އިބްރާހިމް ޒަކީ
ބާރު ލިބުމުން މިހާރު ސަރުކާރުގައި ތިއްބެވި ބޭފުޅުން މަޖިލީހާއި މުއައްސަސާތަށް ބޭނުންކުރަނީ ބަދަލުހިފަން ކަމަށް ކުރީގެ ނައިބު ރައީސް އަދި ރައީސް ޔާމީނުގެ ވަކީލުންގެ ޓީމުގައި ހިމެނި ވަޑައިގަންނަވާ ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެ އެވެ.
ޑރ. ޖަމީލު މިހެން ވިދާޅުވީ، ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކަރުގައި ޗޭނު ޖަހާފައިވާތަން ކުރަހާފައިވާ ފޮޓޯއަކުން ކްރިމިނަލް ކޯޓުގެ ގާޒީ އަހުމަދު ހައިލަމް ނަސްރުގެ ދުވަހުގެ ތަހުނިޔާ ކިޔުމަކީ އިންސާނީ ކަރާމަތަށް އަރައިގަތުމުގެ އަމަލެއް ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ ހިޔުމަން ރައިޓްސް ކޮމެޓީ އިން ރޭ ބަޔާނެއް ނެރުމުން އެކަމަށް ފާޑު ވިދާޅުވެ މިއަދު ކުރެއްވި ޓްވީޓެއްގައެވެ.
ޖަމީލު ވިދާޅުވީ ކޮމިޓީ ތަކަކީ އެމްޑީޕީ އާއި މަޖިލިސް ރައީސްގެ މިލްކެއް ނޫން ކަމަށެވެ. އަދި ގާޒީ ހައިލަމް ސަރުކާރުގެ އިސް ފަރާތްތަކަކާމެދު ކުރެއްވެވި ތުހުމަތުތައް ތަހުގީގުކުރުމުގެ ބަދަލުގައި ގާޒީ އިތުރަށް ކުށްވެެރިކޮށް އަތްބާނަން ކުރާ މަސައްކަތުން ރައީސް ޔާމީންގެ ޝަރީއަތަށް ނުފޫޒް އޮތް ވަރު ހާމަވާ ކަމަށްވެސް ޖަމީލު ވިދާޅުވިއެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކަރުފުޅުގައި ޗޭނުޖަހާފައިވާ ފޮޓޯއަކުން ކުރިމިނަލް ކޯޓުގެ ކުރީގެ ގާޒީ އަހުމަދު ހައިލަމް ނަސްރުގެ ދުވަހުގެ ތަހުނިޔާ ކިޔުމަކީ އިންސާނީ ކަރާމާތަށް އަރައިގަތުމުގެ އަމަލެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޓީން ވަނީ ބުނެފައެވެ.
ހައިލަމްގެ އެ އަމަލާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޓީން އިނގިރޭސި ބަހުން ނެރުނު ބަޔާނެއްގައި ބުނީ، އެންޓި ޓޯޗާ ގާނޫނުންނާއި ގާނޫނުއަސާސީގައި ކޮންމެ އިންސާނެއްގެ ގަދަރާއި ކަރާމާތަށް އިހުތިރާމުކޮށް، ގާނޫނުގެ ރައްކާތެރިކަން ކޮންމެ ރައްޔިތަކަށް ލިބިދޭނެ ކަމަށް ބުނެފައިވާ ކަމަށެވެ.
އެހެންކަމުން، އަނިޔާވެރިކަމާއި ލާއިންސާނީ އަމަލުތަކުން ނަފްސާނީ އަދި ޖިސްމާނީ އަނިޔާ ލިބިދޭނެ ކަންކަމުން ދައުލަތުގެ މަގާމެއްގައި ހުރި މީހަކު އަރައިގަނެގެން ނުވާނެ ކަމަށް ވެސް އެ ކޮމިޓީގެ ބަޔާނުގައި ބުނެފައިވެއެވެ.
ކޮމިޓީގެ ބަޔާނުގައި އިތުރަށް ވަނީ ހައިލަމުގެ އެ އަމަލަކީ އދ.ގެ ކޮންވެންޝަން އެގެއިންސްޓް ޓޯޗާ އެންޑް އިންހިއުމަން ޑީގުރޭޑިން ޓުރީޓްމަންޓް އެންޑް ޕަނިޝްމަންޓުގެ އާޓިކަލް ތިނަކާ ހިލާފު އަދި އިންސާނީ ކަރާމާތަށް އަރައިގަނެފައިވާ އަމަލެއް ކަމުން ދައުލަތުގެ އޮފިޝަލެއްގެ ފަރާތުން އެފަދަ އަމަލެއް ތަކުރާރުވިޔަ ނުދިނުމަށް ފިޔަވަޅުތައް އެޅުމަށް ދައުލަތަށް ގޮވާލައިފައިވެއެވެ.