މުހައްމަދު އައުޒަމް
ރާއްޖެއިން ޗައިނާއަށް ދަރަނީގެ ގޮތުގައި ދައްކަން ޖެހޭނީ 600 މިލިޔަން ޑޮލަރު ކަމަށް ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ އެމްބެސަަޑަރ ޒަންގ ލިޒްހޮންގ ވިދާޅުވެއްޖެ އެވެ.
އެމްބެސަަޑަރ ޒަންގ ލިޒްހޮންގ ވިދާޅުވީ ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު އާމުންނަށް އޮޅޭ ގޮތަށް ނުބައި މައުލޫމަތު ދެމުން ގެންދާ ކަމަށާއި އެކަން ބަލައި ނުގަނެވޭނެ ކަމަށެވެ.
ރައީސް ނަޝީދު ވިދާޅުވެފައި ވަނީ ޗައިނާއިން އިންޑިއާ ކަނޑުގެ ބާރު ހޯދުމަށް ކުރަމުންދާ މަސައްކަތުގައި ދިވެހި ރައްޔިތުން ޖެހިއްޖެނަމަ އެކަމުގެ ނުރައްކަލާއި ވަރަށް އަވަހަށް ކުރިމަތިލާން ޖެހޭނެ ކަމަށެވެ. ރައީސް ނަޝީދު މިގޮތަށް ފާހަގަ ކުރައްވާފައި ވަނީ ރައީސް ޔާމީންގެ ޒައާމަތުގައި ޗައިނާއިން ރައްޖޭގައި ބޮޑެތި މަޝްރޫއުތަށް ހިންގައިފައި ވާތީ އެޕްރޮޖެކްޓް ތަކަށް ޗައިނާއަށް ރާއްޖެ ދަރާފައިވާ ވަހަކަ އެވެ.
އިންތިހާބީ ރައީސްގެ ޓްރާންސިޝަނަލް ޓީމުން ވަނީ ރާއްޖެއިން ޗައިނާއަށް ތިން ބިލިޔަން ޑޮލަރަށް ދަރާފައި ވާކަމަށް ބުނެފައެވެ.
ރާއްޖޭގެ އޮންލައިން ނޫހެއްކަމަށްވާ އަވަސް އޮންލައިން އަށް ދެއްވި އިންޓަރވިއުއެއްގައި އެމްބެސަަޑަރ ޒަންގ ލިޒްހޮންގ ވިދާޅުވީ ރާއްޖެއިން ޗައިނާއަށް ދައްކަން ޖެހޭނީ 600 މިލިޔަން ޑޮލަރު ކަމަށާއި މިކަން ކަށަވަރު ކުރަން ބޭނުންނަމަ އެމްއެމްއޭގެ ވެބްސައިޓު ބަލާލުމަށް ވަނީ އެދެފައެވެ.
ލިޒްހޮންގ ވިދާޅުވީ ސެޕްޓެމްބަރ މަހުގައި ކޯލިޝަން ގެ އިސްބޭފުޅުންނާއި ބައްދަލު ކުރި ކަމަށާއި އަދި އިންތިހާބީ ރައީސް އާއި ވެސް ބައްދަލުކޮށް މި ކަންކަން ހިއްސާ ކޮށްފައިވާނެ ކަމަށެވެ.
ލިޒްހޮންގ ވިދާޅުވީ ރާއްޖެ ކަހަލަ އެކުވެރި ގާތް ގައުމެއް ދަރުވަލާފައި ލިބޭނެ އެއްޗެއް ނޯންނާނެ ކަމަށާއި ޗައިނާއިން އަބަދުވެސް މަސައްކަތް ކުރަނީ ދެގައުމުގެ ގުޅުންތަށް ތަފާތު ކުރުމެއް އިތުރު ފައިދާއެއް ނެގުމެއް ނެތި އެކުވެރިކަމާއި އެކު މަސައްކަތް ކުރުމަށް ކަމަށެވެ. ލިޒްހޮންގ އިތުރަށް ވިދާޅުވީ ރާއްޖެ ބަނގުރޫޓު ކޮށްލަން އެއްވެސް މަސައްކަތެއް ކޮށްފައި ނުވާނެ ކަމަށާއި އެކަމުގެ އެއްވެސް ހެއްކެއް ނުހޯދޭނެ ކަމަށެވެ.
ރާއްޖެއަށް ދޫކޮށްފައިވާ ލޯނުތަކަކީ ދެޕަސެންޓު އިންޓްރެސްޓާއި އެކު ފަސް އަހަރުގެ ގްރޭސް ޕީރިއަޑެއް ލާފައިވާ ލޯނުކަމުގައި ލިޒްހޮންގ ވިދާޅުވި އެވެ. ލިޒްހޮންގ އިތުރަށް ވިދާޅުވީ ރާއްޖެއިން ދައްކަންޖެހޭ 600 މިލިޔަން ޑޮލަރުގެ ލޯނަކީ ރާއްޖެއަށް ދޫކޮށްފައިވާ ސޮވެރިންގ ލޯނު ކަމަށާއި މިލޯނުން ފަންޑުކުރަން ޖެހިފައި ވަނީ ބްރިޖުގެ މަޝްރޫއު އާއި އެއާޕޯޓު ބޮޑުކުރުމުގެ މަޝްރޫއުގެ އިތުރުން ހައުސިންގ ޕްރޮޖެކްޓު ތަކަށެވެ.
އެމްބެސަަޑަރ ޒަންގ ލިޒްހޮންގ ވަނީ ޗައިނާ އާއި ރާއްޖެ އާ ދެމެދު އެއްވެސް ސިއްރު ޑީލެއް ނޯންނާނެ ކަމަށާއި ހުރިހާ އެގްރީމެންޓްތަކަކީ ވެސް ދެފުއް ފެންނަ އަދި ބައިނަލްއަގުވާމީ ބެސްޓް ޕްރެކްޓިސް އާއި އެއްގޮތް ހަދާފައިވާ އެގްރީމެންޓްތަކެއް ކަމަށް ވިދާޅުވެފައެވެ.