އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ މަގާމުން ވަކި ކުރުމާ ގުޅޭ ގޮތުން ގޮތެއް ނިންމާނީ އަންނަ ހޯމަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ކަމަށް މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވެފައި ވަނީ މިއަދުގެ މަޖިލީހުގެ ޖަލްސާ ފައްޓަވައިދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ނަޝީދު ވިދާޅުވީ ޖޭއެސްސީން މަޖިލީހަށް އިއްޔެ ހުށަހެޅި މި މައްސަލަ ދިރާސާކުރަން ޖުޑީޝަރީ ކޮމިޓީއަށް ފޮނުވަން ނިންމާފައިވާ ކަމަށެވެ. އަދި އެ ކޮމިޓީން މި މައްސަލަ ބަލައި ނިންމުމަށް ފަހު އަންނަ ހޯމަ ދުވަހު މި މައްސަލައާ މެދު ވަކި ގޮތެއް ނިންމޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ނަޝީދު ވިދާޅުވިއެވެ.
އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ 60 ދުވަހުގެ މުއްދަތަށް ފަނޑިޔާރުކަމުގެ މަސައްކަތުން ދުރުކޮށް، ފަނޑިޔާރުކަމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ޖޭއެސްސީން ނިންމާފައިވަނީ އިއްޔެ އެ ކޮމިޝަނުން ބޭއްވި ބައްދަލުވުމުގަ އެވެ. އެ ކޮމިޓީގެ އިއްޔެގެ ބައްދަލުވުމަށް ފަހު އާންމު ކުރި އެ ބައްދަލުވުމުގެ ނިންމުން ތަކުގައި ވާގޮތުން އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އާދަމް ސަސްޕެންޑްކުރީ އެ ދެ ފަނޑިޔާރުންނާ ގުޅޭ ގޮތުން ތަހުގީގުކުރާ މައްސަލަތަކުގެ ބާވަތަށް ބަލައި، ޝަރުއީ ދާއިރާގެ އިތުބާރު ނެގެހެއްޓުމުގެ އަސާސްގެ މައްޗަށް ބިނާކޮށެވެ.
މަޖިލީހަށް ޖޭއެސްސީން މި މައްސަލަ ހުށަހަޅާފައިވާއިރު އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އާދަމް ވިދާޅުވަނީ ޖޭއެސްސީއަށް އެބޭފުޅުން ޖަވާބުދާރީވެވަޑައިގަންނަވަން ޖެހިވަޑައިގަންނަވާ އަސާސެއް ނެތް ކަމަށެވެ. އަދި ޖޭއެސްސީއަށް ޖަވާބުދާރީވެވަޑައިގަތުމަށް އެދެބޭފުޅުން ވެސް ވަނީ އިންކާރު ކުރައްވާފައެވެ.