ބޮލީވުޑްގެ ބާދްޝާ ޝާހުރުކް ޚާންގެ މަންމަ އަދި ބައްޕަވެސް ނިޔާވީ ކެންސަރު ބަލީގައި ފަރުވާކުރަމުން ދަނިކޮށްކަމަށާއި އެވާހަކަތައް މީހުނާ ހިއްސާ ކުރަން އުނދަގޫކަމަށް ޝާހު ބުންޏެވެ.
ޝާހު މިހެން ބުނީ ފިލްމު އުފައްދާ ފަރާތެއްކަމަށްވާ ތަހީރާ ކޭޝަޕް ކެންސަރު ޖެހި އެއަށްފަރުވާ ކުރުމަށްފަހު ޝާހުގެ ޓީވީ ޝޯ ކަމަށްވާ "ޓެޑް ޓޯކްސް" ގައި އެވާހަކަތައް ހިއްސާކުރުމުންނެވެ. ތަހީރާ އަކީ ބަތަލު އަޔުޝްމަން ކުރާނާގެ އަންހެނުންނެވެ. ތަހީރާއަށް ވަނީ މިދިޔަ އަހަރު ސެޕްޓެމްބަރުގައި އުރަމަތީ ކެންސަރު ޖެހިފައިވާކަން މީސް މީޑިއާގައި ހިއްސާކޮށްފައެވެ.
ޓެޑް ޓޯކްގައި ތަހީރާ ވަނީ ކެންސަރު ޖެހިފައިވާކަން އެނގުނު ވަގުތަކީ ދިރިއުޅުމުގައި ދިމާވި އެންމެ ދަތި ދުވަސްތައްކަމަށްބުނެފައެވެ. ނަމަވެސް އޭނާ ބެލީ ކެންސަރަށް ހޭލުންތެރިކަން އިތުރުކޮށް ކެންސަރުޖެހިފައިވާ އެހެންމީހުން އިންސްޕަޔާ ކުރެވޭތޯކަމަށް ތަހީރާ ބުނިއެވެ.
"މިވާހަކަތައް މި ދައްކާ އެންމެ ބޮޑު ކަމަކީ މި ބައްޔަަށް އިތުރަށް ހޭލުންތެރިކުރުވަން. އުރަމަތި ކެންސަރު ހުރިކަން ކުރީބައިގައި ދެނެގަނެވިއްޖެޔާ ބޭސްކުރަން ފަސޭހަވޭ. އެއްވެސް މީހާކު މީގެ އަލާމާތްތައް އަޅާނުލާ ދޫކޮށްލާކަށްނުވާނެ. އަހަރެންގެ މަގްސަދަކީ މީހުން ބިރު ގެންނުވުމެއްނޫން. ނަމަވެސް މީހުންގެ ލޯހުޅުވައިދިނުން. މި ޝޯގެ ފަރާތުން އެކަން ކޮށްދެވުނުކަމަށް އުންމީދުކުރަން" ތަހީރާ ބުންޏެވެ.
ޓެޑް ޓޯކްގައި ތަހީރާ ވާހަކަދެއްކައި ނިމުމުން ޝާހު ބުނީ އޭނާގެ މައިންބަފައިން ނިޔާވީވެސް ކެންސަރުބަލީގައި ކަމަށްބުނެފައެވެ.
"ދިމާވާ ކަންކަން މީހުނާ ހިއްސާ ކުރަން އުނދަގޫ. ނަމަވެސް ތަހީރާގެ ފަރާތުން އެކަންތައްތައް ހިއްސާކުރުމަކީ ރަނގަޅުކަމެއްކަން އެނގިއްޖެ. މީހަކަށް ދިމާވާ ދަތިކަން ސިއްރުކުރުން ވަނީ ޓެބޫ ޓޮޕިކަކަށްވެފަ އަސްލު. ނަމަވެސް ކަންކަން ސިއްރުނުކޮށް އާއިލާ އެންމެނަށް ހިއްސާކޮށް އެންމެ އެކީގައި އެއަށް ހައްލުހޯދަން މަސައްކަތް ކުރުން މުހިންމު ކަން މިހާރު އެނގިއްޖެ" ޝާހު ބުންޏެވެ.