ސިކުނޑީގެ ބަލި ހުންނަ މީހުން ބެލެހެއްޓޭނެ ވަސީލަތެއް ވެސް އަދި ގާބިލުކަމެއް ވެސް ފުލުހުންގެ ކިބައިގައި ނުހުންނާނެ ކަމަށް ކުރީގެ ޕޮލިސް ކޮމިޝަނަރު އަބްދުﷲ ރިޔާޒު ވިދާޅުވެއްޖެ އެވެ.
ރިޔާޒް މިހެން މި ވިދާޅުވީ، ދީނަށް ފުރައްސާރަކުރުމާ ގުޅިގެން، މުރުތައްދުވެފައިވާ ކަމަށް ކަނޑައަޅާފައި ވަނިކޮށް އިއްޔެ ރާއްޖެ އައި އާއިޝަތު ވެލެޒިނީ ފުލުހުން ހައްޔަރުކޮށްފައި ވާތީ އޭނާ ދޫކޮށްލުމަށް ސިޔާސީ ބައެއް ފަރާތްތަކުން މީސްމީޑިއާގައި ގޮވައިލަމުންދާ ވަގުތެއްގައި މިއަދު ހެނދުނު އޭނާ ކުރެއްވި ޓުވީޓެއްގަ އެވެ.
ރިޔާޒުގެ ޓުވީޓުގައި ވަނީ، ވެލެޒިނީ ހައްޔަރު ކުރި ޚަބަރު ޓެގް ވެސް ކުރައްވައިފަ އެވެ.
ރިޔާޒު އިތުރަށް ވިދާޅުވީ މުޖުތަމައުގެ ރައްކާތެރިކަމަށް އެކަހެރިކުރަން ޖެހޭ ނަމަ އެފަދަ މީހުން ބެލެހެއްޓުމަށް ހަދާފައި ހުރި ދައުލަތުގެ ތަންތަނުގެ ބޭނުން ހިފަން ޖެހޭނެ ކަމަށް ދެކިވަޑައިގަންނަވާ ކަމަށް ވެސް ރިޔާޒު ވަނީ ވިދާޅުވެފަ އެވެ.
ވެލިޒިނީ ރާއްޖެ އައުމުން ފުލުހުން އޭނާ ހައްޔަރުކޮށްފައި ވަނީ ކޯޓު އަމުރެއްގެ ދަށުންނެވެ.