އިބްރާހިމް ޒަކީ
ދިވެހި ޝިޕިން ލައިނެއް އުފައްދަން ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައިފިއެވެ.
މި ގަރާރު މަޖިލީހަށް ފޮނުވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީއެވެ.
ގަރާރުގައި ރާއީ ވިދާޅުވެފައިވަނީ، މިއީ މެރިޓައިމް އިންޑަސްޓްރީއަށް ނިސްބަތްވާ ގިނަ ފަރާތްތަކަކުން އެ އިންޑަސްޓްރީގައި މަސައްކަތް ކުރުމުގައި ގިނަ ދަތިތަކެއް ކުރިމަތިވަމުންދާ ކަން ފާހަގަ ކޮށް ކަންބޮޑުވުން ފާޅުކޮށްފައިވާތީ އެކަމަށް ހައްލު ހޯދުމުގެ މަގުސަދުގައި ސަރުކާރުގެ ކަމާބެހޭ އިދާރާތަކަކުގެ ސަމާލުކަމަށް އެކަން ގެނައުމުގެ ގޮތުން ހުށަހަޅާ ގަރާރެއް ކަމަށެވެ.
މިގަރާރުގައި ބުނެފައިވަނީ ރާއްޖެ އަކީ ކަނޑުގެ ދަތުރު ފަތުރަށް ބަރޯސާވެފައިވާ ގައުމަކަށް ވުމާއެކު، ރާއްޖޭގެ މެރިޓައިިމް އިންޑަސްޓްރީ ކުރިއެރުވުމަށްޓަކައި މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ ރީސްޓްރަކްޗާކޮށް ރަނގަޅު ފެންވަރުގެ ހިދުމަތްތަކެއް ރައްޔިތުންނަށް ފޯރުކޮށްދެވޭފަދަ ތަނަކަށް ހެދުން މުހިންމުކަމަށެވެ.
އެގޮތުން ރާއްޖެއަށް އިމްޕޯޓުކުރާ މުދަލުގެ ފްރައިޓް ކޮންޓްރޯލް ކުރުމަށާއި ގައުމީ ސަލާމަތާއި ރައްކާތެރިކަމަށް ދިވެހި ޝިޕިން ލައިނެއް އުފެއްދުން މުހިންމު ކަމަށް ގަރާރުގައި ބުނެފައިވެއެވެ.
ގަރާރުގައި ބުނެފައިވަނީ، އިގްތިސާދީ ގޮތުން ވިސްނާއިރު މީގެ ކުރިން ވެސް ރާއްޖޭގައި އަމިއްލަ ޝިޕިން ލައިނެއް އޮތް ކަމަށާއި އޭރު އާމްދަނީގެ ގޮތުގައި 12 މިލިއަން ޑޮލަރު ރާއްޖެއަށް ލިބެމުން ދިޔަކަމަށެވެ.
މީގެ 20 ވަރަކަށް އަހަރު ކުރިން ރާއްޖޭގައި ހާހެއްހާ ސީމަނުން ތިބިކަން ފާހަގަކޮށް ގަރާރުގައި ބުނެފައިވަނީ މިހާރު އެ އަަދު 300 އަށް ދަށްވެފައިވާކަމަށެވެ.
ސީމަނުންގެ ފޮތަކީ އިންޓަނޭޝަނަލް ލޭބާ އޮގަނައިޒޭޝަން، އައިއެލްއޯގެ 1958 ވަނަ ކޮންވެންޝަންގެ ދަށުން ދޫކުރަމުން އަންނަ ފޮތެއް ނަމަވެސް އައިއެލްއޯގެ މިންގަނޑުތަކަށް އެ ފޮތް ނުފެތޭ ކަމަށް ވެސް އެ ގަރާރުގައި ވިދާޅުވެފައިވެއެވެ.