ކްލަބު އެމްޓީސީސީ އާއި އެމްޓީސީސީ ވިލިމާލެ ފެރީ ޔުނިޓް ގުޅިގެން ވިލިމާލޭގެ މުއައްސަސާތަކުގެ މެދުގައި ބާއްވާ ވިލި މުއައްސަސާ ކަޕްގައި ވިލިމާލެ ޕޮލިސް ބަލިކޮށް، ވިލިޖޯލިން ސެމީ ފައިނަލުގެ އުންމީދު ބޮޑުކޮށްފިއެވެ.
ވިލިމާލެ ފުޓްސަލް ދަނޑުގައި ރޭ ކުޅުނު "ގްރޫޕު އޭ"ގެ މެޗުގައި ވިލިޖޯލިން ވަނީ 9-4ގެ ނަތީޖާއަކުން ވިލިމާލެ ޕޮލިސް ބަލިކޮށްފައެވެ. އެ މެޗު ޝަރަފުވެރިކޮށްދެއްވީ ކްލަބު އެމްޓީސީސީގެ ޗެއާމަން އަބްދުﷲ ޝިމާޒެވެ.
އެ މެޗުގައި ވިލިޖޯލިން ޖެހި ނުވަ ލަނޑުގެ ތެރެއިން ހަތަރު ލަނޑު އާދަމް ނަހުވާން ކާމިޔާބުކޮށްދިން އިރު، މުހައްމަދު ވިލްފު ތިން ލަނޑު ކާމިޔާބުކޮށްދިނެވެ. އޭގެ އިތުރުން އަލީ އިފާޒާއި ހުސައިން ސާމިލު ވެސް ވިލިޖޯއްޔަށް ލަނޑެއް ކާމިޔާބުކޮށްދިނެވެ.
މެޗުގައި ވިލިމާލެ ޕޮލިހުން ކާމިޔާބުކުރި ހަތަރު ލަނޑުގެ ތެރެއިން ދެ ލަނޑު ކާމިޔާބުކޮށްދިނީ ހިޝާމް އަބްދުލް މަޖީދެވެ. އަދި އެޓީމުގެ އަނެއް ދެ ލަނޑު ކާމިޔާބުކޮށްދިނީ މުހައްމަދު ހަމްދޫނާއި މުހައްމަދު މައުސޫމެވެ. އެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ހަތަރު ލަނޑު ކާމިޔާބުކުރި ވިލިޖޯލީގެ އާދަމް ނަހުވާނެވެ.
"ގްރޫޕު އޭ"ގެ އެ މެޗަށް ނުކުތް އިރުވެސް ވިލިމާލެ ޕޮލިހަށް ވަނީ މުބާރާތާ އަލްވަދާއު ކިޔަން ޖެހިފައެވެ. ގްރޫޕު ސްޓޭޖުގައި ކުޅެން ޖެހޭ ތިން މެޗުން ވެސް ވިލިމާލެ ޕޮލިސް ވަނީ ބަލިވެފައެވެ. ވިލިޖޯލިން މިހާތަނަށް ކުޅުނު ދެ މެޗުން ވެސް އެޓީމު ވަނީ މޮޅުވެފައެވެ. އެ ގްރޫޕުގައި ދެން ހިމެނޭ މޯލްޑިވްސް ވޯޓާ އެންޑް ސެވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) އާއި މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރު (އެމްއާރުސީސީ)، އެއިން ކޮންމެ ޓީމަކުން ވަނީ ތިން ޕޮއިންޓު ހޯދައިފައެވެ. އޭގެ ތެރެއިން އެމްޑަބްލިޔުއެސްސީ ދެ މެޗު ކުޅެފައިވާ އިރު، އެމްއާރުސީސީން މިހާތަނަށް ކުޅެފައިވަނީ އެންމެ މެޗެކެވެ.
އެ މުބާރާތުގެ މެޗެއް ދެން ކުޅުމަށް ހަމަޖެހިފައިވަނީ މާދަމާއެވެ. މާދަމާ ރޭ 8:00ގައި ކުޅޭ "ގްރޫޕު އޭ"ގެ މެޗުގައި އެމްއާރުސީސީ އާއި ވިލިޖޯލި ބައްދަލުކުރާ އިރު، މާދަމާ ރޭ 9:00ގައި ކުޅޭ "ގްރޫޕު ބީ"ގެ މެޗުގައި ބައްދަލުކުރާނީ ކްލަބު އެމްޓީސީސީ އާއި ސްޓެލްކޯއެވެ.
މިއަހަރުގެ މުބާރާތުގެ "ގްރޫޕު އޮފް ޑެތު"ގެ ގޮތުގައި ފާހަގަކޮށްލެވެނީ "ގްރޫޕު ބީ" އެވެ. އެ ގްރޫޕުގައި ހިމެނެނީ 2017ގެ ޗެމްޕިއަން މޯލްޑިވްސް ގޭހާއި އެންމެ ފަހުގެ ރަނަރަޕް ކްލަބު އެމްޓީސީސީގެ އިތުރުން ވެމްކޯ އަދި ސްޓެލްކޯއެވެ. އެ މުބާރާތުގެ "ގްރޫޕު އޭ"ގައި ހިމެނެނީ ވިލިމާލެ ޕޮލިހާއި މޯލްޑިވްސް ވޯޓާ އެންޑް ސެވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) އާއި ވިލިޖޯލި އަދި މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރު (އެމްއާރުސީސީ)، ކޯސްޓްގާޑެވެ.
ވިލިމާލޭގެ މުއައްސަސާތަކުގެ މެދުގައި ބާއްވާ ފޯރިގަދަ އެ ފުޓްސަލް މުބާރާތުގައި އެންމެ ފަހުގެ ޗެމްޕިއަން ވިލިމާލެ ހިޔާ، މިއަހަރުގެ މުބާރާތުގައި ބައިވެރިވެފައެއް ނުވެއެވެ. އެޓީމުން މުބާރާތުގައި ބައިވެރިވެފައިނުވަނީ ވިލިމާލެ ހިޔާގައި މަސައްކަތްކުރާ މުވައްޒަފުން މަދުވުމާ ގުޅިގެންނެވެ.
އެ މުބާރާތުގެ ގްރޫޕް ސްޓޭޖު މެޗުތަކަށްފަހު، ދެ ގްރޫޕުގެ އެއްވަނަ އަދި ދެވަނަ ހޯދާ ޓީމުތައް ސެމީ ފައިނަލަށް ނުކުންނާނެއެވެ. އަދި ސެމީގެ މެޗުތައް ކާމިޔާބުކުރާ ދެ ޓީމު ފައިނަލް މެޗަށް ނުކުންނާނީ މިމަހުގެ 17 ގައެވެ.
އެ މުބާރާތުގެ ޗެމްޕިއަން ޓީމަށް 15،000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާ އިރު، ރަނަރަޕް ޓީމަށް ފައިސާގެ އިނާމެއްގެ ގޮތުގައި ހުށަހަޅާފައިވަނީ 5،000 ރުފިޔާއެވެ. އެ މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނާއި ހުރިހާ ގޮތަކުން އެންމެ މޮޅު ކުޅުންތެރިޔާ އަދި އެންމެ ގިނަ ލަނޑު ޖަހާ ކުޅުންތެރިޔާ ހޮވުމަށް ވެސް ހަމަޖެހިފައިވެއެވެ.
މިއަހަރުގެ މުބާރާތުގެ ޓައިޓަލް ސްޕޮންސަރަކީ މިދިޔަ ދެ އަހަރުގެ މުބާރާތުގެ ވެސް ޓައިޓަލް ސްޕޮންސަރު ސުޒުކީ މެރިންއެވެ. އެ މުބާރާތުގެ ސަޕޯޓިން ޕާޓްނަރަކީ ގާޑަން ބްރީޒެވެ. އެންޓަޓެއިންމަންޓް ޕާޓްނަރަކީ ބިދަބިންއެވެ. އޮފިޝަލް އިވެންޓްސް ޕާޓްނަރަކީ ސައިޓް އެންޑް ސައުންޑްސްއެވެ. އޮފިޝަލް މީޑިއާ ޕާޓްނަރަކީ ވަން އޮންލައިނެވެ. މުބާރާތުގެ ފޮޓޯގްރަފީ ޕާޓްނަރަކީ އިމޭޖަސް އެމްވީއެވެ. އޮންލައިން މީޑިއާ ޕާޓްނަރަކީ ބޯޅަ އެމްވީއެވެ. އަދި ބްރޯޑްކާސްޓިން ޕާޓްނަރަކީ ވީ މީޑިއާއެވެ.