ރައީސުލްޖުމްހޫރިއްޔާގެ އިސްތަށިފުޅުގައި އިލްޒާމުތައް އަޅުވަމުން ގެންދަވާ އިރު، ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުންނާއި މެންބަރުން ހަނުތިބުމަކީ ދަށުދަރަޖައިގެ އަމަލެއް ކަމަށް ދީނީ އިލްމުވެރިޔާ ޝެއިޚް އިލްޔާސް ހުސެއިން ވިދާޅުވެއްޖެ އެވެ.
ޝެއިޚް އިލްޔާސް މިހެން މި ވިދާޅުވީ، ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ރައްޔިތުންގެ މަޖިލީހުގައި އިއްޔެ ދެއްކެވި ވާހަކަތަކާ ގުޅިގެންނެވެ. އޭނާ ވަނީ މީގެ ކުރީން ވެސް ރައީސް ސޯލިހުގެ އިސްތަށިފުޅުގައި އިލްޒާމުތަކެއް އަޅުވައިފަ އެވެ.
އެ ގޮތުން، އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާގައި، މަޖިލީހުގެ އެމްޑީޕީގެ ޕީޖީ ލީޑަރެއްގެ ގޮތުގައި މަސައްކަތްކުރެއްވި އިރު ރައީސް ސޯލިހު ޖެހިވަޑައިގެންފައިވާ ކަމަށް ޖާބިރު ވަނީ ތުހުމަތު ކުރައްވައިފަ އެވެ. އެ ސަބަބަށް ޓަކައި ރައީސް ސޯލިހުގެ މައްސަލަ ވަގުތުން ބަލައި ފިޔަވަޅު އެޅުމަށާއި ރައީސް ކަމުން ދުރުކުރަން ވެސް ޖާބިރު ވަނީ ގޮވާލައްވައިފަ އެވެ.
މި ކަމާ ގުޅޭ ގޮތުން ޝެއިޚް އިލްޔާސް ކުރެއްވި ޓުވީޓުގައި ވަނީ ރައްޔިތުންގެ ސަރުކާރު ރައްޔިތުން ދިފާއުކުރާނެ ކަމަށް ވެސް ވިދާޅުވެފަ އެވެ.
"ރާއްޖޭގެ ރައްޔިތުން ހޮވާފައިވާ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ އިސްތަށިފުޅުގައި މިހާބޮޑު އިލްޒާމެއް އަޅުވަމުން ގެންދެވި އިރުވެސް އިއްޒަތްތެރި މަޖިލީހުގެ ރިޔާސަތުންނާއި މެންބަރުން ހަނުތިއްބެވުމަކީ ވަރަށް ނާތަހުޒީބު، ދަށު ދަރަޖައިގެ އަމަލެއް. ރައްޔިތުންގެ ވެރިކަން ދިފާއުކުރަން ރައްޔިތުން ނިކުންނާނެ." ޝެއިޚް އިލްޔާސް ވިދާޅުވި އެވެ.