އިންތިހާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ވެރިކަމެއްގައި ރާއްޖެއަށް ހެޔޮ ބަދުލުތަކެއް އަންނާނެ ކަމަށް ޔަގީން ކުރައްވާ ކަމަށާއި، އެއްބައިވަންތަވުމަށް ހުރިހާ ރައްޔިތުންވެސް އިންތިހާބުވެފައިވާ އިއްތިހާދު ސަރުކާރަށް އެއްބާރުލުން ދެއްވުމަށް އިންތިހާބުގައި ބަލިިވި، ރައީސް ޔާމީންގެ އިންތިހާބީ ބައިވެރިޔާ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ގޮވާލައްވައިފިއެވެ.
ޝަހީމް ވިދާޅުވެފައި ވަނީ އިބޫ ހޯއްދެވި ކާމިޔާބީއަށް މަރުހަބާ ދަންނަވާ ކަމަށާއި، އަބަދުވެސް އެދެނީ ގައުމު ކުރިއަށް ދިއުމަށް ކަމަށެވެ.
އިންތިހާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ވަރަށް ހޫނު މަރުހަބާއެއް ދަންނަވަން. އިބޫގެ ލީޑާޝިޕްގައި ރާއްޖެއަށް ހެޔޮ ބަދަލެއް އަންނާނެކަން ޔަގީން ކުރަން. ގައުމު ހިންގުމާއި އެއްބައިވަންތަވުމަށް އިބޫއަށް އެއްބާރުލުން ދިނުމަށް ދިވެހި ރައްޔިތުންގެ ކިބައިން އެދެން. ކުރިއަށް ދިވެހި ގައުމު.ޝަހީމް
އިއްޔެ ބޭއްވި ރިޔާސީ އިންތިހާބުގެ ވަގުތީ ނަތީޖާ އިލެކްޝަންސް ކޮމިޝަނުން މިއަދު ހެނދުނު އިއުލާން ކޮށްފައިވާ އިރު، އިލެކްޝަންސްއިން އިއުލާން ކުރި ވަގުތީ ނަތީޖާގައި ވާ ގޮތުން، އިންތިހާބުގައި ވާދަ ކުރި މިހާރުގެ ރައީސް، ޕީޕީއެމްގެ ކެނޑިޑޭޓް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ލިބިފައިވަނީ 96،132 ވޯޓެވެ. އިދިކޮޅު އިއްތިހާދުގެ ކެނޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިފައި ވަނީ 1،34،616 ވޯޓު ލިބިފައިވެއެވެ.
އިބޫގެ ކާމިޔާބީ ސަރުކާރުންވެސް ބަލައިގެންފައިވާ އިރު، މިއަދު މެންދުރުގެ ވަގުތެއްގައި އިބޫއާއި ރައީސް ޔާމީން ބައިވެރިވެވަައިގަންނަވާ ޕްރެސްއެއް ރައީސް އޮފީހުގައި އޮންނާނެ ކަމަށް ވަނީ މައުލޫމާތު ލިބިފަ އެވެ.