އިންތިހާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމަކީ ރައްޔިތުންގެ ފާޑުކިޔުމަށް މަރުހަބާ ކިޔާ ސަރުކާރެއް ކަމަށް މަޖިލީހުގެ ކުރީގެ ރައީސް އަދި ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.
މިއަދު ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ނޫސްވެރިންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ޝާހިދު ވިދާޅުވީ އާ ސަރުކާރުގެ އެންމެ އިސް އެއް ކަމަކީ ގާނޫނު އަސާސީގެ އިމުގެ ތެރޭގައި ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ރައްޔިތުންނަށް ފުރިހަމައަށް ދޫކޮށްލެއްވުން ކަމަށެވެ.
"ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރު ވެގެންދާނީ ހުޅުވާލެވިފައިވާ ސަރުކާރަކަށް. އެ މަންޒަރު މިއަދު ރައްޔިތުންގެ މަޖިލީހުން ފެނިގެން އެ ދިޔައީ،" ޝާހިދު ވިދާޅުވިއެވެ.
ޝާހިދު ވިދާޅުވީ އަބުރު ރައްކާތެރި ކުރުމުގެ ގާނޫނު މިއަދު އުވާލުމަކީ އެކަމަށް އެޅޭ ފުރަތަމަ ފިޔަވަޅު ކަމަށެވެ. ރައްޔިތުން ސަރުކާރަށް ފާޑުކިޔުން ހުއްޓުވަން މަސައްކަތް ކުރުން އެއީ ރައްޔިތުންގެ ފައިސާ ނަގައިގެން ތިބޭ ބަޔަކަށް ހެޔޮވާވަރުގެ ކަމެއް ނޫން ކަމަށް ވިދާޅުވި އެވެ.
ޝާހިދު ވިދާޅުވީ މިއަދު ފާސްކުރި ބިލު ވަރަށް އަވަހަށް ގާނޫނަކަށް ވެގެންދާނެ ކަމަށް އުއްމީދު ކުރާ ކަމަށެވެ. ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އެ ބިލް ތަސްދީގު ނުކުރައްވައިފި ނަމަ، އިންތިހާބީ ރައީސް އިބޫގެ ވެރިކަމުގައި އެންމެ ފުރަތަމަ ކުރައްވާނެ މަސައްކަތަކީ އެއީ ކަމަށް ވިދާޅުވިއެވެ.