ރައްޔިތުންގެ މަޖިލިސް

ދައުލަތަށް އިޚުލާސްތެރިވުމުގައި ނަމޫނާ ދައްކަންޖެހޭނީ ރައީސުލްޖުމްހޫރިއްޔާ: ސަލީމް

ޝަހީދާ އަބްދުﷲ ސައީދު

1

ދައުލަތަށް އިޚުލާސްތެރިވުމުގައި އެންމެ ފުރަތަމަ ރައްޔިތުންނަށް ނަމޫނާ ދައްކަންޖެހޭނީ ރައީސުލްޖުމްހޫރިއްޔާ ކަމަށް، އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން ސަލީމު ވިދާޅުވީ ދައުލަތަށް ފުރަތަމަ އިޚުލާސްތެރިވާންވީ ރައީސުލްޖުމްހުރިއްޔާ ކަމަށާއި، ރައްޔިތުންނަށް ނަމޫނާ ދައްކަވަން ހުންނެވި ބޭފުޅަކީ އެއީ ކަމަށެވެ.

އަދި ސަރުކާރުގެ އިދާރާތަކަށް މުދަލާއި ތަކެތި ގަތުމުގައި ގަންނަން ހުރި އަގުގެ ދެގުނަ މައްޗަށް ޖައްސާލައިގެން ގަންނަ ކަމަށާއި، މިއީ ހަމައެކަނި ފާއިތުވި ފަސް އަހަރުގައި ހިނގާދިޔަ ކަމެއް ނޫން ކަމަށް ސަލީމު ވިދާޅުވިއެވެ. ސަލީމު ވިދާޅުވީ ފެށުނީއްސުރެ މުއައްސަސާތަކަށް ތަކެތި ގަތުމުގައި އަމަލުކޮށްފައިވަނީ އެއުސޫލުން ކަމަށެވެ.

ސަލީމު ވިދާޅުވީ މީގެކުރީގެ ސަރުކާރުތަކުން އެގޮތައް އަމަލުކުރުމުން ބެލޭނެ ގޮތެއް އެޒަމާނުގައި ނެތް ނަމަވެސް، ތަހުޒީބުވެފައިވާ މިދުވަސްވަރު ކަންކުރަމުން އަންނަ ގޮތް ވަރަށް ހާމަކަން ބޮޑު ގޮތަކަށް ވަގުތުން ވަގުތަށް ބެލެން ހުންނަ ކަމަށެވެ.

އަދި ގައުމުގެ ވެރިޔަކަށް ހުންނަވާ ބޭފުޅަކު ހަލާކު ކުރަނީ އަރިހުގައި ތިއްބަވާ ބޭފުޅުން ކަމަށާއި، ކޮރަޕްޝަންގެ އަމަލުތައް ގިނަވަނީ އެސަބަބުތަކާއި ހުރެ ކަމަށް ވެސް ވިދާޅުވި އެވެ.

މީގެ އިތުރުން ސަލީމް ވިދާޅުވީ އެންޓިޑިފެކްޝަން ގާނޫނު އުވާލުމުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުން މިނިވަންވީ ކަމަށް ދެކިގެން ނުވާނެ ކަމަށެވެ. މަޖިލީހުގެ މެންބަރުންނަކީ ރައްޔިތުންނަށް އިޚުލާސްތެރި ބަޔަކަށް ވާންޖެހޭނެ ކަމަށް ސަލީމު ވިދާޅުވިއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟