އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީގެ މައްސަލައިގެ ތަހުގީގު ރިޕޯޓު ސުޕްރީމް ކޯޓަށް ފޮނުވުމުން އެމަނިކުފާނު އެ ރިޕޯޓު އަނބުރާ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް ފޮނުވާލައިފިއެވެ.
އުއްތަމަ ފަނޑިޔާރުގެ މައްސަލައިގެ ތަހުގީގު ރިޕޯޓު އެމަނިކުފާނަށް ހަވާލުކުރުމަށް މިއަދު ޖޭއެސްސީން ވަނީ އެ ރިޕޯޓު ސުޕްރީމް ކޯޓަށް ފޮނުވައިފައެވެ. ނަމަވެސް އެ ރިޕޯޓަކީ އުއްތަމަ ފަނޑިޔާރުގެ ކޮން މައްސަލައެއްގެ ރިޕޯޓެއް ކަމެއް ޖޭއެސްސީން ހާމަކޮށްފައެއް ނުވެއެވެ.
އެނގިފައިވާ ގޮތުގައި އުއްތަމަ ފަނޑިޔާރަށް ހަވާލުކުރުމަށް ފޮނުވި ރިޕޯޓު ސުޕްރީމް ކޯޓުން ވަނީ އަނބުރާ ޖޭއެސްސީއަށް ފޮނުވާލައިފައެވެ. ނަމަވެސް ސުޕްރީމް ކޯޓުން އަނބުރާ އެ ރިޕޯޓު ޖޭއެސްސީއަށް ފޮނުވާލީ ކޮން ސަބަބަކާ ހުރެ ކަމެއް ކަށަވަރުވެފައެއް ނުވެއެވެ.
އުއްތަމަ ފަނޑިޔާރާ ގުޅޭ މައްސަލައެއް ޖޭއެސްސީން މީގެ ކުރިން ބަލައި ނިންމާފައިވާ އިރު، އެމަނިކުފާނުގެ އިތުރު ދެ މައްސަލައެއް މިހާރު އެ ކޮމިޝަނުން އަންނަނީ ބަލަމުންނެވެ. އުއްތަމަ ފަނޑިޔާރާއި ސުޕްރީމް ކޯޓުގެ އިތުރު ދެ ފަނޑިޔާރަކާ ގުޅޭގޮތުން މީގެ ކުރިން ހުށަހެޅުނު މައްސަލައާ ގުޅިގެން މިދިޔަ ޖުލައި މަހުގެ ތެރޭގައި ޖޭއެސްސީން ނިންމީ ފަނޑިޔާރުންނަށް ނަސޭހަތްތެރިވުމަށެވެ.
އެއަށްފަހު ޖޭއެސްސީން މިދިޔަ އޮކްޓޯބަރު މަހުގެ ތެރޭގައި އުއްތަމަ ފަނޑިޔާރުގެ ސުލޫކީ މައްސަލައެއް ބަލަން ނިންމިއެވެ. ޖޭއެސްސީން އުއްތަމަ ފަނޑިޔާރުގެ އެ މައްސަލަ ބަލަން ނިންމީ މީގެ ކުރިން އުއްތަމަ ފަނޑިޔާރުގެ ސުލޫކީ މައްސަލައެއް ތަހުގީގުކުރުމަށްޓަކައި އެ ކޮމިޝަނަށް ހާޒިރުވެވަޑައިގަތުމަށް އެންގުމުން، އެމައްސަލަ ބެލުމުގެ އިހްތިސޯސެއް ކޮމިޝަނަށް ލިބިގެންނުވާ ކަމަށް ވިދާޅުވެ ހަގީގަތާ ހިލާފު ވާހަކަފުޅު ދެއްކެވިކަމުގެ ތުހުމަތުގައެވެ.
އުއްތަމަ ފަނޑިޔާރާ ގުޅޭގޮތުން އިތުރު ސުލޫކީ މައްސަލައެއް ބެލުމަށް މިމަހުގެ ފަސްވަނަ ދުވަހު ޖޭއެސްސީން ނިންމިއެވެ. އެ މައްސަލަ ބެލުމަށް އެ ކޮމިޝަނުން ނިންމީ، އެ ކޮމިޝަނުގެ ގާނޫނަށް ގެނައި އިސްލާހާ ގުޅިގެން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ނެރެފައިވާ ގަވާއިދުތަކަށާއި އުސޫލަތަކަށް އަމަލުނުކުރުމަށް ސްޕްރީމް ކޯޓުގެ ސެކްރެޓަރީ ޖެނެރަލަށް އަންގަވައި އެބޭފުޅާގެ މަސައްކަތަށް އުއްތަމަ ފަނޑިޔާރު ހުރަސްއަޅުއްވާފައިވާ ކަމުގެ ތުހުމަތުގައެވެ.
އެ މައްސަލައިގައި ޖޭއެސްސީން ބުނެފައިވަނީ ޑީޖޭއޭއާ ގުޅިގެން ސްޕްރީމް ކޯޓުގެ ސެކްރެޓަރީ ޖެނެރަލް ބަޣާވާތެއް ކުރައްވަން އުޅުއްވާކަމަށް ތުހުމަތުކުރައްވައި އެ ޑިޕާޓްމަންޓާ އެއްވެސް މުއާމަލާތެއް ކުރައްވައިފިނަމަ ވަޒީފާއިން ވަކިކުރައްވާނެ ކަމުގެ އިންޒާރުވެސް އުއްތަމަ ފަނޑިޔާރު ދެއްވާފައިވާ ކަމަށެވެ.