އިބްރާހިމް ޒަކީ
ޅ. މާބިންހުރާ ކުއްޔަށް ދޫކުރުމުގައި ހިޔާނާތްތެރިވެފައިވާ ކަމަށް ބުނެ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް އުފުލި ދައުވާގެ އިސްތިއުނާފު މައްސަލަ ޕްރޮސިކިއުޓާ ޖެނަރަލް (ޕީޖީ) އިން އަނބުރާ ގެންގޮސްފި އެވެ.
ސުޕްރީމް ކޯޓުން މިއަދު ބުނީ، އެ މައްސަލަ ޕީޖީން ގެންދިއުމާއެކު ސުޕްރީމް ކޯޓުން އެ ދައުވާ ފޯމް މިއަދު ބާތިލު ކޮށްފައިވާ ކަމަށެވެ.
"ހައިކޯޓުގެ ނަންބަރު 2016/HC-A/566 ޤަޟިއްޔާއިން ނިންމާފައިވާ ނިންމުން ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ ޚިލާފުކަމަށް ބުނެ ސަބަބު ބަޔާންކޮށް އެ ނިންމުން އިސްތިއުނާފު ކުރުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ހ. ސާމަރާ، މާލެ، އަޙްމަދު އަދީބު ޢަބްދުލްޣަފޫރުގެ މައްޗަށް ދަޢުވާކޮށް ހުށަހަޅާފައިވާ މި ކޯޓުގެ ނަންބަރު 2019/SC-A/46 ޤަޟިއްޔާގެ މައްސަލަ އަނބުރާ ގެންދިއުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމަވާފައިވާކަމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން މި ކޯޓަށް އަންގަވާފައިވާތީ، މި ކޯޓުގެ ނަންބަރު 2019/SC-A/46 ޤަޟިއްޔާގެ މައްސަލަ އިތުރަށް ކުރިއަށް ގެންދާނެތަނެއް ނެތް ކަމަށް ކަނޑައަޅައި މި މައްސަލައިގެ ދަޢުވާ ފޯމު ބާތިލުކޮށްފިއެވެ.،" ސުޕްރީމް ކޯޓުން ބުނެފައިވެއެވެ.
އެ މައްސަލައަކީ ޅ. މާބިންހުރާ، ކުރެއްދޫ ހޯލްޑިންގްސްއަށް ކުއްޔަށް ދީގެން އެކުއިޒިޝަން ކޮސްޓްގެ ގޮތުގައި ދައުލަތަށް ލިބެން ޖެހޭ ފަސް މިލިޔަން ޑޮލަރު (77 މިލިއަން ރުފިޔާ)އަށް އަދީބު ހިޔާނާތްތެރިވި މައްސަލައެކެވެ.
މި މައްސަލައަކީ މީގެ ކުރިން 2016 ވަނަ އަހަރު ކްރިމިނަލް ކޯޓުން އަދީބުގެ މައްޗަށް 10 އަހަރުގެ ޖަލު ހުކުމެއް އިއްވި މައްސަލައެކެވެ. ނަމަވެސް އެ މައްސަލަ އަދީބުގެ ފަރާތުން ހައިހޯޓުގައި އިސްތިއުނާފު ކުރުމުން، ހައިކޯޓުން ކްރިމިނަލް ކޯޓަށް އެންގީ އަލުން އެ މައްސަލަ ބެލުމަށެވެ.
ދައުލަތުގެ ފަރާތުން މި މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރީ، ހައިކޯޓުގެ އަމުރާ އެއްގޮތަށް އެ މައްސަލަ ކްރިމިނަލް ކޯޓުން ބަލާފައި ނުވާތީއެވެ.