ބޮލީވުޑް

ރިތޭޝްގެ މި ފިލްމުގައި ކޮންމެ ޝޮޓެއް ފަސް ފަހަރު ޝޫޓް ކުރި

އާންމުކޮށް ކޮމެޑީ ފިލްމުތަކުން ފެންނަ ރިތޭޝް ދޭޝްމުކް ވަނީ ފިލްމު "އޭކް ވިލަން" ގައި މޮޅު އެކްޓެއް ދައްކައިދީ ސީރިއަސް އަދި ވިލަން ރޯލުތައް ކުޅުމަށްވެސް އޭނާގެ ހުނަރު ހުރިކަން ދައްކުވައިދީފައެވެ.

މިވަގުތު ރިތޭޝް ފެނިގެންދާ ކޮމެޑީ ފިލްމު "ހައުސްފުލް 4"ގެ ކާމިޔާބީ ފާހަގަކުރަމުން ދިޔަ ކަމުގައިވިއަސް ގިނަ ބަޔަކު އިންތިޒާރު ކުރަމުން އަންނަނީ ރިތޭޝް އަނެއްކާވެސް ވިލަންގެ ރޯލުން ފެނިގެންދާނެ ފިލްމު "މަރްޖާވާން" އަށެވެ. އެ ފިލްމުގައި ރިތޭޝް ގެ ރޯލަކީވެސް "ޑުވާފް" (ކުރު މީހެއް)ގެ ރޯލެވެ.

އިންޓަވިއުއެއްގައި ރިތޭޝް ބުނީ ދެ ފިލްމުގައި ވިލަންގެ ރޯލުން ފެނިގެންދިޔަ ކަމުގައި ވިޔަސް ދެ ފިލްމުގެ ރޯލުވެސް ތަފާތު ކަމަށެވެ. އެގޮތުން "އޭކް ވިލަން" ގައި ފެނިގެން ދިޔައީ "ބޯއީ ނެކްސްޓް ޑޯ" ކަމަށް ވިޔަސް "މަރްޖާވާން" ގައި ފެނިގެންދާނީ ވަރަށް ރުޅިގަދަ ގޯސް މީހެއްގެ ރޯލަކުން ކަމަށެވެ.

މީގެ އިތުރުން ފިލްމު "މަރްޖާވާން" ގައި ކޮންމެ ޝޮޓެއް އެކި އެންގަލްތަކުން ފަސް ފަަހަރު ޝޫޓް ކުރަން ޖެހުނު ކަމަށް ރިތޭޝް ބުންޏެވެ. އަދި އެ ސީންތައް ކުޅެން ޖެހުނީވެސް ކުރުކަކޫ މަތީގައި އިނދެކަމަށް ރިތޭޝް ބުންޏެވެ.

ފިލްމު "މަރްޖާވާން" ރިލީސްކުރަނީ މިމަހު 15ގައެވެ.

މީގެ އިތުރުން އެކްޝަން ރޯލަކުން "ބާގީ 3" އިންވެސް ރިތޭޝް ކުރިއަށް އޮތްތަނުގައި ފެނިގެން ދާނެއެވެ.