ރިޔާސީ އިންތިހާބު

ސާފު އަގުލަބިއްޔަތާއެކު އިންތިހާބު ކާމިޔާބު ކުރެއްވި އިބޫއަށް މަރުހަބާ: ޑރ ވަހީދު

އިއްޔެގެ އިންތިހާބު ތަފާތު ބޮޑުކޮށް ކާމިޔާބު ކުރެއްވި އިދިކޮޅު އިއްތިހާދުގެ ރިޔާސީ ކެނޑިޑޭޓް އިބްރާހީމް މުހައްމަދު ސާލިހްގެ ކާމިޔާބީއަށް ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު މަރުހަބާ ދަންނަވައިފިއެވެ.

އިލެކްޝަންސް އިން އިއުލާން ކުރި ވަގުތީ ނަތީޖާގައި ވާ ގޮތުން، އިންތިހާބުގައި ވާދަ ކުރި މިހާރުގެ ރައީސް، ޕީޕީއެމްގެ ކެނޑިޑޭޓް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ލިބިވަޑައިގެންފައި ވަނީ 96،132 ވޯޓެވެ. އިދިކޮޅު އިއްތިހާދުގެ ކެނޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހަށް 1،34،616 ވޯޓު ލިބިވަޑައިގެންފައި ވެއެވެ.

ޖުމްލަ 2،33،877 މީހުން މިއަހަރުގެ ރިޔާސީ އިންތިހާބުގައި ވޯޓުލާފައިވާ އިރު، ވޯޓު ދިނުމުގެ ހައްގު ލިބިފައި ވަނީ 26،2،135 މީހުނަށެވެ. ޖުމްލަ ސައްހަ ވޯޓުގެ އަދަދަކީ 2،30،748 ވޯޓެވެ.

އިބޫގެ ކާމިޔާބީއަށް މަރުހަބާ ދަންނަވައި ޑރ. ވަހީދު ކުރެއްވި ޓްވީޓުގައި ވިދާޅުވެފައި ވަނީ އިންތިހާބުގައި އިދިކޮޅު އިއްތިހާދުން ހޯދި ތަފާތު ބޮޑު ކާމިޔާބީއަށް މަރުހަބާ ވިދާޅުވާ ކަމަށެވެ.

ޑރ. ވަހީދަކީ 2008 ވަނަ އަހަރު އެމްޑީޕީން ރިޔާސީ އިންތިހާބުގައި ވާދަކުރެއްވި މުހައްމަދު ނަޝީދު (އަންނި)ގެ އިންތިހާބީ ބައިވެރިޔާއެވެ. ހަތެއް ފެބްރުއަރީގައި އެމްޑީޕީގެ ވެރިކަން ވެއްޓުމާއެކު 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ނިމ، ރައީސް ޔާމީން ހުވާ ކުރައްވަންދެން ރާއްޖޭގެ ވެރިކަންކުރައްވާފައި ވަނީ ޑރ. ވަހީދެވެ.