ވިލި މުއައްސަސާ ކަޕް

ޕޮލިހަށް މުބާރާތާ އަލްވަދާއު ކިޔަން ޖެހުނު އިރު، އެމްޑަބްލިޔުއެސްސީ އަތުން ވިލިޖޯއްޔަށް ފަސޭހަ މޮޅެއް

ކްލަބު އެމްޓީސީސީ އާއި އެމްޓީސީސީ ވިލިމާލެ ފެރީ ޔުނިޓް ގުޅިގެން ވިލިމާލޭގެ މުއައްސަސާތަކުގެ މެދުގައި ބާއްވާ ވިލި މުއައްސަސާ ކަޕުން ވިލިމާލެ ޕޮލިސް އަލްވަދާއު ކިޔަން ޖެހުނު އިރު، މޯލްޑިވްސް ވޯޓާ އެންޑް ސެވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) އަތުން ވިލިޖޯލި ފަސޭހަކަމާއެކު މޮޅުވެއްޖެއެވެ.

ވިލިމާލެ ފުޓްސަލް ދަނޑުގައި ރޭ ކުޅުނު "ގްރޫޕު އޭ"ގެ މެޗުގައި މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރު (އެމްއާރުސީސީ) އަތުން ވިލިމާލެ ޕޮލިސް ވަނީ ބަލިވެފައެވެ. އެ މެޗުން ޕޮލިސް ބަލިވީ 7-3ގެ ނަތީޖާއަކުންނެވެ. އެ މެޗު ޝަރުފުވެރިކޮށްދެއްވީ ގާޑަން ބްރީޒްގެ ވެރިޔާ އަލީ ސިރާޖެވެ.

އެ މެޗުގައި އެމްއާރުސީސީން ޖެހި ހަތް ލަނޑުގެ ތެރެއިން ތިން ލަނޑު އަބްދުﷲ ޝުޖާއު ކާމިޔާބުކޮށްދިން އިރު، އަހްމަދު އާލިފް ވަނީ ދެ ލަނޑު ކާމިޔާބުކޮށްދީފައެވެ. އަދި އެޓީމުގެ އަނެއް ލަނޑުތައް ކާމިޔާބުކޮށްދިނީ އަހްމަދު އަޝްރަފާއި އާދަމް ޝަމީލެވެ.

މެޗުގައި ޕޮލިހުން ޖެހި ލަނޑުތައް އެޓީމަށް ކާމިޔާބުކޮށްދިނީ މުހައްމަދު ހަމްދޫނާއި ހިޝާމް އަބްދުލް މަޖީދު އަދި މުހައްމަދު މައުސޫމެވެ. އެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ މެޗުގައި ތިން ލަނޑު ކާމިޔާބުކުރި އެމްއާރުސީސީގެ އަބްދުﷲ ޝުޖާއުއެވެ.

"ގްރޫޕު އޭ"ގައި ރޭ ކުޅުނު އަނެއް މެޗުގައި ބައްދަލުކުރީ އެމްޑަބްލިޔުއެސްސީ އާއި ވިލިޖޯލިއެވެ. އެ މެޗު 9-0ގެ ނަތީޖާއަކުން ކާމިޔާބުކުރީ ވިލިޖޯލިއެވެ. އެ މެޗު ޝަރުފުވެރިކޮށްދެއްވީ ވިލިމާލެ ޕޮލިސްގެ ވެރިޔާ އަދުނާން އަލީއެވެ.

އެ މެޗުގައި ވިލލިޖޯލިން ޖެހި ނުވަ ލަނޑުގެ ތެރެއިން ތިން ލަނޑު ކާމިޔާބުކޮށްދިނީ އާދަމް ނަޝްވާނެވެ. އެޓީމުގެ އަލީ އިފާޒާއި ހުސައިން ސާމިލް، އެއިން ކޮންމެ ކުޅުންތެރިޔަކު ދެ ލަނޑު ކާމިޔާބުކޮށްދިން އިރު، އެޓީމުގެ އަނެއް ލަނޑުތައް ކާމިޔާބުކޮށްދިނީ މުހައްމަދު އަޔާޒާއި މުހައްމަދު ވިލްފްއެވެ. އެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ވިލިޖޯލީގެ ހުސައިން ސުނިލްއެވެ.

"ގްރޫޕު އޭ"ގައި ވިލިމާލެ ޕޮލިސް މިހާތަނަށް ކުޅުނު ދެ މެޗުން ވެސް ބަލިވެފައިވުމާ ގުޅިގެން އެޓީމަށް ވަނީ މުބާރާތާ އަލްވަދާއު ކިޔަން ޖެހިފައެވެ. އެ ގްރޫޕުގައި އެމްޑަބްލިޔުއެސްސީ އާއި ވިލިޖޯލި އަދި އެމްއާރުސީސީން ވަނީ ތިން ޕޮއިންޓް ހޯދައިފައެވެ. އޭގެ ތެރެއިން އެމްޑަބްލިޔުއެސްސީން މިހާތަނަށް ދެ މެޗު ކުޅެފައިވާ އިރު، އެމްއާރުސީސީ އާއި ވިލިޖޯލިން މިހާތަނަށް ކުޅެފައިވަނީ އެންމެ މެޗެކެވެ.

އެ މުބާރާތުގައި މިރޭ ދެ މެޗެއް ކުޅުމަށް ހަމަޖެހިފައިވެއެވެ. މިރޭ 8:00ގައި ކުޅޭ "ގްރޫޕު ބީ"ގެ މެޗުގައި މޯލްޑިވް ގޭހާއި ކްލަބު އެމްޓީސީސީ ބައްދަލުކުރާ އިރު، މިރޭ 9:00ގައި ކުޅޭ "ގްރޫޕު އޭ"ގެ މެޗުގައި ބައްދަލުކުރާނީ ވިލިމާލެ ޕޮލިހާއި ވިލިޖޯލިއެވެ.

މިއަހަރުގެ މުބާރާތުގެ "ގްރޫޕު އޮފް ޑެތު"ގެ ގޮތުގައި ފާހަގަކޮށްލެވެނީ "ގްރޫޕު ބީ" އެވެ. އެ ގްރޫޕުގައި ހިމެނޭ 2017ގެ ޗެމްޕިއަން މޯލްޑިވްސް ގޭހާއި އެންމެ ފަހުގެ ރަނަރަޕް ކްލަބު އެމްޓީސީސީގެ އިތުރުން ވެމްކޯ އަދި ސްޓެލްކޯއެވެ. އެ މުބާރާތުގެ "ގްރޫޕު އޭ"ގައި ހިމެނެނީ ވިލިމާލެ ޕޮލިހާއި މޯލްޑިވްސް ވޯޓާ އެންޑް ސެވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) އާއި ވިލިޖޯލި އަދި މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރު (އެމްއާރުސީސީ)، ކޯސްޓްގާޑެވެ.

ވިލިމާލޭގެ މުއައްސަސާތަކުގެ މެދުގައި ބާއްވާ ފޯރިގަދަ އެ ފުޓްސަލް މުބާރާތުގައި އެންމެ ފަހުގެ ޗެމްޕިއަން ވިލިމާލެ ހިޔާ، މިއަހަރުގެ މުބާރާތުގައި ބައިވެރިވެފައެއް ނުވެއެވެ. އެޓީމުން މުބާރާތުގައި ބައިވެރިވެފައިނުވަނީ ވިލިމާލެ ހިޔާގައި މަސައްކަތްކުރާ މުވައްޒަފުން މަދުވުމާ ގުޅިގެންނެވެ.

އެ މުބާރާތުގެ ގްރޫޕް ސްޓޭޖު މެޗުތަކަށްފަހު، ދެ ގްރޫޕުގެ އެއްވަނަ އަދި ދެވަނަ ހޯދާ ޓީމުތައް ސެމީ ފައިނަލަށް ނުކުންނާނެއެވެ. އަދި ސެމީގެ މެޗުތައް ކާމިޔާބުކުރާ ދެ ޓީމު ފައިނަލް މެޗަށް ނުކުންނާނީ މިމަހުގެ 17 ގައެވެ.

އެ މުބާރާތުގެ ޗެމްޕިއަން ޓީމަށް 15،000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާ އިރު، ރަނަރަޕް ޓީމަށް ފައިސާގެ އިނާމެއްގެ ގޮތުގައި ހުށަހަޅާފައިވަނީ 5،000 ރުފިޔާއެވެ. އެ މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނާއި ހުރިހާ ގޮތަކުން އެންމެ މޮޅު ކުޅުންތެރިޔާ އަދި އެންމެ ގިނަ ލަނޑު ޖަހާ ކުޅުންތެރިޔާ ހޮވުމަށް ވެސް ހަމަޖެހިފައިވެއެވެ.

މިއަހަރުގެ މުބާރާތުގެ ޓައިޓަލް ސްޕޮންސަރަކީ މިދިޔަ ދެ އަހަރުގެ މުބާރާތުގެ ވެސް ޓައިޓަލް ސްޕޮންސަރު ސުޒުކީ މެރިންއެވެ. އެ މުބާރާތުގެ ސަޕޯޓިން ޕާޓްނަރަކީ ގާޑަން ބްރީޒެވެ. އެންޓަޓެއިންމަންޓް ޕާޓްނަރަކީ ބިދަބިންއެވެ. އޮފިޝަލް އިވެންޓްސް ޕާޓްނަރަކީ ސައިޓް އެންޑް ސައުންޑްސްއެވެ. އޮފިޝަލް މީޑިއާ ޕާޓްނަރަކީ ވަން އޮންލައިނެވެ. މުބާރާތުގެ ފޮޓޯގްރަފީ ޕާޓްނަރަކީ އިމޭޖަސް އެމްވީއެވެ. އޮންލައިން މީޑިއާ ޕާޓްނަރަކީ ބޯޅަ އެމްވީއެވެ. އަދި ބްރޯޑްކާސްޓިން ޕާޓްނަރަކީ ވީ މީޑިއާއެވެ.