންގަން އާ ބޭފުޅުން އައްޔަންކުރައްވައިި އާ ކައުންސިލް ވަނީ އެކުލަވާލައިފަ އެވެ.