ކުރީގެ ރައީސް އަބްދުﷲ ޔަމީން އަބްދުލްގައްޔޫމަށް ކުރާ މަނީލޯންޑާ ކުރުމުގެ ދައުވާގެ ހުކުމް ވަކި ގޮތަކަށް ކުރުމަށް ބިރުދައްކާ ނުފޫޒު ފޯރުވަން އުޅުނު އެންމެންގެ ނަންތައް ހާމަކުރަން އިދިކޮޅު ކޯލިޝަނުން ކުރިމިނަލް ގާޒީ އަހުމަދު ހައިލަމަށް ގޮވާލައިފިއެވެ.
އިދިކޮޅު ޕްރޮގްރެސިވް ކޮންގުރެސް ކޯލިޝަނުން މިގޮތަށް ގޮވާލީ، ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގެ ތުހުމަތުކުރެވުނު ހިސާބުން ފެށިގެން ސަރުކާރުގެ އެކިއެކި މަގާމުތަކުގައި ތިބި އެކި ފަރާތްތަކުން ސީދާގޮތުންނާއި ނުސީދާގޮތުން އޭނާގެ ގާތް މީހުން މެދުވެރިކޮށް ނުފޫޒު ފޯރުވަން މަސައްކަތްކުރި ކަމަށް ބުނެ ހައިލަމް މިރޭ ބަޔާނެއް ނެރެފައިވާތީއެވެ.
އިދިކޮޅު ކޯލިޝަނުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ޕީއެންސީގެ ރައީސް އަދި ފޮނަދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ އާއި އެޕާޓީގެ ނައިބު ރައީސް އިބްރާހީމް ޝުޖާއު ވެސް ވަނީ ހައިލަމަށް ނުފޫޒުފޯރުވަން މަސައްކަތްކުރި އެންމެންގެ ނަންތައް ހާމަކުރުމަށާއި އަދި އެ މީހުންގެ އޯޑިއޯ، ވީޑިއޯ ނުވަތަ މެސެޖު ހުރިނަމަ، އެތަކެތި އާންމުންނާ ހިއްސާ ކުރުމަށް ހައިލަމަށް ގޮވާލައިފައެވެ.
ޝުޖާއު ވިދާޅުވީ، ހައިލަމަށް ބިރުދައްކާ ނުފޫޒު ފޯރުވަން މަސައްކަތްކުރި އެންމެންގެ މައުލޫމާތު މިރެއިން މިރެއަށް ވެސް އެނގެން ބޭނުންވާ ކަމަށެވެ. އަދި ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ބުލެކްލިސްޓު ކުރެވިފައިވާ ފަރާތްތަކުގެ ތެރޭ އެފަރާތްތައް ހިމަނާނެ ކަމަށް ވިދާޅުވިއެވެ.
މިއީ ވަރަށް ބިރުވެރި ކަމެއްކަން ފާހަގަކުރައްވާ އޭނާ އިތުރަށް ވިދާޅުވީ، މިއުޅެނީ އަދުލުވެރިކަމާއެކު އެއްވެސް ހުކުމެއް ލިބޭނެކަމުގެ ޔަގީންކަން ރައްޔިތުންނަށް ނެތިގެން ކަމަށެވެ. އަދި އަދުލުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ހުރިހާ ފަރާތްތަކަށް އެއްވެސް ނުފޫޒެއްގައި ނުޖެހި ސާބިތުވެ ތިބެ އިންސާފު ހޯއްދަވައިދެއްވުމަށް ޝުޖާއު ގޮވާލެއްވިއެވެ.
ހައިލަމް މިއަދު ނެރުނު ބަޔާނުގައި ވިދާޅުވި ގޮތުގައި، ރައީސް ޔާމީންގެ މައްޗަށް މަނީލޯންޑަރިންގެ ތުހުމަތުކުރެވުނު ހިސާބުން ފެށިގެން ސަރުކާރުގެ އެކިއެކި މަގާމުތަކުގައި ތިބި އެކި ފަރާތްތަކުން ސީދާގޮތުންނާއި ނުސީދާގޮތުން އޭނާގެ ގާތް މީހުން މެދުވެރިކޮށް ނުފޫޒު ފޯރުވަން މަސައްކަތްކުރިއެވެ. އަދި އެ މަސައްކަތް އެންމެ ބޮޑަށް ސަރުކާރުގެ އެކި މަގާމުތަކުގައި ތިއްބެވި ބޭފުޅުން ކުރެއްވީ މިދިޔަ އާދީއްތަ އަދި ހޯމަ ދުވަހުއެވެ.
އެއީ ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީލޯންޑަރިންގެ ހުކުމް ކުރަން އޮތް ދުވަހުގެ ދެވަރަކަށް ދުވަސް ކުރިއެވެ.
"ސަރުކާރުގެ ވަރަށް އިސްމަގާމުތަކުގައި ތިބި ފަރާތްތަކުން އަޅުގަނޑަށް ސީދާގޮތުން މެސެޖްކޮށްގެންނާއި ގުޅައިގެންނާއި އަޅުގަނޑު ދަންނަ މީހުން މެދުވެރިކޮށް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ޖަލަށްލުމަށް ހުކުމްކުރާނެކަމުގެ ކަށަވަރުކަން ދިނުމަށް އެދިފައިވެއެވެ،" ހައިލަމްގެ ބަޔާނުގައިވެއެވެ.
ނަމަވެސް ފަނޑިޔާރަކު ބަލަމުންދާ މައްސަލައެއްގައި ކުރާނެ ހުކުމް ސަރުކާރުގެ އޮފިޝަލުންނަށް އަދި ކިތަންމެ މަތީ މަގާމެއްގައިހުރި ފަރާތަކަށް ވިޔަސް އެނގޭކަށް ނުޖެހޭނެ ކަމަށް ވިދާޅުވެފައިވެއެވެ.