ކްރިމިނަލް ކޯޓުގެ ޝަރީއަތްތައް ޓެލެކާސްޓް ކުރުމުގެ އުސޫލު އަލުން މުރާޖައާކޮށް އާންމުކޮށްގެން ނޫނީ ޝަރީއަތްތައް ޓެލެކާސްޓް ނުކުރުމަށް އެ ކޯޓުން ނިންމައިފި އެވެ.
މި ގޮތަށް އެ ކޯޓުން ނިންމިކަން އަންގާއިފައިވަނީ ކްރިމިނަލް ކޯޓުން މިއަދު ނެރުނު ބަޔާނެއްގައެވެ.
އެ ބަޔާނުގައި ބުނެފައިވާ ވަނީ ޝަރީއަތްތައް ޓެލެކާސްޓް ކުރުމުގެ އުސޫލެއް ހެދިފައިއޮތް ނަމަވެސް، އެ އުސޫލުގެ ދަށުން އެއްވެސް އިސްތިސްނާއެއް ނެތި ޝަރީއަތް ޓެލެކާސްޓް ކުރެވޭ ގޮތަށް އޮތުމަކީ ހަމަޖެހޭ ކަމަކަށް ނުވުމާއި، ޓެލެކާސްޓް ކުރުމުގެ ސަބަބުން އާންމު ރައުޔުތަކަށް ނޭދެވޭ އަސަރު ކުރާނެ މައްސަލަތަކަށް ވުމާއި، އަދުލު އިންސާފާއި މެދު މީހުންގެ ހިތްތަކުގައި ޝައްކު އުފެދިގެން ދިޔުމާއި، ބައެއް މައްސަލަ ތަކަކީ އެކަމެއްގައި ހިމެނޭ އެއްބައެއްގެ މައްޗަށް ޝަރީއަތް ހިނގަމުން ދާއިރު ހަމަ އެކަމުގައި ހިމެނޭ އެހެން ބައެއްގެ މައްޗަށްވެސް އިތުރު ތަހުގީގެއް ހިނގަމުންދާ މައްސަލަތަކަށް ވުމާއި، ހެކިންގެ ގޮތުގައި ޝަރީއަތަށް ހުށައެޅިފައިވާ މީހުން ޝަރީއަތަށް ނުވެއްދޭއިރު، މިހާލަތުގައި ޝަރީއަތް ޓެލެކާސްޓް ކުރުމުގެ ސަބަބުން ހެކިން ޝަރީއަތް އަޑުއަހަން ނުވެއްދުމުގެ ބޭނުން ނެތި ދިޔުމާއި، މިކަމުގެ ސަބަބުން ހެކިންގެ ހެކިބަސް އެއްގޮތް ކުރުމުގެ ފުރުސަތު އޮތުމުގެ ސަބަބުން އިންސާފަށް ހުރަސް އެޅުމުގެ ފުރުސަތު އޮތުމުން، ކޯޓުގެ ޝަރީއަތްތައް ޓެލެކާސްޓް ކުރުމުގެ އުސޫލު އަލުން މުރާޖައާކޮށް އާންމުކޮށްގެން ނޫނީ ޝަރީއަތްތައް ޓެލެކާސްޓު ނުކުރުމަށް ހުރިހާ ގާޒީންގެ އިއްތިފާގުން ނިންމީ ކަމަށެވެ.
ގާޒީންގެ މަޖިލީހަށް މިއަދު ވަނީ ދެ ހުށައެޅުމެއް ހުށަހަޅައިފަ އެވެ. އެ ދެ ހުށައެޅުން ވެސް ވަނީ ފާސްވެފައެވެ.
ފުރަތަމަ ހުށަހެޅުން ފާސްވެފައިވަނީ ހާޒިރުވި ގާޒީންގެ އިއްތިފާގުންނެވެ. ދެވަނަ ހުށައެޅުން ފާސްވެފައިވަނީ ހާޒިރުވި ގާޒިންގެ އަޣުލަބިއްޔަތުންނެވެ.
ދެވަނަ ހުށަހެޅުމަށް ތާއީދު ކުރައްވައި ވޯޓު ދެއްވާފައިވަނީ ހަ ގާޒީންނެވެ. ވޯޓު ނުދެއްވަނީ ތިން ގާޒީންނެވެ.
ދެވަނަ ހުށައެޅުމުގައިވަނީ މިހާރު ޓެލެކާސްޓު ކުރަން ފެށިފައިވާ މައްސަލަ ޓެލެކާސްޓު ނުކުރުމަށް ނިންމައިފިނަމަ، ސުވާލު އުފެއްދުމުގެ ޖާގަ އޮތުމުން، އެމައްސަލައިގެ ދެފަރާތުން ކުރެ ފަރާތަކުން ޓެލެކާސްޓް ކުރުމަށް ދެކޮޅު ނުހަދާނަމަ ޓެލެކާސްޓް ކުރުމަށާއި، ދެން އެންމެ އަވަހަށް ބޭއްވޭ އަޑުއެހުމެއްގައި ޓެލެކާސްޓުކުރަން ފެށުމުގެ ކުރިން އެކަމާއިމެދު ދެފަރާތުގެ ބަހެއް ހޯދުމަށްފަހު ކުރިއަށް ގެންދިއުމަށެވެ.
މިހާރު ލައިވްކޮށް ޓެލެކާސްްޓް ކުރާ މައްސަލަ އަކީ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ހިންގާ ޝަރީއަތުގެ މަޖިލީހެވެ.