ފިރިމީހާ ވިރާތު ކޯލީއާއެކު ބަތަލާ އަނުޝްކާ ޝަރުމާ މިވަގުތު އަންނަނީ ބޫޓާންގެ ފަރުބަދަތަކުގައި ޗުއްޓީހޭދަކުރަމުންނެވެ.
2018ގައި ގިނަ ފިލްމުތަކެއްގައި މަސައްކަތް ކުރުމަށްފަހު މިއަހަރު އަނުޝްކާ ވަނީ އަމިއްލަ ދިރިއުޅުމަށް ވަގުތު ހުސްކޮށް އެއަށް ފޯކަސްކޮށްފައެވެ.
މިއަހަރު އެއްވެސް ފިލްމަކުން އަނުޝްކާ ފެނިގެން ގޮސްފައި ނުވިނަމަވެސް އޭނާ ވަނީ އެކި ޕްރޮޖެކްޓް ތަކުގެ ސްކްރިޕްޓް ކިޔައި ރަނގަޅު ފިލްމެއް ހޯދުމުގެ މަސައްކަތްވެސް ކޮށްފައެވެ.
އޯޑިއަންސަށް ތަފާތު ފިލްމުތަކެއް ހުށަހަޅައިދޭން މަސައްކަތްކުރާ އަނުޝްކާ މިހާރުވަނީ ފިލްމެއް ފައިނަލްކޮށްފައެވެ. މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި އަނުޝްކާ ފައިނަލްކޮށްފައި ވަނީ ލޯބީގެ ފިލްމެކެވެ. ނަމަވެސް އެއީ އާންމުކޮށް ފެންނަ ލޯބީގެ ފިލްމެއް ނޫން ކަމަށް ވެއެވެ. ފިލްމުގައި ޓުވިސްޓެއް ވެސް ހިމެނެއެވެ.
އަނުޝްކާގެ ފިލްމުތައް ކަމަށްވާ "ޕީކޭ"، "ޕަރީ"، "އެންއެޗް10"، އަދި "ޕިލައިރީ" ގޮތަށް މިފަހަރު ފައިނަލްކޮށްފައިވާ ފިލްމުވެސް ތަފާތު ވާނެ ކަމަށް ވެއެވެ. މި ފިލްމުތަކުގައި އަނުޝްކާގެ ހުށަހެޅުންތަކަށް ބޮޑު ތަރުހީބެއް ވަނީ ލިބިގެންގޮސްފައެވެ.
މިއީ ޝާހުރުކް ޚާން އަދި ކެޓްރީނާ ކައިފްއާ އެކު ފިލްމު ޒީރޯއަށްފަހު އަނުޝްކާ ފެނިގެންދާނެ ފުރަތަމަ ފިލްމެކެވެ. ފިލްމާގުޅޭ އިތުރު މައުލޫމާތެއް އަދި ހާމަކޮށްފައެއްނުވެއެވެ.