ސުޕްރީމް ކޯޓް

ޖޭއެސްސީގެ ރިޕޯޓަށް ޖަވާބުދާރީ ވުމަކީ ކޮށްގެން ހުންނެވި ހުވަޔާ ހިލާފު ކަމެއް: އުއްތަމަ ފަނޑިޔާރު

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ތަހުގީގެއް ކުރުމަށްފަހު ފޮނުވާފައިވާ ރިޕޯޓަށް ޖަވާބުދާރީވުމަކީ ކޮށްގެން ހުންނެވި ގާނޫނީ ހުވަޔާ ހިލާފު ކަމެއް ކަމަށް އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ގާނޫނު އަސާސީއާ ހިލާފަށް ސުޕްރީމް ކޯޓުން ނިންމާފައިވާ 15 މައްސަލައެއް ބެލުމަށްފަހު އެމަނިކުފާނަށް ފޮނުވި ރިޕޯޓާ ހަވާލުވެ ވަޑައިގަތުމަށް އުޒުރުވެރިވަޑައިގަންނަވާކަން ވިދާޅުވެ އެމަނިކުފާނު ޖޭއެސްސީއަށް ފޮނުއްވި ސިޓީއެއްގައެވެ.

އެ ސިޓީގައި އެމަނިކުފާނު ވިދާޅުވެފައިވަނީ އެ ތަހުގީގަކީ ބާތިލު އިޖުރާއަތްތަކެއްގެ މައްޗަށް ބިނާކޮށް ހިންގާފައިވާ ތަހުގީގުތަކެއް ކަމަށާއި، އެ ރިޕޯޓަށް ޖަވާބުދާރީވާން ޖެހޭ ގާނޫނީ އަސާސެއް ނޯންނާނެ ކަމަށެވެ. އަދި ޖޭއެސްސީން ހިންގާ ޣައިރު ދުސްތޫރީ އަދި ޣައިރު ގާނޫނީ އިޖުރާއާތު ތަކަށް ތަބާވުމަކީ އެ އިޖުރާއާތްތަކުގައި ހަގީގަތާ ހިލާފަށް ގާނޫނީ ކުލަ ޖެއްސުމަށް އެހީތެރިވެ، ގާނޫނީ ބުރަދަން ދިނުން ކަމުގައި ނޫނީ ނުވާނެ ކަމަށްވެސް ވިދާޅުވެފައިވެއެވެ.

އެ މަނިކުފާނު އިތުރަށް ވިދާޅުވެފައިވަނީ ބާތިލު ކަމެއްގެ މައްޗަށް ތަރުތީބު ވެގެން އަންނަ ކޮންމެ ކަމަކީވެސް، ބާތިލުކަމެއް ކަމުގައި ބުނާ ގާއިދާގެ މައްޗަށް ރިއާޔަތްކޮށް ބަލާއިރު، ހަވާލާ ދެވުނު ޖޭއެސްސީގެ ރިޕޯޓަށް ޖަވާބުދާރީވާން ޖެހޭނެ އެއްވެސް ގާނޫނީ އަސާސެއް ނޯންނާނެކަން ޖޭއެސްސީއަށް ހަނދުމަކޮށް އަރުވާ ކަމަށެވެ.

އުއްތަމަ ފަނޑިޔާރުގެ ގިނަ ސުލޫކީ މައްސަލަތަކެއް ޖޭއެސްސީން އަންނަނީ ބަލަމުންނެވެ.

ޖޭއެސްސީން ބުނީ ސުޕްރީމް ކޯޓުގެ ހަތަރު ފަނޑިޔާރެއްގެ 51 މައްސަލައެއް ބަލަމުން އަންނަ ކަމަށެވެ.

އެ ހަތަރު ފަނޑިޔާރުންގެ ތެރެއިން އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީގެ 18 މައްސަލައެއް ބަލަމުން އަންނަ ކަމަށް ޖޭއެސްސީން ބުނެފައިވެއެވެ. އަދި ފަނޑިޔާރު އަބްދުﷲ އަރީފުގެ 14 މައްސަލައަކާއި ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲގެ 16 މައްސަލައެއްގެ އިތުރުން ފަނޑިޔާރު އަބްދުލް ޣަނީ މުހައްމަދުގެ ތިން މައްސަލަ ބަލަމުން އަންނަ ކަމަށްވެސް ޖޭއެސްސީން ބުނެފައިވެއެވެ.