އިސްލާމީ ތާރީޚު

ޙިޖާޒުގެ ޤާފިލާ 07

އަބްދުﷲ ފާރޫގް ހަސަން

(09 ނޮވެމްބަރުގެ އަދަދާ ގުޅޭ)

حسّان އަމިއްލަފުޅު އަވަށުގެ ވިނަދަނޑުތަކާއި ބަގީޗާތަކާއި ދަނޑުފަނގުތަކުގެ ތެރެއިން ދަތުރު ކުރައްވައިފައި ވަޑައިގެންނެވިއިރު އޭނާއަށް ވަރަށްގިނަ ދަނޑުވެރީންނާއި ގެރިބަކަރި ހުއިހައްޕާ މީހުން ފެނިވަޑައިގެންނެވިއެވެ. حسّان އަކީ އީރާނުގެ ރައީސެއްކަމަށް ހީކޮށް އެމީހުން އަތުގެ އިޝާރަތުން ސަލާމްކޮށްލައިފައި މަގުގެ އެއްފަރާތަކަށް އަރައެވެ. ماه بانو ގެ ވަދާޢީ ވާހަކަފުޅުން حسّان ގެ ހިތްޕުޅަށް ކޮށްފައިވާ އަސަރުގެ ސަބަބުން އޭނާ ދެނެވަޑައިގަންނަވާ މީހެކޭ ހީފުޅުވާ މީހަކު ފެނިވަޑައިގެންފިނަމަ އަސްކޮޅުގެ ދުވެލި ވަކީން ބާރުކޮށްލައްވައެވެ.

އަވަށަށް އަރައިވަޑައިގެންނެވިތާ މާގިނައިރެއްނުވެއެވެ. ގެއެއްގެ ކުރިމައްޗަށް ހުއްޓިވަޑައިގެންފިއެވެ. އެގޭގެ ފުރާޅުވަނީ ބިންމައްޗަށް ވެއްޓިފައެވެ. ގޯތިތެރޭގައި ހިޔާކޮށްފައިހުރި ތަނެއްގައި ކޮންމެވެސްވަރަކަށް ގެރިބަކަރި ބަނދެފައި ތިއްބެވެ. މީހަކު އެތަކެތީގެ ކުރިމައްޗަށް ވިނަތަކެއް އަޅަމުން ގެންދެއެވެ.

حسّان އިރުކޮޅެއްވަންދެން އެވީރާނާވެފައިހުރި ގެއާ ދިމާއަށް ބައްލަވަން ހުންނެވިއެވެ. އަވަށުގެ މީހުން އޭނާގެ ވަށައިގެން ޖަމާވަމުން ދިޔައެވެ. ނަމަވެސް ވަށައިގެން ހިނގަމުންދާ އެއްވެސްކަމެއް حسّان އަކަށް އިޙްސާސެއް ނުކުރެއްވެއެވެ. ޢުމުރުން ދުވަސްވެފައިހުރި އަންހެނެއް ކުރިޔަށްޖެހި حسّان އާ ދިމާޔަށް ވިސްނުންތެރިކަމާއެކު ބަލަން ހުރެފައި ހަޅޭއްލަވައިގަތެވެ. "މިއީ عُتُبـة ގެ ދަރިކަލުން حسّان އެވެ!" އެހައިތަނުން ހަތަރުފަރާތުން "حسّان! حسّان!" އެވެ ގޮވާ އަޑު އިވެންފަށައިފިއެވެ.

ކޮންމެވެސް މީހެއް حسّان ގެ އަސްކޮޅުގެ ލަގަނުގައި ހިފަހައްޓައިފައި ބުނެފިއެވެ. حسّان އެވެ! އަޅުގަނޑަކީ نـاصر އެވެ. އަޅުގަނޑު އެނގިވަޑައެއް ނުގެންނެވި ދޮގެއްތޯއެވެ؟" ނަމަވެސް حسّان އެއްވެސް ޖަވާބެއް ނުދެއްވައި ހަޅޭއްފުޅުލައްވަމުން ގެންދެވިއެވެ. "އަހަރެންގެ ބައްޕައާއި ބޭބެއާއި ކޮއްކޮމެން ކޮބައިހެއްޔެވެ؟ ތިޔަބައިމީހުން ހިމޭނުން ތިޔަތިބީ ކީއްވެގެން ހެއްޔެވެ؟"

ނަމަވެސް حسّان އަށް އެއްވެސް ޖަވާބެއް ލިބިވަޑައެއް ނުގެންނެވިއެވެ. އޭނާ އަސްމަތިން ފުންމައިލައްވައިފިއެވެ. نـاصر ގެ ދެކޮނޑުގައި ހިއްޕަވައި ތަޅުއްވައިގެންނެވިއެވެ. نـاصر ގެ ދެލޮލުން ކަރުނައޮހިގެންފިއެވެ. އޭނާ ބޭއިޚްތިޔާރުގައި حسّان އާ އޮޅުލައިގެންފައި ބުންޏެވެ. حسّان އެވެ. އެބޭފުޅުން މިދުނިޔެއަކު ވަޑައިގެނެއް ނެތެވެ. ކަލާގެ ބައްޕާފުޅާއި ކޮއްކޯފުޅުގެ سعد ޤަތުލުވެއްޖެއެވެ. އެބައިމީހުން سُهيل ހައްޔަރުކޮށް ގެންގޮސްފިއެވެ. ތޫރަޖު އޭނާ އަޅަކަށް ހަދައިފިއެވެ."

"އެހެންވީއިރު އަހަރެންގެ ކޮއްކޮ عمّارة!" حسّان ބެދެމުންދިޔަ އަޑުފުޅަކުން ވިދާޅުވިއެވެ.

"عمّارة އޭނާގެ ޙަޔާތްޕުޅުގެ މުސީބާތްތަކުން ސަލާމަތް ހޯއްދަވައިފިއެވެ. އާ ބިންވެރިޔާ އޭނާ ހައްޔަރުކޮށްފައި ފޮނުވީ ހުރުމުޒުގެ ގަނޑުވަރަށެވެ. ދުވަސްކޮޅެއްގެ ތެރޭގައި އަޅުގަނޑުމެންނަށް އިވުނީ އޭނާ ހުރުމުޒުގެ ގަނޑުވަރުގެ މަތީބުރިން ފުންމާލެއްވި ޚަބަރެވެ. އަޅުގަނޑުމެން މިހިސާބުގަނޑުގެ ވަށައިގެން މިހިރަ އަވަށްއަވަށުން ބޮޑުންގެ ވިހި ބޭފުޅުން ގޮވައިގެން ހުރުމުޒުގެ އަރިހަށްގޮސް عمّارة އާއި سُهيل އާ ދެބޭފުޅުން ދޫކޮށްދެއްވާތޯ އާދޭސް ދެންނެވީމުއެވެ. އެދެބޭފުޅުން ދޫކޮށްލައްވައިފިނަމަ ހިސާބުގަނޑުގެ އަވަށްތައް ޞުލްޙަމަސަލަސްކަމުގައި ދަމަހައްޓާނެކަމުގެ ޔަޤީންކަންވެސް އެރުވީމުއެވެ. ނަމަވެސް އެދުވަހު عمّارة އަމިއްލަފުޅަށް އަވަހާރަވެއްޖެއެވެ. ހުރުމުޒު އަޅުގަނޑުމެންގެ ވަފްދަށް عمّارة ގެ ހަށިކޮޅު ދައްކަވައިފައި ވިދާޅުވިއެވެ. "އަމްނު ޤާއިމުކުރުމަށްޓަކައި އަހަރެންގެ ގާތުގައި ފުދޭވަރަށް ކަނޑިއާއި ސިފައިން އެބަތިއްބެވެ. ކަލޭމެންނަށް ރަނގަޅުވާނީ عُتُبـة ނިމިގެން އެދިޔަގޮތުން ޢިބްރަތެއް ހޯދުމެވެ. މުސްތަޤްބަލުގައި އީރާނުގެ އެއްވެސް ބިންވެރިޔަކަށް ޝަކުވާ ކުރައްވާނެ ފުރުޞަތެއް ލިބިވަޑައިގަތަ ނުދިނުމެވެ." ދެން ވަފްދުގެ މެމްބަރުން ދެންނެވީ سُهيل ދޫކޮށްލެއްވުން އެދިވަޑައިގަންނަވާ ވާހަކައެވެ. ހުރުމުޒު ޖަވާބުގައި ވިދާޅުވިއެވެ. "އެނުރައްކާތެރި ކުއްޖާވަނީ އަހަރެމެންގެ ސިފައިންގެ ދެމީހުން ޒަޚަމްކޮށްލައިފައެވެ. ތޫރަޖު އޭނާއަށް މަރުގެ އަދަބު ނުދެއްވައި އޭނާގެ އަރިހުގައި ބެހެއްޓެވިކަމީ އޭނާގެ ނަސީބު ރަނގަޅުކަމެވެ."

"سُهيل އީރާނު ސިފައިންގެ ބަޔަކު ޒަޚަމްކޮށްލި ހެއްޔެވެ؟"

"އާދޭހެވެ. އަޅުގަނޑުމެންނާއި އީރާނުމީހުންނާ ދެމެދު އެންމެ ފުރަތަމަ ހިނގި ހަނގުރާމައިގައި ދެމީހުން މަރުވެ ފަސްމީހުން ޒަޚަމްވިއެވެ. މިގޭގެ ފުރާޅުމަތީގައި ހުންނަވައި ދުނި އުއްކަވައިގެން އޭގެތެރެއިން ދެމީހުން ޒަޚަމްކޮށްލެއްވީ سُهيل އެވެ. އެހައިތަނުން އީރާނީން ފިލައިގެން ދިޔައީއެވެ. އެއަށްފަހު ހަތަރުވަނަޔަށް ވީދުވަހު ހެނދުނު ފަތިހާ ތޫރަޖު އީރާނުގެ ފަންސާސް ސިފައިން ގޮވައިގެން ވަޑައިގެން ޙަމަލަދެއްވައިފިއެވެ. ކަލާގެ ބައްޕާފުޅާއި ބޭބޭފުޅު ޤަތުލުކޮށްލައްވައިފިއެވެ. سُهيل ކަދުރު ރުކަކަށް އަރާވަޑައިގެން ފިލައިވަޑައިގެންނެވޭތޯ އުޅުއްވިއެވެ. ނަމަވެސް އެނބުރިދިޔަ މަގުމަތީގައި އީރާނު ސިފައިންނަށް އޭނާ ފެނިއްޖެއެވެ."

ވަރުބަލިވެފައިވާ ދަތުރުވެރިޔަކު ފަދައިން حسّان ބިންމަތީގައި އިށީނދެވަޑައިގެންފިއެވެ. އޭނާ ސުވާލުކުރެއްވިއެވެ. "ހަނގުރާމަ ފެށެންޖެހުނީ ކީއްވެގެން ހެއްޔެވެ؟"

نـاصر ޖަވާބުދިނެވެ. "ހުރުމުޒު އީރާނުގެ ބިންވެރީންނަށް އެންގެވިއެވެ. އަހަރެން ފައިސާ ބޭނުންވެއެވެ. ތިޔަބައިމީހުން ދަނޑުވެރީންގެ އަތުން އިތުރަށް ފައިސާ އަތުލާށެވެ. ނަތީޖާއެއްގެ ގޮތުން ބިންވެރީން ދަނޑުވެރީން ފޭރޭން ފަށައިފިއެވެ. ދަނޑުވެރީންވެސް ދެކޮޅުހަދަން ފަށައިފިއެވެ. އެތައް ތަނަކުން ބަޣާވަތުގެ ޚަބަރުތައް ލިބޭން ފަށައިފިއެވެ. ނަމަވެސް قبــاد ހުންނެވީ ދަނޑުވެރީންނަށް އެއްވެސްކަހަލަ ދުކެއްދެއްވާ ގޮތަކަށެއް ނޫނެވެ. އެހެންކަމާއެކު އަނިޔާ ލިބިފައިވާ ދަނޑުވެރީން އެތަންމިތަނުން އައިސް އޭނާގެ ޙިމާޔަތް ހޯދަން ފަށައިފިއެވެ. ބިންވެރީން ކަންބޮޑުވެގެން ހުރުމުޒުގެ އަރިހަށް އޭނާގެ ޝަކުވާ އުފުލައިފިއެވެ. قبــاد ޢަރަބި ދަނޑުވެރީންނަށް ހިތްވަރު ދެއްވާކަމުގެ ޝަކުވާއެވެ. ނަތީޖާއެއްގެގޮތުން ހުރުމުޒު قبــاد ގެ ވަރަށްގިނަ ބިންތައް އަތުލައްވައިފައި ހުރުމުޒު ތޫރަޖަށް ދެއްވައިފިއެވެ. ތޫރަޖަކީ ހުރުމުޒުގެ ތިމާގެ ބޭފުޅެކެވެ. އެއަށްފަހު އަޅުގަނޑުމެންނަށްވެސް އާ ބިންވެރިޔާގެ އަނިޔާތަކާ ކުރިމަތިލާން ޖެހިއްޖެއެވެ. މިދިޔަ އަހަރުގެ ހޫނު މޫސުމުގައި ކަލާގެ ބައްޕާފުޅުގެ ވެރިކަމުގެ ދަށުގައި އަޅުގަނޑުމެންގެ ވަފްދެއް قبــاد އަރިހަށް ދިޔައެވެ. އޭނާ ވިދާޅުވިއެވެ. "މިހާރު އަހަރެން މިހިރީ ހުރިހާ އިޚްތިޔާރުތަކެއް ނިގުޅައިގެންފައެވެ. އާރެއް ބާރެއް ނެތް މީހަކަށް ހަދައިފައެވެ. ހުރުމުޒު އަހަރެންގެ ވާހަކަ އަޑުއައްސަވާކަށެއްވެސް ބޭނުންފުޅެއް ނުވާނެއެވެ. ރަނގަޅުވާނީ ތިޔަބޭފުޅުން ސީދާ ހުރުމުޒުގެ އަރިހަށް ވަޑައިގަތުމެވެ." އެގޮތުން ކަލާގެ ބައްޕާފުޅު ހުރުމުޒުގެ އަރިހަށްވެސް ވަޑައިގެންނެވިއެވެ. އެތަނަކުންވެސް އަލިމަގެއް ނުފެނުނެވެ. އެޚަބަރު ތޫރަޖަށް ލިބުމާއެކު އޭނާގެ ކާރުދަވެރީން މިރަށަށް ފޮނުއްވައިފިއެވެ. އެންމެފަހުން ގޮވާންކެނޑި މޫސުމުގެ ގޮވާމުގެ ވަރަށް ބޮޑުބައެއް ކަލާގެ ބައްޕާފުޅު ގޮއިނުދެއްވައި ފޮރުއްވައިފައި ހުރިކަމުގެ ބަހަނާ ދައްކައިފައި ގެފާސްކޮށްފިއެވެ. ޙަޤީޤަތުގައި މިގޭގައި ހުރީ ދެން އަންނަ މޫސުމުގެ ގޮވާން ކެނޑުމާ ހަމަޔަށް ކިރިޔާ ފަރިއްކުޅުވޭހައި ގޮވާމެވެ. ނަމަވެސް އީރާނު މީހުން އެއެތިކޮޅުވެސް ފޭރިގަތެވެ. ކުއްލިޔަކަށް ކަލާގެ ބައްޕާފުޅާއި ބޭބޭފުޅުގެ ކެތްތެރިކަން އޭގެ ހައްދުން ނައްޓައިލައިފިއެވެ. އޭގެސަބަބުން ހަނގުރާމަ ފެށިއްޖެއެވެ. އީރާނު މީހުން ބަލިވެގެން ފިލައިގެން ދިޔައީއެވެ. އެކަމުގެ ޝަކުވާ ހިއްޕަވައިގެން ތޫރަޖު ހުރުމުޒުގެ އަރިހަށް ވަޑައިގަތުމުން އަސްވާރުންގެ ގެމައެއް އޭނާއާ ޙަވާލުކުރެއްވީއެވެ.

އެންމެފުރަތަމަ ދުވަހެކޭ އެއްގޮތަށް ހަނގުރާމަހިނގީ މިގޭގެ ގޯތިތެރޭގައެވެ. ކަލާގެ ބައްޕާފުޅާއި ބޭބޭފުޅު ޤަތުލުވީއެވެ. އަވަށުގެ މީހުންގެ ތެރެއިން ބައްޕާފުޅާ އެހީވާން އައިމީހުންގެ ތެރެއިން ފަސްމީހުން އީރާނުމީހުންގެ އަތުން މަރުވިއެވެ."

حسّان ވިދާޅުވިއެވެ. "سُهيل ދުނިޔޭގައި ހުރިކަން ޔަޤީންހެއްޔެވެ؟ އޭނާވީ ތޫރަޖުގެ ގޭގައިކަން ކަލޭމެންނަށް ކަށަވަރުވޭ ހެއްޔެވެ؟"

"އާދޭހެވެ. މިއަވަށުގެ އެތައް ބަޔަކަށްވަނީ سُهيل ފެނިފައެވެ."

حسّان ކުއްލިޔަކަށް ތެދުވެވަޑައިގެން އޭނާގެ އަސްކޮޅުގެ ލަގަނުގައި ހިއްޕަވައިފިއެވެ.

"ކަލާ ތިޔަވަޑައިގަންނަވަނީ ކޮންތަނަކަށްތޯއެވެ؟" އެތައްބަޔަކު އެއްފަހަރާ ސުވާލުކުރިއެވެ.

"އަހަރެންގެ އެދުމަކީ މިއަދު އިރުއޮއްސުމުގެ ކުރިން ތޫރަޖުގެ ހިސާބު ހަމަޖައްސައިލުމެވެ." މިހެން ވިދާޅުވެފައި އޭނާ އަސްމައްޗަށް ސަވާރުވެވަޑައިގެންފިއެވެ.

އުމުރުން ދުވަސްވެފައިހުރި މީހެއް ދުވެފައި އައިސް އޭނާގެ އަސްކޮޅުގެ ލަގަނުގައި ހިފަހައްޓައިފައި ދެންނެވިއެވެ. "މަޑުކުރައްވާށެވެ. حسّان އެވެ. ގިނިކަންޏާ މިހާރަކު އެއްވެސްކަމެއް ނުކުރެއްވޭނެއެވެ. ހަތިޔާރުއެޅި ފަންސާހަކަށް ފަސްދޮޅަހަކަށް މީހުން އަބަދުވެސް ތޫރަޖުގެ އަރިހުގައި ތިބެއެވެ. އޭނާގެ ފަހަތްޕުޅުގައި ހުރުމުޒު އެބަހުންނެވިއެވެ. އޭނާ އަމުރުކުރައްވައިފިނަމަ އޭނާގެ ލަޝްކަރު ދުވާލެއްގެ ހަތަރުދަމުން އެތަކެއް އަވަށެއް އަންދައި އަޅިޔަށް ހަދައިލާނެއެވެ. މިހާރު އަޅުގަނޑުމެން މިތިބީ އެއްވެސް އާރެއްބާރެއް ނެތިފައެވެ. ނަމަވެސް ބަދަލުހިފުމުގެ ވަގުތު އައުމުން އަޅުގަނޑުމެން ކަލާއާ ބައިވެރިވާނޫއެވެ."

حسّان ހަޅޭފުޅު ލައްވައިގެންފައި ވިދާޅުވިއެވެ. "ނޫނެކެވެ. އަހަރެންގެ އަހުގެ ލަގަނުން ދޫކޮށްލާށެވެ. އަހަރެން އެއްވެސް މީހެއްގެ އެހީއަކަށް ބޭނުމެއް ނޫނެވެ."

ލަގަނުގައި ހިފެހެއްޓިމީހާ ސިހިގެންގޮސްފައި ފަހަތަށް ޖެހިއްޖެއެވެ. حسّان އަސްކޮޅުގައި ހަންމުށިއަޅުއްވައިފިއެވެ. ފަހަތްޕުޅުން އެތަކެއް އަންހެނުންނާއި ފިރިހެނުންގެ އަޑުއިވެމުންދިޔައެވެ. "حسّان އެވެ! މަޑުކުރައްވާށެވެ. އަޅުގަނޑުމެންގެ ވާހަކަ އަޑުއައްސަވާށެވެ! حسّان! حسّان!" ނަމަވެސް އޭނާ އެންމެ ސިކުންތަކަށްވެސް އެނބުރި ބައްލަވާކަށެއް ބޭނުންފުޅެއް ނުވިއެވެ. މެންދުރުވާންވީއިރަށް حسّان އަށް އޭނާގެ ކަނާތްޕުޅުފަރާތުން ތޫރަޖު އަވަށް ފެނިވަޑައިގެންފިއެވެ. ކުރިފުޅުމަތީން ބައިމޭލެއްހައި ދުރުން ކޯރެއްގެ ވިދަވިދައި އޮތް ސާފު ފެންގަނޑުވެސް ފެނިވަޑައިގެންފިއެވެ. އަހުގެ ދުވެލީން އޭގެ ބަނޑުހައިކަމާއި ފެންބޮވައިގަތުމާއި ވަރުބަލިކަމުގެ ހެކިފެންނަމުންދެއެވެ. ކޯރުގެ ފެންގަނޑު ފެނުމާއެކު އަސް އެސޮރުގެ ދުވެލި ތަންކޮޅެއް ބާރުކޮށްލިއެވެ. حسّان އަސް އެދޭގޮތަށް ދޫކޮށްލެއްވިއެވެ. އަވަށުން ނުކުމެވަޑައިގެންނެވިއިރު حسّان ގެ ހިތްޕުޅުގައި އަނދައަނދައިހުރި ބަދަލުހިއްޕެވުމުގެ އަލިފާންގަނޑު މަޑުމަޑުން ދަނީ ނިވެމުންނެވެ. ދުވާލުގެ އަލިކަމުގެ ތެރޭގައި ގިނިކަންޏާ ތޫރަޖުގެ ގެއަށް ޙަމަލަދެއްވައި އޭނާ ޤަތުލުކޮށްލައްވަން حسّان ގެ ހިތްޕުޅުގައި ރާއްވަވައިފައިވާ ގިނަ މަޝްރޫޢުތަކަށް ޢަމަލީސިފަ ނުގެންނެވޭނެކަން އޭނާއަށް އިޙްސާސް ކުރެއްވޭން ފަށައިފިއެވެ. حسّان ގެ ކުރިފުޅުމަތީގައިއޮތީ ހަމައެކަނި އޭނާގެ އަމިއްލަ ހަށިކޮޅު ނުރައްކަލަކަށް ހުރަހެޅުއްވުމުގެ މައްސަލަކަމުގައި ވީނަމަ އޭނާ ކުޑަވެސް ފަސްޖެހިވަޑައިގަތުމަކާ ނުލައި ތޫރަޖުގެ ގެއަށް ޙަމަލަދެއްވީހެވެ. ޒަޚަމްވެވަޑައިގެން ވެއްޓިވަޑައިގަންނަވަމުންވެސް އޭނާއަކީ عُتُبـة ގެ ދަރިކަލުންކަމާއި عمّارة ގެ ބޭބެކަމާއި، އެބޭފުޅުންގެ ޤާތިލު މަރުގެ އަނގަޔަށް އެއްލަވައިލައްވައިފިކަން އިޢުލާނު ކުރެއްވުމުން އޭނާގެ ހިތްޕުޅަށް ހަމަޖެހުމެއް ލިބިވަޑައިގަތީހެވެ. ނަމަވެސް ތުއްޕުޅު سُهيل އާމެދު ޚިޔާލުކޮށްލެއްވުމުން އޭނާގެ ޖޯޝާއި ފޯރީގެ މައްޗަށް ގަދަވެގަންނަނީ ތަޖުރިބާކާރު ސިފައިންގެ މީހެއްގެ ދުރުވިސްނުމާއި ކެތްތެރިކަމެވެ. ހަނގުރާމައިގެ ބިރުވެރިކަމުގެ ތެރެއިންނާއި ހައްޔަރުވެވަޑައިގެން ހުންނެވިއިރުގެ މުސީބާތުގެ ތެރެއިން އޭނާ ވަނީ ކެތްތެރިކަމާއެކު ކުރިޔަށް ވަޑައިގަތުމުގެ ފިލާވަޅު ހޯއްދަވައިފައެވެ. سُهيل ތޫރަޖުގެ ގެއިން ސަލާމަތް ކުރައްވައިގެން ކޮންމެވެސް ރައްކާތެރި ތަނަކަށް ފޮނުއްވުމުގެ އެދުންފުޅު އޭނާގެ ހިތްޕުޅާއި ސިކުނޑިފުޅުގައިވަނީ މަޞްލަޙަތުގެ ފާރަވެރިން ބައިތިއްބައިފައެވެ. އެހެންކަމުން އޭނާގެ ފެންބޮވައިގެންފައިވާ އަސް ތޫރަޖުގެ އަވަށް ފަހަނަޅައި ކޯރާއި ދިމާޔަށް ދާންފެށުމުން حسّان އެއަސް ހުއްޓުވާކަށެއް މަސައްކަތްޕުޅެއް ނުކުރެއްވިއެވެ.

އިރުކޮޅެއްގެފަހުން حسّان އަހަށް ފެންބޯންދެއްވުމަށްފަހު އޭނާވެސް ފެންފޮދު ހިއްޕަވައިގެން އަހުގެ ލަގަން ނަންގަވައިފިއެވެ. އަހުގެ ކުރީ މޮށްގަނޑާއި ކަނދުރާއާއެކު އައްސާލެއްވުމަށްފަހު އައްސޭރީގެ ފެހިވިނަގަނޑާ ދިމާޔަށް ދޫކޮށްލައްވައިފިއެވެ. ޚުދު އޭނާވެސް ބޯގަސްތަކެއްގެ ހިޔަލުގައި އިށީނދެވަޑައިގެން އިރުއޮއްސޭ ވަގުތަކަށް އިންތިޒާރު ކުރައްވަން ފައްޓަވައިފިއެވެ. އޭނާއަށް ހީފުޅުވީ އެދުވަސް އޭނާ ހައްޔަރުގައި ހުންނެވި ދުވަސްތަކުގެ ތެރެއިން އެންމެބޮޑަށް އަނިޔާ ލިބިވަޑައިގެންނެވި ދުވަހަށްވުރެވެސް މާދިގުހެންނެވެ.

+ + + + +

ހަވީރުވާން ކައިރިވީއިރު އަވަށުގެ މީހުން ތިބީ ތޫރަޖުގެ ގޭގެ ކުރިމަތީގައި އީރާނުގެ ކުއްޖަކާއި ޢަރަބި ކުއްޖަކު ގުޅަމަތިހިފާ މަންޒަރު ބަލަން އެއްވެއެވެ. ޢުމުރުން ސާދައަހަރަށްދާ سُهيل ހަވޭލީގެ ތެރެއިން ނިކުމެވަޑައިގެންފިއެވެ. ނަމަވެސް ދޮރުމަތީން ފާރަވެރިޔަކު ފެނިވަޑައިގަތުމުން ކުރިޔަށް ވަޑައިގަންނަވާކަށެއް އޭނާއަށް ކެރިވަޑައެއް ނުގެންނެވިއެވެ.

ފާރަވެރިޔާ އެންމެ ފުރަތަމަ سُهيل އާ ދިމާލަށް ލޯ ބޮޑުކޮށްލައިފައި ބަލައިލިއެވެ. އެއަށްފަހު މޫނުމައްޗަށް އޯގާވެރި ވައްތަރެއްގެ ހިނިތުންވުމެއް ގެނެސްފައި ސުވާލު ކުރިއެވެ. "ކަލޭ ބޭރަށްދާން ބޭނުންހެއްޔެވެ؟"

"ނޫނެކެވެ." سُهيل ފަރުވާކުޑަ ގޮތަކަށް ޖަވާބުދެއްވިއެވެ.

"ކަލޭ ގުޅަމަތިހިފާތަން ބަލާހިތެއް ނުވޭހެއްޔެވެ؟"

"އާނއެކެވެ."

ފާރަވެރިޔާ سُهيل ގެ ކޮނޑުފުޅުމަތީގައި އަތް ބާއްވައިލައިފައި ބުންޏެވެ. "ކަލޭމެންގެ އަވަށުގެ ކުދީންނާއެކު ކަލޭ ގުޅަމަތިހިފައި އުޅުނީމުހެއްޔެވެ؟"

(ނުނިމޭ)