ޕީޕީއެމް

ރައީސް ޔާމީންގެ ޝަރީއަތާއި ގުޅިގެން ހުރި ކަންބޮޑުވުންތައް ޕީޕީއެމްއިން ބޭރުގެ ފަރާތްތަކާއި ހިއްސާކޮށްފި

މަރިޔަމް ޝަހުދާ

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ މައްޗަށް ކުރެވޭ މަނީ ލޯންޑާ ކުރުމުގެ މައްސަލައިގެ ޝަރީއަތާއި ގުޅިގެން ހުރި ކަންބޮޑުވުންތައް ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ ފަރާތުން ބޭރުގެ ފަރާތްތަކާއި ހިއްސާކޮށްފި އެވެ.

ޕީޕީއެމް އިން އިއްޔެ ކުރި ޓުވީޓެއްގައި ބުނެފައިވަނީ ރައީސް ޔާމީންގެ ޝަރީއަތުގެ ކަންކަން ހިނގާ ގޮތާމެދު އެ ޕާޓީގެ ހުރި އެކި ކަންބޮޑުވުންތަކުގެ އިތުރުން ރާއްޖޭގެ ޖުޑީޝަރީ އޮތް ހާލަތާއި އިންސާފުވެރި ޝަރީއަތެއް ރާއްޖޭގައި ކުރިއަށްގެންދިއުމަށް ހުރި ދަތިތައް އެ ޕާޓީއިން ބޭރުގެ އެކި މީޑިއާތަކާއި ހިއްސާކުރިކަމަށެވެ.

ބޭރުގެ އެކި މީޑިއާތަކަށް ޕީޕީއެމްއިން މި މައުލޫމާތުތައް ހިއްސާކޮށްފައިވަނީ ލަންކާގައި ބޭރުގެ މީޑިއާތަކަށް ހާއްސަކޮށްގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. އަދި މިއީ ގައުމުގެ މިހާރުގެ ހާލަތު އިންޓަނޭޝަނަލް ސްޓޭކްހޯލްޑަރުންނާއި ހިއްސާ ކުރުމުގެ މަސައްކަތުގެ ތެރެއިން ބޭއްވުނު ބައްދަލުވުމެއް ކަމަށް ޕީޕީއެމް އިން ބުނެއެވެ.

މި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމު، ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި މިހާރު މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު، ރައީސް ޔާމީންގެ ލޯޔަރު އަދި ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލް އަހުމަދު އަދި ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ހުސައިން ޝަރީފް (މުންދު) ބައިވެރިވެވަޑައިގެންނެވިއެވެ.

ރައީސް ޔާމީންގެ ޝަރީއަތުގެ ހުކުމް އިއްވުމަށް މިދިޔަ އަންގާރަ ދުވަހަށް ތާވަލްކޮށްފައި ވީނަމަވެސް އެޝަރީއަތް ބަލަމުން ގެންދިޔަ ކްރިމިނަލް ކޯޓުގެ އިސް ގާޒީ މުހައްމަދު ހަލީމް ސަސްޕެންޑު ކުރުމާއި ގުޅިގެން އެދުވަހުގެ ޝަރީއަތް ވަނީ ކެންސަލްކޮށްފައެވެ. އަދި މިމަހުގެ 17 އަށް އިތުރު އަޑުއެހުމެއް މިހާރު ވަނީ ތާވަލު ކޮށްފައެވެ.