އާލިޔާ ބަޓް އަދި ރަންބީރު ކަޕޫރުގެ ފިލްމު ބްރާމަސްތުރާ އިއުލާން ކުރިއިރުންފެށިގެން ގިނަ ބަޔަކު އަންނަނީ ފިލްމަށް އިންތިޒާރު ކުރަމުންނެވެ.
ފަހުގެ ހަބަރުތައް ބުނާގޮތުގައި ފިލްމުގައި ހާއްސަ ފެނިލުމަކަށް ބީޓައުންގެ ބާދްޝާ ޝާހުރުކް ޚާން ފެނިގެންދާނެއެވެ. މިއަހަރަކީ ޝާހު ފިލްމުތަކާ ދުރުގައި އުޅޭ އަހަރަކަށްވެފައި ކުއްލިއަކަށް ފިލްމަކުން ފެނިގެންދާނެ ކަމުގެ އުންމީދާއެކު ޝާހުގެ ފޭނުން އަންނަނީ އުފާފާޅު ކުރަމުންނެވެ.
ފިލްމާ ގުޅުން ހުރި ފަރާތަކުން ކުރި ޓުވީޓެއްގައި ބުނިގޮތުގައި ޝާހު ވަނީ ފިލްމު ބްރާމަސްތުރާގައި އޭނާގެ ސީންތަކުގެ ޝޫޓިންވެސް ފަށާފައެވެ.
ފިލްމުގައި ޝާހުގެ އިތުރުން މެގާ ސްޓާ އަމީތާބް ބަޗަންވެސް މުހިންމު ރޯލަކުން ފެނިގެންދާނެއެވެ. މީގެ އިތުރުން މޯނީ ރޯއީ އާއި ޑިމްޕަލް ކަޕާޑިއާވެސް ފިލްމުގައި މުހިންމު ރޯލެއް ކުޅޭނެ ކަމަށް ވެއެވެ.
ފިލްމު ރިލީސްކުރަން ހަމަޖެހިފައިވަނީ އަންނަ އަހަރު ކުރީ ކޮޅެވެ.