މިންހާ ފާއިޒް ރަޝާދު
ރާވައިގެން ހިންގާ އަނިޔާވެރި އަމަލުތައް މަދުކުރެވިފައިވަނީ ރަނގަޅު އިންތިޒާމުތަކުގެ ތެރެއިން ފުލުހުންވެސް ކުރި މަސައްކަތުން ކަމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.
ސީޕީ ހަމީދު މިހެން ވިދާޅުވެފައިވަނީ މިއަދު ކުރެއްވި ޓުވީޓެއްގައެވެ.
51 ވަނަ ޖުމްހޫރީ ދުވަސް ފާހަގަ ކުރުމަށް ރޭ ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ވޭތުވެދިޔަ އަހަރުތަކާ އަޅައި ބަލާއިރު މިއަހަރަކީ އެންމެ މަދުން ކުށްތައް ހިނގި އަހަރުކަން ފާހަގަ ކުރައްވާފައެވެ.
"ވޭތުވެދިޔަ ހަ އަހަރުގެ ޕޮލިސް ރެކޯޑްތަކަށް ބަލާ އިރު، އަނިޔާވެރި ކުށްތައް އެންމެ މަދުން ހިނގީ މި އަހަރު. ގުރޫޕް މާރާމާރީ ވެސް %50 މަދުވެއްޖެ. ގޭންގް ކުށްތަކުގައި މީހެއްގެ ފުރާނަ ގެއްލިފައެއް ނުވޭ." ރައީސް ސޯލިހު ވިދާޅުވިއެވެ.
އެ ކަމަށް ޓަކައި ރައީސް ސޯލިހު ވަނީ ފުލުހުންނަށް ހާއްސަ ޝުކުރެއްވެސް އަދާކުރައްވާފަ އެވެ.
ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު (އެމްސީ ހަމީދު) ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ގުރޫޕް ހަދައިގެން ނުވަތަ ރާވައިގެން ހިންގާ އަނިޔާވެރި އަމަލުތައް މަދުކުރެވިފައިވަނީ މަގުތަކުގެ އަމާންކަން ދެމެހެއްޓުމަށް ތަރުތީބާއި ރަނގަޅު އިންތިޒާމްތަކުގެ ތެރެއިން ފުލުހުން ކުރަމުން އަންނަ މަސައްކަތް ހިމެނިގެންކަން ފާހަގަ ކުރައްވާފައެވެ.
ސީޕީ ހަމީދުގެ ޓުވީޓުގައި ވަނީ 2014 ޖެނުއަރީން ފެށިގެން 2019 ނޮވެމްބަރު ހަތަކާހަމައަށް ފުލުހުންނަށް ހުށަހެޅިފައިވާ މައްސަލަތަކުގެ ރިކޯޑެއްވެސް ހިމަނާފައެވެ. އަދި ފުލުހުންނަށް މަރުހަބާ ދަންނަވާފައެވެ.