ދައުލަތުގެ ބަޖެޓު

ސަރުކާރުގެ ލޯނުތަކަށް ތިން އަހަރުތެރޭ 19 ބިލިއަން ރުފިޔާ ދައުލަތުން ދައްކަން ޖެހޭނެ: ޒިޔަތު

މަރިޔަމް ޝަހުދާ

ކުރިއަށް އޮތް ތިން އަހަރުތެރޭ ސަރުކާރުން ނަގާފައިވާ ލޯނުތަކަށް 19 ބިލިއަން ރުފިޔާ ދައްކަން ޖެހޭނެ ކަމަށް އޮޑިޓާ ޖެނެރަލް ހަސަން ޒިޔަތު ވިދާޅުވެއްޖެއެވެ.

ރައްޔިތުން މަޖިލީހުގެ ބަޖެޓު ކޮމިޓީގައި ވާހަކަ ދައްކަވަމުން ޒިޔަތު އިއްޔެ ވިދާޅުވީ ދައުލަތުގެ އާމްދަނީއަށް ވުރެ ހަރަދުތައް އިތުރުވަމުން އަންނަތަން ފެންނަ ކަމަށެވެ. އަދި ދަރަނީގެ މައްސަލައަށް ދައުލަތުން ހާއްސަ ސަމާލުކަމެއް ދޭން ޖެހޭކަން ޒިޔަތު ފާހަގަ ކުރެއްވިއެވެ.

ޒިޔަތު ވިދާޅުވީ ކުރިއަށް އޮތް ތިން އަހަރު ދުވަހުތެރޭ ދައުލަތުގެ ދަރަނީގެ މުޅި ޕޯޓްފޯލިއޯގެ %34 ރީފައިނޭންސް ކުރަން ޖެހޭނެ ކަމަށެވެ. އެއީ ދައުލަތުގެ އުފެއްދުންތެރިކަމުގެ ނިސްބަތުން %21 ކަން ފާހަގަ ކުރައްވައި ޒިޔަތު ވިދާޅުވީ ހަތަރު އަހަރު ތެރޭ ދައުލަތުން ދޫކޮށްފައިވާ ދެ ބޮންޑުގެ ޖުމުލަ އަދަދު 5.4 ބިލިއަނަށް އަރައި އެ ފައިސާ އަނބުރާ ދައްކަން ޖެހޭނެ ކަމަށެވެ.

މިއަހަރު ނިމޭއިރު ދަރަނީގެ އަދަދު ނިސްބަތުން ޖީޑީޕީގެ %79 އަށް އަރާނެ ކަމަށް ވެސް ޒިޔަތު ވިދާޅުވިއެވެ. އެއީ ދައުލަތުން ދޭ ގެރެންޓީއާ އެކު 71.5 ބިލިއަން ރުފިޔާގެ ދަރަންޏެކެވެ. މީގެ އިތުރުން ދަރަނި އަދާކުރުމަށް މިއަހަރު ބަޖެޓުގެ %21 ހަމަޖައްސާފައި ވާއިރު މިހާތަނަށް ބޭނުން ކުރެވިފައިވަނީ %14 ކަން ޒިޔަތު ފާހަގަ ކުރެއްވިއެވެ.

ބަޖެޓު ކޮމިޓީގައި ޒިޔަތު ވަނީ ޕީއެސްއައިޕީ މަޝްރޫއުތަކާ ގުޅޭގޮތުން ވެސް ވާހަކަ ދައްކަވާފައެވެ. އެގޮތުން އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓުގައި ޕީއެސްއައިޕީ މަޝްރޫއު ތަކަށް 10.1 ބިލިއަން ރުފިޔާ ކަނޑައަޅާފައި ވާއިރު، މިދިޔަ އަހަރު ތަކުގައި ބަޖެޓުގައި ހިމެނުނު ޕީއެސްއައިޕީގެ ގިނަ މަޝްރޫއުތައް ނުހިންގޭކަން ޒިޔަތު ފާހަގަ ކުރެއްވިއެވެ. ޕީއެސްއައިޕީ މަޝްރޫއުތައް ހިންގުމަށް މިހާރަށް ވުރެ ހަރުދަނާ އުސޫލުތަކެއް ބޭނުންވާކަން ޒިޔަތު ފާހަގަ ކުރެއްވިއެވެ.

މަޖިލީހުގެ ކޮމިޓީ މަރުހަލާގައި އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓާއި ގުޅިގެން މަޝްވަރާ ކުރަމުން އަންނައިރު، އަންނަ އަހަރަށް ދައުލަތުން ލަފާކޮށްފައިވާ ބަޖެޓަކީ 37.5 ބިލިއަން ރުފިޔާއެވެ. މި ބަޖެޓަށް ހިޔާލު ހޯދުމަށް ފާއިތުވި ދެ ދުވަހު މަޖިލީހުގެ ބަޖެޓު ކޮމިޓީ އިން އަންނަނީ މުއައްސަސާތައް އެ ކޮމިޓީއަށް ހާޒިރުކުރަމުންނެވެ.