ވިޔަފާރިތަކަށް ފޯރުކޮށްދޭ އެހީތެރިކަމުގެ ދަށުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މާލޭގައި ބިޒްނަސް ސެންޓަރެއް ހުޅުވައިފިއެވެ.
މިއީ ބޭންކުގެ ބިޒްނަސް ސެންޓަރެއް މާލޭގައި ހުޅުވި ފުރަތަމަ ފަހަރެވެ. މީގެ ކުރިން ބީއެމްއެލްގެ ބިޒްނަސް ސެންޓަރެއް އައްޑު އަތޮޅުގައި ވަނީ ހުޅުވައިފައެވެ.
ބޮޑުތަކުރުފާނު މަގުގައި ހުންނަ ފަސްމީރު ބިލްޑިންގުގައި ހަދާފައިވާ އެ ސެންޓަރު މިރޭ ހުޅުވައި ދެއްވީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލާއި ބީއެމްއެލްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ޓިމް ސޯޔާއެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ބީއެމްއެލްގެ ސީއީއޯ ސޯޔާ ވިދާޅުވީ، އެ ސެންޓަރަކީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް ރާއްޖޭގައި ހުޅުވި ފުރަތަމަ ސެންޓަރު ކަމަށެވެ. އަދި އެ ސެންޓަރުން މައިގަނޑު ގޮތެއްގައި ކުރާނީ އެފަދަ ވިޔަފާރިތަކަށް ބޭނުންވާ މުހިންމު އިރުޝާދު ދިނުން ކަމަށް ވިދާޅުވިއެވެ.
އެގޮތުން އެ ސެންޓަރުގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ކަނޑައަޅާފައިވާ ހައްސަ ރިލޭޝަންސް މެނޭޖަރުން ތިބޭނެ ކަމަށާއި އެ ފަރާތްތަކުން ވިޔަފާރިއާ ގުޅޭ އިރުޝާދާއި ލަފާ ދިނުމާއި ބޭންކުން ވިޔަފާރިތަކަށް ދޫކުރާ ލޯނު ހިދުމަތްތަކާ ގުޅޭ މައުލޫމާތާއި އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ސޯޔާ އިތުރަށް ވިދާޅުވީ، ބީއެމްއެލްގެ ލޯނު ޕޯޓްފޯލިއޯ އަށް ބަލާއިރު، ކުދި އަދި މެންދު ފަންތީގެ ވިޔަފާރިތަކަށް ހާއްސަ ހިދުމަތްތައް ފޯރުކޮށްދިނުމަށް މިދިޔަ އަހަރުގެ ތެރޭގައި ގާއިމުކުރި ބޭންކިންގް ޑިޕާޓްމަންޓު މެދުވެރިކޮށް މިހާރު ވެސް އެކި ދާއިރާގެ ވިޔަފާރި ހިންގާ 1300 ވިޔަފާރިއަށް 800 މިލިއަނަަށްވުރެ ގިނަ ރުފިޔާގެ ލޯނު ވަނީ ދޫކޮށްފައެވެ.