މުހައްމަދު އައުޒަމް
ނޮވެމްބަރ 17 ވަނަ ދުވަހު އިންތިޚާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު (އިބޫ) ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ޗައިނާގެ ރައީސްގެ ހާއްސަ މަންދޫބެއްގެ ގޮތުން ވަޑައިގަންނަވާނީ އެގައުމުގެ ޓުއަރިޒަމް އެންޑް ކަލްޗަރ މިނިސްޓަރ ލުއޯ ޝުގެންގް އެވެ.
ޗައިނާގެ ފޮރިންގ މިނިސްޓްރީގެ ތަރުޖަމާނު ހުއާ ޗުންޔިންގ ވިދާޅުވީ ޗައިނާގެ ރައީސް ޝީޖިންގ ޕިންގގެ ހާއްސަ މަންދޫބެއްގެ ގޮތުން ޓުއަރިޒަމް އެންޑް ކަލްޗަރ މިނިސްޓަރ ލުއޯ މިމަހުގެ 15 ގައި ރާއްޖެއަށް ވަޑައިގަންނަވާނެއެވެ. އެމަނިކުފާނު ފުރުމަށް ހަމަޖެހިފައިވަނީ މިމަހު 19 ގައެވެ.
އިންތިހާބުން ކާމިޔާބު ވުމާއިއެކު ޗައިނާގެ ރައީސް ވަނީ އިންތިޚާބީ ރައީސް އިބޫ އަށް މަރުހަބާ ދަންނަވާފައެވެ. އަދި ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވަފައިވާ އެމްބެސަޑަރ ވަނީ އިންތިހާބީ ރައީސް އިބޫ އާ ބައްދަލުކޮށް ޗައިނާ އާއި ރާއްޖެއާއި ދެމެދު ޒަމާނުއްސުރެން އޮންނަ ގުޅުން ބަދަހިކުރާނެ ގޮތާއިމެދު މަޝްވަރާ ކޮށްފައެވެ.
މިނިސްޓަރ ލުއޯ ޝުގެންގް މީގެ ކުރިން މީޑިއާގައި މައުލޫމާތު ދެއްވާފައިވާ ގޮތުގައި އިންތިހާބީ ރައީސް އިބޫގެ ސަރުކާރުން ޗައިނާ އާއި ރާއްޖެ އާއި ދެމެދު އޮތް ޒަމާންވީ ގުޅުން ދަމަހައްޓާނެ ކަމަށެވެ. މިހާތަނަށް އެއްބަސްވެފައިވާ އެގްރިމެންޓުތަށް އެގޮތުގައި ކުރިއަށް ގެންދާނެ ކަމަށް އިންތިހާބީ ރައީސް އިބޫ ވިދާޅުވެފައި ވާކަމަށް ވެސް ލުއޯ ވިދާޅުވިއެވެ. އަދި މުސަތަގްބަލުގައި ވެސް ދެގައުމުގެ ގުޅުން އިތުރަށް ވަރުގަދަކުރަން މަސައްކަތް ކުރާނެ ކަމަށް އިންތިހާބީ ރައީސް އިބޫ ވިދާޅުވެފައިވާ ކަމަށް ލުއޯ ވަނީ ފާހަގަކޮށްފައެވެ.