ސުޕުރީމް ކޯޓުގެ ޕެޓީ ކޭޝް ފައިސާ، އެ ކޯޓުގެ ހަތަރު ފަނޑިޔާރަކު މެންދުރުގެ ފަރިއްކޮޅަށް ހަރަދު ކުރަމުންދާ ކަމަށް ތުހުމަތުކޮށް އެންޓި ކޮރަޕްޝަން ކޮމިޝަނަ (އޭސީސީ)އަށް މައްސަލަ ހުށަހަޅައިފި އެވެ.
އަމިއްލަ ފަރާތަކުން ހުށަހެޅި އެ މައްސަލައިގެ ސިޓީގައި ވާގޮތުން އެ ހަތަރު ފަނޑިޔާރުންނަކީ އުއްތަމަ ފަނޑިޔާރު ޑރ އަހުމަދު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އަބްދުﷲ އަރީފުގެ އިތުރުން ފަނޑިޔާރު އާދަމް މުހައްމަދާއި އަބްދުލް ޣަނީ މުހައްމަދެވެ.
މިހަތަރު ފަނޑިޔާރުން ފަރިއްކުޅުއްވަނީ ސުޕްރީމް ކޯޓުގެ ތެރޭގައި ކަމަށާއި ސުޕްރީމް ކޯޓުގެ މުވައްޒަފަކު ލައްވައި އެ ކޯޓުގެ ވޭނުގައި ފަރިއްކޮޅު ގެނުވަނީ ހުޅުމާލޭ، ބޮމްބޭ ދަރުބާރުން ކަމަށް ވެސް ހުށަހެޅި މައްސަލައިގައި ބުނެފައިވެ އެވެ.
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ މީޑިއާ އޮފިޝަލު "ވަން" އަށް ވިދާޅުވީ މި މައްސަލަ އެ ކޮމިޝަނަށް ލިބިފައިވާ ކަމަށާއި ބެލުމާ މެދު ގޮތެއް ނިންމާނީ މައްސަލަ ދިރާސާ ކުރުމަށްފަހު ކަމަށެވެ.
ހަތަރު ފަނޑިޔާރުން ފިޔަވައި އިތުރު ފަނޑިޔާރަކު އެ ފަރިއްކޮޅުގައި ބައިވެރިވެވަޑައިނުގަންނަވާ ކަމަށް ސިޓީގައި ފާހަގަކޮށްފައިވެއެވެ.