ވެލާނާ އިންޓަރނޭޝިނަލް އެއަރޕޯޓް

އެމްއޭސީއެލްގެ ހިންގުން މޫސާ ސޯލިހުއާ ހަވާލުކުރައްވައިފި

ޝަހީދާ އަބްދުﷲ ސައީދު

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) ގެ މެނޭޖިންގ ޑިރެކްޓަރު ކަމުގެ މަގާމުން އާދިލު މޫސާ އިސްތިއުފާދެއްވުމަށް މިއަދު ހުށަހެޅުއްވުމާއެކު، އެކުންފުނި ހިންގުމުގެ މަސްއޫލިއްޔަތު ޑެޕިއުޓީ ޗީފް އިންފޯމޭޝަން އޮފިސަރުގެ މަގާމުގައި ހުންނެވި މޫސާ ސޯލިހުއާ ހަވާލުކުރައްވައިފި އެވެ.

ޕްރައިވެޓައިޒޭޝަން ބޯޑުގެ ރައީސް މުހައްމަދު ނިޒާރު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މިމަހުގެ 15 ވަނަ ދުވަހުން ފެށިގެން އާދިލް މޫސާ އިސްތިއުފާ ދެއްވުމަށް ހުށަހެޅުއްވި ހުށަހެޅުން ގަބޫލުކޮށްފައިވާ ކަމަށެވެ.

އެހެންކަމުން އެ ކުންފުނި ހިންގުމުގެ މަސްއޫލިއްޔަތު މިވަގުތު ޑެޕިއުޓީ ޗީފް އިންފޯމޭޝަން އޮފިސަރުގެ މަގާމުގައި ހުންނެވި މޫސާ ސޯލިހުއާ ހަވާލުކުރެވިފައިވާ ކަމަށް ވިދާޅުވިއެވެ. ނިޒާރު ވިދާޅުވީ މާދަމާ އިން ފެށިގެން އާދިލް މަގާމުން ވަކިވެ ވަޑައިގަންނަވާނެ ކަމަށެވެ. މޫސާ ޞާލިޙުއަކީ އިންތިޚާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ބައްޕައާއި އެއްބަނޑު އެއްބަފާ ބޮޑު ބޭބެ އެވެ.

އާދިލު އެމަގާމަށް އައްޔަން ކުރެއްވި 2015 ވަނަ އަހަރުއެވެ. 192 ވަނަ އަހަރު އެމްސީއެލްއާ ގުޅިވަޑައިގެންނެވި އާދިލުއަކީ އެކުންފުނީގެ ގިނަ މަގާމުތަކެއް ފުރުއްވާފައިވާ ބޭފުޅެކެވެ.

އާދިލު މަގާމުން އިސްތިއުފާދެއްވި އިރު، ރައީސް ޔާމީންގެ ސަރުކާރުގައި ހިންގި ތަރައްގީގެ އެންމެ ބިޔަ ބޮޑުމަޝްރޫޢު ކަމަށްވާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ދެގުނަ ބޮޑުކޮށް، އޭޝިޔާގެ އެންމެ ފެންވަރު ރަނގަޅު އެއާޕޯޓަށް، ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓް ހެދުމަށްޓަކާ ކުރެވުނު މަސައްކަތުގެ އިސް ދައުރެއް އަދާކުރެއްވީ އާދިލު އެވެ.