ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދައި ނިމުނީތޯ، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނާއިބު ރައީސް ރީކޯ މޫސާ މަނިކު ސުވާލު ކުރައްވައިފިއެވެ.
ހުޅުހެންވޭރު ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު މޫސަ މިއަދު ކުރެއްވި ޓްވީޓެއްގައި މި ސުވާލު ކުރައްވާފައި ވަނީ، ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ރީރަޖިސްޓްރީ ކުރުމަށް އިކޮނޮމިކް މިނިސްޓްރީން ހުޅުވާލައިގެން ކުރިއަށް ގެނދިޔަ މަސައްކަތަށް އިޝާރާތް ކޮށެވެ.
އެ މައްކަތަށް އިޝާރާތް ކޮށް މޫސަ ވަނީ ތިން ސުވާލެއް ކުރައްވައިފައެވެ.
އެއީ ގަވާއިދަށް އުޅޭ ބިދޭސީން ހޯދައި ނިމުނީތޯ، ކުރެއްވި ސުވާލުގެ އިތުރުން ގަވާއިދާ ހިލާފަށް ކިހާ މީހުންނެއް ރާއްޖޭގައި އުޅުނުތޯ ކުރައްވާފައިވާ ސުވާލުގެ އިތުރުން ވަގަށް މަސައްކަތް ކޮށްގެން ދުވާލަކަށް 10 ރުފިޔާ ނެގިއަސް ޖުމްލަ އަރާވަރު އެނގޭނީ ފިލައިގެން އުޅޭ މީހުންގެ އަދަދު އޮޅުން ފިލައިގެންނޫންތޯ މިސުވާލުތަކެވެ.
މޫސަ މިފަދަ ސުވާލު ތަކެއް ކުރައްވާފައި ވާއިރު، ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ނަށް އިތުރު ފުރުސަތެއް ދިނުމުގެ ގޮތުން، ބިދޭސީން އަލުން ރަޖިސްޓްރީ ކުރުމަށް މިދިޔަ ސެޕްޓެމްބަރު މަހުގެ 20 ވަނަ ދުވަހުން ފެށިގެން ހަ މަސް ދުވަހުގެ ފުރުސަތެއް އިކޮނޮމިކް މިނިސްޓްރީން ވަނީ ހުޅުވާލައިފައެވެ.
އެ ފުރުސަތުގައި ރަޖިސްޓްރީ ކުރަން ޖަމާވާން ފެށި މީހުންގެ ގިނަކަމުން، ކުރީގެ ޕީޖީ އޮފީސް އިމާރާތުގައި ކުރިއަށްގެންދިޔަ މަސައްކަތް ވަނީ ގަލޮޅު ދަނޑަށް ވެސް ބަދަލު ކޮށްފައެވެ.
ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ރަޖިސްޓްރީ ކުރުމަށްފަހު ވަޒީފާ ހޯދަންވެސް ހަ މަސް ދުވަހުގެ މުއްދަތެއް ވަނީ ކަނޑައަޅައިފައެވެ.
ނަމަވެސް އެ މަސައްކަތުގެ އިތުރު ތަފްސީލެއް ފަހުން އެ މިނިސްޓްރީން ހާމަ ކޮށްފައެއް ނުވެއެވެ.
ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް ސަރުކާރުން ވަނީ ގިނަ ފިޔަވަޅުތަކެއް އަޅަން ނިންމައިފައވެ.
އެ ފިޔަވަޅުތަކުގެ ތެރެއިން ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން، އަލުން ރަޖިސްޓްރީ ވާން ފުރުސަތު ދިނުމުގެ އިތުރުން، ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ގެންގުޅޭ ކުންފުންޏެއް ނަމަ އަލުން ރަޖިސްޓްރީކުރަން ވެސް ވަނީ ފުރުސަތު ހުޅުވާލައިފައެވެ. އަދި އެކި ގައުމުތަކުން ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންނަށް ކޯޓާ ލިމިޓުތަކެއް ވެސް ވަނީ ކަނޑައަޅައިފައެވެ.
ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތްތަކުގެ ތެރެއިން، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ ގަވައިދާ ހިލާފަށް މަސައްކަތް ކުރާ ބިދޭސީންގެ މައްސަލަ ހައްލު ކުރަން ހާއްސަ ޓާސްކްފޯހެއް ވެސް އުފައްދަވައިފައެވެ. އަދި ބިދޭސީން ގެނައުމުގައި ކުރިން އިމިގްރޭޝަން ޑިޕާޓްމަންޓުން ކުރަމުންދިޔަ ބައެއް މަސައްކަތްތައް ވަނީ އިކޮނޮމިކް މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފައެވެ.