ރައްޔިތުންގެ މަޖިލިސް

މަޖިލީހުގެ އިދާރާއަށް ޖާބިރު ގަސްތަކެއް ހަދިޔާ ކުރައްވައިފި

މަރިޔަމް ޝަހުދާ

ޑީއާރުޕީގެ ލީޑަރު އަދި މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު މަޖިލީހުގެ އިދާރާއަށް ގަސްތަކެއް ހަދިޔާ ކުރައްވައިފި އެވެ.

ޑީއާރުޕީން މިއަދު ކުރި ޓުވީޓެއްގައި ބުނެފައިވަނީ މަޖިލީހުގެ އިދާރާއަށް މިއަދު ޖާބިރު ބަގީޗާ ގަސްތަކެއް ހަދިޔާކޮށްފައިވާ ކަމަށެވެ. އަދި މި ގަސްތަކާއި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހަވާލުވެވަޑައިގެންނެވި ކަމަށް ޑީއާރުޕީން ބުނެފައިވެއެވެ. މިއަދުގެ މަޖިލީހުގެ ޖަލްސާ ފެއްޓެވި އިރު ރައީސް ނަޝީދު ވަނީ މަޖިލީހަށް ގަސް ހަދިޔާ ކުރެއްވުމުން އެކަމަށް ޖާބިރަށް ޝުކުރު އަދާކުރައްވާފައެވެ.

ޖާބިރުއަށް ޝުކުރު އަދާ ކުރެއްވުމުގެ އިތުރުން ކާށިދޫން މަޖިލީހަށް މިގަސްތައް ހަދިޔާ ކުރެއްވުމުން ކާށިދޫގެ ކުދިބޮޑު އެންމެހާ ރައްޔިތުންނަށްވެސް ރައީސް ނަޝީދު ޝުކުރު އަދާ ކުރެއްވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ ކާށިދޫއަކީ ދަނޑުވެރިކަމާއި ގަސް ހެއްދުމުގައި ވަރަށް ކުރީގައިވާ ރަށެއް ކަމަށެވެ. މީގެ އިތުރުން ރާއްޖޭގެ އެކި ރަށްރަށަށް، ހާއްސަކޮށް ރިސޯޓު ފަހަރަށް ބަގީޗާގަސްތަކާއި ރުއްގަސް ވަރަށް ބޭނުންވާކަން ރައީސް ނަޝީދު ފާހަގަ ކުރެއްވިއެވެ.

ރާއްޖޭގައި މިހާރު ވަރަށް ރުއްގަސް މަދުވެފައިވާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި ތިމާވެއްޓަށް ލޯބި ކުރާ މީހުންގެ ޝަކުވާ ރަށްރަށުން ރުއްގަސް ނަގައިގެން ރިސޯޓު ފަހަރަށް ނުވަތަ އަލަށް ހިއްކާ ބިންތަކަށް ގެންދިއުމުން ބޮޑުކަން ވެސް ރައީސް ނަޝީދު ފާހަގަ ކުރެއްވިއެވެ. މިކަމަށް ހައްލެއް ގެނައުމަށް ހާއްސަ ''ސާދާ ގަވައިދެއް ނުވަތަ އުސޫލެއް'' އެކުލަވާލަން ޖެހޭ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.