ޕޮލިސް

ވެލެޒިނީއަށް ސިއްހީފަރުވާ ދޭންޖެހޭނަމަ އެފަރުވާއެއް ލިބޭނެ: ޕޮލިސް

ޝަހީދާ އަބްދުﷲ ސައީދު

އިސްލާމް ދީނަށް ފުރައްސާރަ ކުރުމުގެ ކުށުގެ ތުހުމަތަށް ހައްޔަރުކޮށްފައިވާ އާއިޝަތު ވެލެޒިނީއަށް ސިއްހީ ފަރުވާ ދޭންޖެހޭ ނަމަ، އެފަރުވާއެއް ލިބޭނެ ކަމަށް ފުލުހުންގެ އިދާރާއިން ބުނެފިއެވެ.

ފުލުހުން މިއަދު ނެރުނު ބަޔާނުގައި ބުނެފައިވަނީ ވެލެޒިނީ އޭނާގެ އަމިއްލަ ފޭސްބުކް އެކައުންޓާއި، ޓުވިޓަރ އެކައުންޓް ބޭނުންކޮށްގެން އިސްލާމް ދީނަށް ފުރައްސާރަކޮށް، އިސްލާމް ދީނުގެ އުސޫލުތަކުން ބޭރު، އިސްލާމް ދީނާއި ޚިލާފް އަދި އިސްލާމް ދީނަށް ތައުހީނުކޮށް، ވާހަކަ ދައްކާފައިވާކަމުގެ ތުހުމަތަށް ކޯޓު އަމުރެއްގެ ދަށުން އޭނާ ހައްޔަރުކޮށްފައިވާކަމަށެވެ.

އަދި ވެލެޒިނީ ހައްޔަރުކޮށްފައިވާ މައްސަލައިގައި ގާނޫނީ ގޮތުން ލިބިދޭންޖެހޭ އެންމެހައި ހައްގުތައް ކަށަވަރުކޮށް، ސިއްހީ ހާލަތަށް ރިއާޔަތްކޮށް ދޭންޖެހޭ ސިއްހީ ފަރުވާއެއްވާނަމަ އެ ފަރުވާއެއް ލިބޭނެ އިންތިޒާމު ހަމަޖައްސާނެ ކަމަށް ފުލުހުންގެ ބަޔާނުގައި ބުނެއެވެ.

ބަޔާނުގައި އިތުރަށް ބުނެފައިވަނީ ވެލެޒިނީ ހައްޔަރުކޮށްފައިވަނީ ކުށުގެ ތުހުމަތުގައި ހައްޔަރުކޮށް ބަންދުކުރެވޭ މީހުންނާއި މެދު އަމަލުކުރުމަށް ރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކުގައި ކަނޑައަޅައި ބަޔާންކޮށްފައިވާ އިޖުރާއަތުތަކާއި އެއްގޮތްވާ މަތީން ކަމަށެވެ. އަދި ހައްޔަރުކޮށްފައި ވަނީ މިމަހުގެ 13 ވަނަ ދުވަހުގެ ރޭ 7:26 ގައި ކަމަށް ފުލުހުންގެ ބަޔާނުގައި ވެއެވެ.

ފުލުހުން މިފަދަ ބަޔާނެއް ނެރުނުއިރު، ވެލެޒިނީއަކީ ނަފްސާނީ ބަލި މީހެއްކަމަށް ބުނެ ބައެއް ފަރާތްތަކުން ގެންދަނީ ދޫކޮށްލުމަށް ގޮވާލަމުންނެވެ. މިމަހުގެ 13 ވަނަ ދުވަހު ވެލެޒިނީ ރާއްޖެއައި އިރު، 23 މެއި 2017 ގައި ފުލުހުން ވަނީ 14 ދުވަސްތެރޭގައި ފުލުހުންގެ އިދާރާއަށް ހާޒިރުވުމަށް ވެލިޒިނީއަށް އަންގާފައި ވެއެވެ.

އިސްލާމް ދީނާ ޚިލާފް ވާހަކަތައް ދެއްކި މައްސަލައިގައި އިސްލާމިކް މިނިސްޓްރީން ވަނީ ވެލެޒިނީއަކީ މުރުތައްދުވެފައިވާ މީހެއް ކަމަށް ކަނޑައަޅާފައެވެ.