ކްލަބު އެމްޓީސީސީ އާއި އެމްޓީސީސީ ވިލިމާލެ ފެރީ ޔުނިޓް ގުޅިގެން ވިލިމާލޭގެ މުއައްސަސާތަކުގެ މެދުގައި ބާއްވާ ވިލި މުއައްސަސާ ކަޕްގައި ކްލަބު ވެމްކޯ އިން ސެމީ ފައިނަލުގެ އުންމީދު ބޮޑުކޮށްފިއެވެ.
ވިލިމާލެ ފުޓްސަލް ދަނޑުގައި ރޭ ކުޅުނު "ގްރޫޕު ބީ"ގެ މެޗުގައި ކްލަބު ވެމްކޯ އިން ވަނީ 6-3ގެ ނަތީޖާއަކުން ސްޓެލްކޯ ބަލިކޮށްފައެވެ. އެ މެޗު ޝަރުފުވެރިކޮށްދެއްވީ ޔޫތު މިނިސްޓްރީގެ ސީނިއާ ޕޮލިސީ ޑިރެކްޓަރު އަހްމަދު އިރާޝްއެވެ.
އެ މެޗުގައި ކްލަބު ވެމްކޯ އިން ޖެހި ލަނޑުތައް އެޓީމަށް ކާމިޔާބުކޮށްދިނީ އަހްމަދު ސަމީހު މޫސާ އާއި އަބްދުﷲ ޖުނާ އަދި އިބްރާހިމް މުބީން (މުއްކި) އެވެ. އެއިން ކޮންމެ ކުޅުންތެރިޔަކު ވެސް މެޗުގައި ތިން ލަނޑު ކާމިޔާބުކުރިއެވެ. މެޗުގައި ސްޓެލްކޯ އިން ޖެހި ލަނޑުތައް އެޓީމަށް ކާމިޔާބުކޮށްދިނީ ހަސަން ނަސީރާއި އިބްރާހިމް ޒަމީރު އަދި ސުއައިދު ސައީދެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ވެމްކޯގެ މުއްކިއެވެ.
ވެމްކޯ އިން ވަނީ "ގްރޫޕު ބީ"ގައި އެޓީމު މިހާތަނަށް ކުޅުނު ދެ މެޗު ވެސް ކާމިޔާބުކޮށް ހަ ޕޮއިންޓް ހޯދައި، ސެމީގެ އުންމީދު ބޮޑުކޮށްފައެވެ. މުބާރާތުގައި ވެމްކޯ އިން ކުޅުނު ފުރަތަމަ މެޗުގައި އެޓީމު މޮޅުވީ 2017ގެ ޗެމްޕިއަން މޯލްޑިވް ގޭސް އަތުންނެވެ. އެ ގްރޫޕުގައި ދެން ހިމެނޭ އެންމެ ފަހުގެ ރަނަރަޕް ކްލަބު އެމްޓީސީސީ އަދި މެޗެއް ކުޅެފައެއް ނުވެއެވެ.
އެ މުބާރާތުގައި މިރޭ ދެ މެޗެއް ކުޅުމަށް ހަމަޖެހިފައިވެއެވެ. މިރޭ 8:00ގައި ކުޅޭ "ގްރޫޕު ބީ"ގެ މެޗުގައި މޯލްޑިވް ގޭހާއި ކްލަބު އެމްޓީސީސީ ބައްދަލުކުރާ އިރު، މިރޭ 9:00ގައި ކުޅޭ "ގްރޫޕު އޭ"ގެ މެޗުގައި ބައްދަލުކުރާނީ ވިލިމާލެ ޕޮލިހާއި ވިލިޖޯލިއެވެ.
މިއަހަރުގެ މުބާރާތުގެ "ގްރޫޕު އޮފް ޑެތު"ގެ ގޮތުގައި ފާހަގަކޮށްލެވެނީ "ގްރޫޕު ބީ" އެވެ. އެ ގްރޫޕުގައި ހިމެނޭ 2017ގެ ޗެމްޕިއަން މޯލްޑިވްސް ގޭހާއި އެންމެ ފަހުގެ ރަނަރަޕް ކްލަބު އެމްޓީސީސީގެ އިތުރުން ވެމްކޯ އަދި ސްޓެލްކޯއެވެ. އެ މުބާރާތުގެ "ގްރޫޕު އޭ"ގައި ހިމެނެނީ ވިލިމާލެ ޕޮލިހާއި މޯލްޑިވްސް ވޯޓާ އެންޑް ސެވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) އާއި ވިލިޖޯލި އަދި މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރު (އެމްއާރުސީސީ)، ކޯސްޓްގާޑެވެ.
ވިލިމާލޭގެ މުއައްސަސާތަކުގެ މެދުގައި ބާއްވާ ފޯރިގަދަ އެ ފުޓްސަލް މުބާރާތުގައި އެންމެ ފަހުގެ ޗެމްޕިއަން ވިލިމާލެ ހިޔާ، މިއަހަރުގެ މުބާރާތުގައި ބައިވެރިވެފައެއް ނުވެއެވެ. އެޓީމުން މުބާރާތުގައި ބައިވެރިވެފައިނުވަނީ ވިލިމާލެ ހިޔާގައި މަސައްކަތްކުރާ މުވައްޒަފުން މަދުވުމާ ގުޅިގެންނެވެ.
އެ މުބާރާތުގެ ގްރޫޕް ސްޓޭޖު މެޗުތަކަށްފަހު، ދެ ގްރޫޕުގެ އެއްވަނަ އަދި ދެވަނަ ހޯދާ ޓީމުތައް ސެމީ ފައިނަލަށް ނުކުންނާނެއެވެ. އަދި ސެމީގެ މެޗުތައް ކާމިޔާބުކުރާ ދެ ޓީމު ފައިނަލް މެޗަށް ނުކުންނާނީ މިމަހުގެ 17 ގައެވެ.
އެ މުބާރާތުގެ ޗެމްޕިއަން ޓީމަށް 15،000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާ އިރު، ރަނަރަޕް ޓީމަށް ފައިސާގެ އިނާމެއްގެ ގޮތުގައި ހުށަހަޅާފައިވަނީ 5،000 ރުފިޔާއެވެ. އެ މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނާއި ހުރިހާ ގޮތަކުން އެންމެ މޮޅު ކުޅުންތެރިޔާ އަދި އެންމެ ގިނަ ލަނޑު ޖަހާ ކުޅުންތެރިޔާ ހޮވުމަށް ވެސް ހަމަޖެހިފައިވެއެވެ.
މިއަހަރުގެ މުބާރާތުގެ ޓައިޓަލް ސްޕޮންސަރަކީ މިދިޔަ ދެ އަހަރުގެ މުބާރާތުގެ ވެސް ޓައިޓަލް ސްޕޮންސަރު ސުޒުކީ މެރިންއެވެ. އެ މުބާރާތުގެ ސަޕޯޓިން ޕާޓްނަރަކީ ގާޑަން ބްރީޒެވެ. އެންޓަޓެއިންމަންޓް ޕާޓްނަރަކީ ބިދަބިންއެވެ. އޮފިޝަލް އިވެންޓްސް ޕާޓްނަރަކީ ސައިޓް އެންޑް ސައުންޑްސްއެވެ. އޮފިޝަލް މީޑިއާ ޕާޓްނަރަކީ ވަން އޮންލައިނެވެ. މުބާރާތުގެ ފޮޓޯގްރަފީ ޕާޓްނަރަކީ އިމޭޖަސް އެމްވީއެވެ. އޮންލައިން މީޑިއާ ޕާޓްނަރަކީ ބޯޅަ އެމްވީއެވެ. އަދި ބްރޯޑްކާސްޓިން ޕާޓްނަރަކީ ވީ މީޑިއާއެވެ.