އިބްރާހިމް ޒަކީ
ސުޕްރީމް ކޯޓުގެ ބާރުތަކުގެ ތެރެއަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އާއި ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީ ތައް ވަންނަ ކަމަށާއި އެހެން އެކަން ކުރުމުން ޝަރުއީ ދާއިރާ އިސްލާހުވާތަން ނުފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނާއިބު ރައީސް ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެ އެވެ.
ޝަރުއީ ދާއިރާއާ ބެހޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ކަމާބެހޭ ކޮމިޓީ އާއި ޖުޑިޝަލް ސާވިސް ކޮމިޝަން ގެ މަސައްކަތްތައް ކުރިއަށް ގެންދާގޮތަށް އަމާޒު ކުރައްވައި މިއަދު ކުރެއްވި ޓްވީޓެއްގައި މޫސަ ވިދާޅުވީ، ގާނޫނުއަސާސީގައި ދައުލަތް އިންތިޒާމް ވެފައިވާގޮތުން ސުޕްރީމް ކޯޓަށްވުރެ ބާރުގަދަ އެއްވެސް ފަރާތެއް ޝަރުއީ ދާއިރާގައި ނުވާ ކަމަށެވެ. އަދި ފަނޑިޔާރުންނާއި މެދު ހިތްހަމަ ނުޖެހޭ ނަމަ ފަނޑިޔާރުން ޖެހެނީ ބަދަލު ކުރަން ކަމަށް މޫސަ ވިދާޅުވިއެވެ.
"ގާނޫނުއަސާސީގައި ދައުލަތް އިންތިޒާމް ވެފައިވާގޮތުން ސުޕްރީމް ކޯޓަށްވުރެ ބާރުގަދަ އެއްވެސް ފަރާތެއް ޝަރުއީ ދާއިރާގައި ނުވާނެ، ފަނޑިޔާރުންނާއިމެދު ހިތްހަމަ ނުޖެހޭނަމަ ފަނޑިޔާރުން ބަދަލު ކުރަންވީ، ސުޕްރީމް ކޯޓުގެ ބާރުތަކުގެ މައްޗަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އާއި ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީ ސަވާރުވީމާ ޝަރުއީ ދާއިރާ އިސްލާހުވާތަނެއް ނުފެނޭ،" މޫސަ ވިދާޅުވިއެވެ.
ޖުޑިޝަރީ އިސްލާހު ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ވެ ވަޑައިގެންފައިވާ އިރު އެ ދާއިރާ އިސްލާހު ކުރުމުގެ މަަސައްކަތްތަކެއް ޖޭއެސްސީން ވަނީ ފަށައިފައެވެ. އަދި އެކަމަށް ބާރު ދިނުމަށް ފަނޑިޔާރުންގެ ގާނޫނާއި ކޯޓުތަކުގެ ގާނޫނަށް ރައްޔިތުންގެ މަޖިލީހުން ބަދަލު ގެނެސް އެ ދާއިރާއާ ގުޅުން ހުރި ބައެއް ގާނޫނުތައް މަޖިލީހުން ވަނީ ހަދައިފައެވެ.
ނަމަވެސް ބައެއް ފަނޑިޔާރުންނާއި، ކޯޓުތަކާމެދު ޖޭއެސްސީންނާއި މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ބައެއް ކަންތައްތައް ކުރިއަށްގެންދާ ގޮތުން ބައެއް ފަރާތްތަކުގެ ފާޑުކިއުން ވަނީ އަމާޒުވެފައެވެ.