ރޯހިތް ޝެޓީގެ ކޮޕް-ޑްރާމާ ފިލްމު ސޫރްޔަވަންޝީގެ މުހިންމު ސީނެއް ޝޫޓް ކުރުމުގެ ތެރޭގައި އަކްޝޭގެ އަތަށް އަނިޔާވެއްޖެއެވެ.
މުމްބާއީގައި ކުރިއަށް ދިޔަ މި ޝޫޓިންގައި އަކްޝޭގެ ވައަތުގެ މަސްގަނޑުވަނީ ސްޕްރެއިންވެފައެވެ.
"އަތަށް އަނިޔާވުމުން ޑޮކްޓަރު އަކްޝޭގެ އަތުގައި ބެންޑޭޖްއޮޅާއިރަށް އަނެއްކާވެސް އޭނަ ފެށީ ޝޫޓިން ނިންމަން" ސެޓުން މީޑިއާއަށް މައުލޫމާތު ހިއްސާކުރި މީހާ ބުންޏެވެ. "ފިލްމުގައި މިހާރު ބާކީ އޮތީ ކުޑަދުވަސްކޮޅެއްގެ ޝޫޓިން އަދި އަކްޝޭއާއި ކެޓްރީނާގެ ލަވައެއް އެކަނި" އެމީހާ އިތުރަށް ބުނިއެވެ.
ފިލްމުގެ މުހިންމު ބައިތައް ވަނީ ބެންގްކޮކް، މުމްބާއީ އަދި ހައިދަރުއާބާދުގައި ޝޫޓްކޮށްފައެވެ. ފިލްމުގައި އެކްޝަން ހިމެނޭ ސީނެއް އަޖޭ ދޭވްގަން، ރަންވީރު ސިންގް އަދި އަކްޝޭ ހިމެނޭގޮތަށް ވާކަމަށްވެއެވެ.
އަކްޝޭގެ އަތަށް އަނިޔާވިކަން ރަސްމީކޮށް ހާމަކޮށްފައި ނުވިނަމަވެސް އަކްޝޭ މީސް މީޑިއާގައި ހިއްސާކޮށްފައިވާ ވީޑިއޯއެއްގައި އަތުގައި އޮޅާފައިވާ ބެންޑޭޖް ފެންނަން ހުއްޓެވެ.
ފިލްމު ސޫރްޔަވަންޝީ ރިލީސްކުރަން ހަމަޖެހިފައިވަނީ އަންނަ އަހަރު މާރޗްގައެވެ.