ރާއްޖެއަށް މިހާރު ވަޑައިގެން އުޅުއްވާ ވޯލްޑް ބޭންކުގެ ވަފުދާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު، މިއަދު ބައްދަލުކުރައްވައި މަޝްވަރާ ކުރައްވައިފިއެވެ.
ރައީސް އޮފީހުން ބުނީ މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖޭގެ ތަރައްގީގެ މަޝްރޫއުތަކާ ގުޅޭގޮތުން ވޯލްޑް ބޭންކުގެ ވަފުދާ މަޝްވަރާކުރައްވާފައި ކަމަށެވެ. ރައީސުލްޖުމްހޫރިއްޔާ ވަނީ ސަރުކާރުގެ ތަރައްގީގެ އެޖެންޑާގައި ހިމެނޭ މަޝްރޫއުތައް ކުރިޔަށްގެންދިއުމުގައި ވޯލްޑް ބޭންކުން ވެދެއްވަމުން ގެންދަވާ އެހީތެރިކަން ފާހަގަކުރައްވައި ޝުކުރު އަދާކުރައްވާފައެވެ.
ލާމަރުކަޒީ ނިޒާމުގެ ތެރެއިން ރާއްޖެ ތަރައްގީކުރުމުގައި ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުތަކާއި ރާއްޖޭގެ މާލީ ހާލަތާއި ބެހޭގޮތުންނާއި އެކިއެކި މަޝްރޫއުތަކަށް ފައިސާ ހޯދުމާ ބެހޭގޮތުން މި ބައްދަލުކުރެއްވުމުގައި މަޝްވަރާކުރައްވާފައިވާ ކަމަށް ރައީސް އޮފީހުން މައުލޫމާތުދެއެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާ ވަނީ ދިވެހި ސަރުކާރުން ދުނިޔޭގެ ތިމާވެށީގެ މައްސަލަތަކަށް އަހައްމިއްޔަތުކަން ދެއްވާ މިންވަރު ފާހަގަކުރައްވައި 2023 ވަނަ އަހަރުން ފެށިގެން، އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް ބޭނުންކުރުން ހުއްޓާލުމަށް ރާއްޖެއިން އިއުލާން ކޮށްފައިވާކަން ފާހަގަކުރައްވާފައެވެ.
މީގެ އިތުރުން އިޖުތިމާއީ ރައްކާތެރިކަން ހަރުދަނާކުރުމުގެ ގޮތުން ސަރުކާރުން ކުރައްވަމުން ގެންދަވާ ބައެއް ކަންކަންވެސް މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން ސިއްހީ ހިދުމަތުގެ ފެންވަރު މަތިކުރުމާއި ވަޒީފާގެ ފުރުސަތުތައް އިތުރުކުރުމާއި މަތީ ތައުލީމުގެ އިތުރު ފުރުސަތުތައް ތަނަވަސްކޮށްދިނުމާއި އިޖުތިމާއީ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކާއި ގައުމަށް ލިބޭ ތަނަވަސްކަން ހުރިހާ ރައްޔިތުންނަށް ހަމަހަމަ ގޮތެއްގައި ބެހިގެންދާނެ ގޮތަށް ކަންކަން އިންތިޒާމުކުރުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތައް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރައްވާފައިވާ ކަމަށް ރައީސް އޮފީހުން މައުލޫމަތުދެއެވެ.
ރައީސް އޮފީހުން ބުނީ، މި ބައްދަލުކުރެއްވުމުގައި ވޯލްޑް ބޭންކުގެ ވަފުދުގެ ބޭފުޅުން، އެ ވަފުދުން ދާދިފަހުން އައްޑުއަތޮޅަށް ކުރެއްވި ދަތުރާބެހޭ މައުލޫމާތު ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރައްވާފައިވާ ކަމަށެވެ. އެގޮތުން އައްޑޫއަށް ކުރި ދަތުރަކީ ވަރަށް ބޭނުންތެރި މައުލޫމާތުތަކެއް ލިބިގެންދިޔަ ދަތުރެއްކަން ވަފުދުގެ ބޭފުޅުން ފާހަގަކުރެއްވިއެވެ.
ލާމަރުކަޒީ ނިޒާމުގެދަށުން ރާއްޖެ ތަރައްގީކުރުމުގައި ސަރުކާރުން ގެންގުޅުއްވާ ސިޔާސަތާއި މިހާރު ސަރުކާރުން ތައާރަފުކޮށްފައިވާ ސްޓްރެޓީޖިކް އެކްޝަން ޕްލޭނަކީ ރާއްޖޭގެ ތަރައްގީއަށް ބާރުލިބޭނެ މުހިންމު ކަންތައްތަކެއް ހިމެނޭ ޕްލޭނެއް ކަމުގައި ވޯލްޑް ބޭންކުގެ ވަފުދުން ވަނީ ފާހަގަކުރައްވާފައެވެ.
ވޯލްޑް ބޭންކުގެ ޓީމުން ވަނީ ރާއްޖޭގައި ކުރިޔަށްގެންދާ އުމްރާނީ ތަރައްގީގެ މަސައްކަތްތަކާއި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކާ މާލީދާއިރާ ހަރުދަނާކުރުމަށް ރާއްޖެއަށް އެހީތެރިވާން އެ ބޭންކުން ތައްޔާރަށް އޮތްކަން ފާހަގަކުރައްވާފައިވާކަމަށް ރައީސް އޮފީހުން މައުލޫމާތުދެއެވެ.
މި ބައްދަލުވުން ނިންމަވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ވޯލްޑް ބޭންކުން ރާއްޖެއަށް ވެދެއްވާ އެހީތެރިކަމާ ދެއްވާ އެއްބާރުލެއްވުން ފާހަގަކުރައްވައި ކުރިމަގުގައިވެސް އެގުޅުން އެގޮތުގައި ދެމިއޮތުމަށް އެދިވަޑައިގަންނަވާކަން ހާމަކުރައްވާފައެވެ. އަދި ވޯލްޑްބޭންކުގެ ވަފުދުންވެސް ވަނީ ރާއްޖޭގެ ތަރައްގީގެ މަޝްރޫއުތަކަށް ދެމުންދާ އެއްބާރުލުމާއި އެހީތެރިކަން އެގޮތުގައި ދެމި އޮންނާނެކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާއަށް އަރުވާފައިކަމަށްވެސް ރައީސް އޮފީހުން މައުލޫމާތުދެއެވެ.