މަނީ ލޯންޑަރިންގެ މައްސަލައިގައި، ކުރީގެ ރައީސް، އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ މައްޗަށް ކުރާ ދައުވާގެ ޝަރީއަތގެ މަޖިލީހެއް މިމަހު 17 ވާ އާދީއްތަ ދުވަހު ބާއްވަން ނިންމައިފި އެވެ.
"ވަން" އަށް އެނގިފައިވާ ގޮތުގައި، ރައީސް ޔާމީންގެ ޝަރީއަތް ޝެޑިއުލްކޮށްފައި ވަނީ އެ ދުވަހުގެ މެންދުރު ފަހު 1:30 އަށެވެ. އަދި ޗިޓުގައި ސޮއިކުރައްވާފައި ވަނީ ވަގުތީ ގޮތުން ކްރިމިނަލް ކޯޓު ހިންގެވުމާ ހަވާލުވެ ހުންނެވި ގާޒީ އަލީ ރަޝީދު އެވެ. އާންމު އުސޫލެއްގެ ގޮތުން ޗިޓުގައި ސޮއިކުރައްވަނީ މައްސަލަ ބައްލަވާ ގާޒީ އެވެ.
ރައީސް ޔާމީންގެ މައްޗަށް ކުރިޔަށް މި ގެންދާ ދައުވާގެ އަޑުއެހުންތައް ނިމި، ހުކުމް ކުރުމުގެ މަޖިލިސް މިދިޔަ އަންގާރަ ދުވަހު ބާއްވަން ނިންމި ނަމަވެސް އެންމެ ފަހު ވަގުތު ހުކުމް ކުރުމަށް ބާއްވަން އޮތް ޝަރީއަތުގެ މަޖިލިސް ކެންސަލްކޮށްފަ އެވެ.
އެ މަޖިލިސް ކެންސަލް ކުރީ، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ބަލަމުން އަންނަ ސުލޫކީ މައްސަލައަކާ ގުޅިގެން، ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމް 60 ދުވަހަށް ވުރެ ދިގު ނޫން މުއްދަތަކަށް ސަސްޕެންޑް ކުރަން އެ ކޮމިޝަނުން ނިންމުމާ ގުޅިގެންނެވެ.
ހައިލަމްގެ ސްލޫކީ މައްސަލައެއް ބަލަން ޖޭއެސްސީން ނިންމީ، ނަސްރުގެ ދުވަހުގެ މުނާސަބާގައި އޭނާ ވައިބަރު ގުރޫޕަކަށް ފޮނުއްވި ކުރެހުމަކާ ގުޅިގެންނެވެ.
ހައިލަމް ފޮނުއްވި އެ ކުރެހުމުން ފެންނަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކަރުފުޅުގައި ޗޭނު ޖަހައިގެން ދަމާފައި ކަހަލަ ގޮތަކަށް ގެންދާ މަންޒަރެވެ. އެ ފޮޓޯގައި ކަރުގައި ޗޭނު ޖަހާފައި ދެން ތިބި މީހުންގެ ތެރޭގައި، 1988 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތިނަ ވަނަ ދުވަހު ކުލީ ސިފައިން ގޮވައިގެން ދިވެހިރާއްޖެ އަޅުވެތިކުރަން ރާއްޖެއަށް އެރި، ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ އާއި ސަގަރު އަހުމަދު ނާސިރު ހިމެނެ އެވެ. އެ ޗޭނު ހިފައިގެން ކުރިޔަށް ހިނގާފައި ދަނީ ނޮވެމްބަރު ތިނެއްގައި ސިފައިންގޭގެ ދޮރާށި ބަލަހައްޓަން ހުރެ، ދުޝްމަނުންނާ ހަނގުރާމަކޮށް ޝަހީދުވި، ޝަހީދު ހުސެއިން އާދަމް އެވެ.
އެ ކުރެހުން ވައިބަރު ގުރޫޕަށް ފޮނުއްވި އިރު އޭގައިވާ މަންޒަރަށް ބައްލަވާލެއްވިފައި ނުވާ ކަމަށާއި އެކަން އެނގިވަޑައިގެންނެވީ ފަހުން ކަމަށް ވިދާޅުވެ، ގާޒީ ހައިލަމް ވަނީ ރައީސް ސޯލިހާއި ރައީސް ނަޝީދު އަދި އެހެން ބޭފުޅުންނާއި ރައްޔިތުންގެ ކިބައިން މައާފަށް އެދިވަޑައިގެންފަ އެވެ.