އިބްރާހިމް ޒަކީ
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ބަހުސް ކުރިއަށް ގެންދަވާއިރު، މަޖިލީހުގެ ދިފާއު ވެވެން ނެތް ބޭފުޅުންގެ ބޮލުގައި ބަދުނާމު އަޅުވައި މެންބަރުން ވާހަކަ ނުދެއްކެވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މަޖިލިސް މެންބަރުންގެ ކިބައިން އެދި ވަޑައިގެންފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިދުގެ ޖަލްސާގައި ކުރިއަށް ދިޔަ ބަޖެޓް ބަހުސްގައި ކާށިދޫ ދާއިރާގެ މެންބަރު އަބުދުﷲ ޖާބިރު ދެއްކެވި ވާހަކައިގައި، ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އަށް ވަނީ ވައްކަމާއި ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއް ކުރައްވައިފައެވެ. އަދި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު އާއި ފޮރިން މިނިސްޓަރު އަބުދުﷲ ޝާހިދަށްވެސް އެފަދަ ބޮޑެތި ތުހުމަތުތަކެއް ޖާބިރު ކުރެއްވިއެވެ.
ޖާބިރުގެ ވާހަކައިގައި އެ ބޭފުޅުންގެ މައްޗަށް، ހާއްސަކޮށް ރައީސުލް ޖުމްހޫރިއްޔާއަށް ނިސްބަތްކުރައްވައި ތަކުރާރުކޮށް އެފަދަ ތުހުމަތުތައް ކުރަން ފެށުމުން މަޖިލިސް ތަޅުން ހޫނުވެގެންވެސް ދިޔައެވެ. އެއީ ޖާބިރަށް ރައްދު ދިނުމުގެ ގޮތުން، މަކުނުދޫ ދާއިރާގެ މެންބަރު މުހައްމަދު ރާއީ އާއި ހަނިމާދޫ ދާއިރާގެ މެންބަރު އަބުދުލް ޣަފޫރު މޫސާ އާއި ކިނބިދޫ ދާއިރާގެ މެންބަރު މުހައްމަދު ނާޝިޒު ނިޒާމީ މައްސަލަ ނަންގަވައި ތަކުރާރުކޮށް ވާހަކަ ދެއްކެވުމާވެސް އެކުގައެވެ.
ރައީސުލް ޖުމްހޫރިއްޔާގެ އިސްތަށި ފުޅުގައި ބޮޑެތި ތުހުމަތުތަކެއް އަޅުވައި ޖާބިރު ވިދާޅުވީ، ރައީސުލް ޖުމްހޫރިއްޔާ އަކީ ކުރީގެ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި އިންނެވިއިރު މަކަރާއި ހީލަތުން ރިޝްވަތު ބެހި މީހެއް ކަމަށެވެ. އަދި އިބޫ އަކީ މިގައުމުގައި އެންމެ ރިޝްވަތު ބަހާމީހާ ކަމަށާއި މަކަރާ ހީލަތާ ރިޝްވަތުން ޕީއެޗްޑީ ނަންގައިގެން ހުންނެވި ސީދާ ވަގެއް ކަހަލަ މީހެއް ކަމަށް ޖާބިރު ތަކުރާރުކޮށް ވިދާާޅުވިއެވެ.
އިތުރަށް ޖާބިރު ވިދާޅުވީ ރައީސުލް ޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަކީ ނަމެއްގައި ހުންނަވާ ބޭފުޅެއް ކަމަށާއި ސަރުކާރު ހިންގަނީ އަބުދުﷲ ޝާހިދު ކަމަށެވެ.
އަދި މިހާރު ހުށަހަޅާފައިވާ 37 ބިލިޔަން ރުފިޔާގެ ބަޖެޓަކީ ބޮޑު ބަޖެޓަކަށް ވާއިރު މިހާރު ކެބިނެޓްގައި ތިބި ގިނަ މިނިސްޓަރުންނަކީ އެމްއެމްޕީއާރުސީގެ ހިޔާނާތުގައި ޖެހިފައި ތިބި ބަޔެއްކަމުން ބަޖެޓަށް އެޕްރޫވް ނުދެއްވާނެ ކަމަށްވެސް ވިދާޅުވިއެވެ.
ޖާބިރު ވިދާޅުވީ، ރައީސް އިބޫގެ ވެރިކަން ފެބްރުއަރީ މަހާ ހަމައަށް ނޯންނާނެކަން އެނގިވަޑައިގަންނަވާތީ މިހާރު ހުށަހަޅާފައިވާ ބަޖެޓުގައި އޮތީ ޝާހިދާ ދެ ބޭފުުޅުންވެގެން ވަގަށް ލާރިނަގާ +ވާހަކަ ކަމަށެވެ.
ޖާބިރުގެ ވާހަކަތަކަށް ރައްދު ދެއްވައި ތަކުރާރުކޮށް ނިޒާމީ މައްސަލަ ނަންގަވަމުން މަކުނުދޫ ދާއިރާގެ މެންބަރު މުހައްމަދު ރާއީ ވިދާޅުވީ ހަޔާތް ކުޑަކަމުގެ ބަދަލު ޖާބިރަށް ނުދައްކާނެ ކަމަށާއި އެތައް ބައެއްގެ ބޮލުގައި ބަދުނާމު އަޅުވައި ވާހަކަ ދައްކަން ޖާބިރަށް ފުރުސަތު ނުދޭނެ ކަމަށެވެ. އަދި މަޖިލީހުގެ ރިޔާސަތުންވެސް އެ ފުރުސަތު ދީގެންނުވާނެ ކަމަށް ރާއީ ވިދާޅުވިއެވެ. ރާއީ ވިދާޅުވީ މިއީ ވައްކަމުގެ ވާހަކަ ދައްކާ ދުވަހެއް ނޫން ކަމަށާއި މިއަދު ދައްކަން ޖެހޭނީ ބަޖެޓުގައި ރައްްޔިތުންނަށް ހިމަނާފައި ހުރި ކަންތައްތަކުގެ ވާހަކަ ކަމަށެވެ.
"މިތާ ކިތަންމެ ބާރަށް ހަޅޭއް ލެވި ނަމަވެސް ދެން އަޅުގަނޑުމެންވެސް ގޮވާނީ ހަޔާތް ކުޑަކަމަކަށް އަޅުގަނޑުމެން އަގެއްް ނުދައްކާނަން ޖާބިރުގެއެއް، ރައީސުލް ޖުމްހޫރިއްޔާ އާއި މަޖިލިސް ރައީސް އާއި މިނިސްޓަރުންނަށް ހަޅޭއްލަވަންދެން ނުތިބޭނަން މިތާކު، މަޑެއްކޮށެއް،" ރާއީ ިދާޅުވިއެވެ.
މެންބަރު ނާޝީޒު ވިދާޅުވީ، މަޖިލީހުގައި ޖާބިރު ޓެކްސްގެ ވާހަކަ ދައްކާއިރު، ވޭތުވެދިޔަ އަހަރެއްހާ ދުވަހު ދައުލަތަށް އެންމެ ޓެކްސްއެއްވެސް ދައްކާފައިނުވާ ކަމަށެވެ. އަދި ކުލީގެ ގޮތުުގައި 1.5 ބިލިޔަނަށްވުރެ ގިނަ ރުފިޔާ ޖާބިރު ދައުލަތަށް ދައްކަން އޮތް އިރު އެހެން މީހުންނަށް ވަގަށް ގޮވާއިރު ޖާބިރު ކިތަންމެ މުވައްޒަފުންނަކަށް މުސާރަ ނުދީ ވާ ކަމަށްވެސް ވިދާޅުވިއެވެ.
"މިތަނުގައި ޓެކްސްގެ ވާހަކަ ދައްކާއިރު މި ވޭތުވެދިޔަ އަހަރެއްހާ ދުވަހު ނެތޭ ދައުލަތަށް އެންމެ ޓެކްސް އެއްވެސް ދައްކައިފަ، ދެން ކޮން ޓެކްސްގެ ވާހަކައެއްތޯ މި ދައްކަނީ، ކުލީގެ ގޮތުގައި އެބައޮތް 1.5 ބިލިޔަނަށްވުރެ ގިނަ ރުފިޔާ ދައުލަތަށް ދައްކަން، ލާރި ދައްކާފަ މިތާ ވާހަކަ ދައްކަބަލަ، ކިތައް މުވައްޒަފުންނައްތޯ މުސާރަ ނުދީ ތިހިރީ ވާހަކަ ތި ދައްކަނީ ވަގަށް އެހެންމީހުންނަށް ގޮވާއިރު މިއީ ކާކުތަ،" ނާޝިޒު ވިދާޅުވިއެވެ.