ގްރޭޓާ މާލޭ އިންޑަސްޓްރިއަލް ޒޯން

ޖީއެމްއައިޒެޑް އިން ނެގި އުޅަނދަކަށް ފައިސާ ނުދައްކާ ކަމަށް ބުނެ، ބަދަލު ހޯދަން ކޯޓަށް

ގްރޭޓާ މާލޭ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑް (ޖީއެމްއައިޒެޑް) އިން ނެގި އުޅަނދަކަށް ފައިސާ ދައްކަމުން ނުދާ ކަމަށް ބުނެ، ބަދަލު ހޯދުމަށް ސީހޯސް ސަޕަޔާ އިން ސިވިލް ކޯޓަށް މައްސަލަ ހުށަހަޅައިފިއެވެ.

ސީހޯސް ސަޕަޔާ އިން އެ މައްސަލަ ހަވާލުކުރި ލޯ ފާމް، ލީގަލް އެއިޑުން ވަނީ ސިވިލް ކޯޓަށް މައްސަލަ ހުށަހަޅާފައިވާކަން ގްރޭޓާ މާލޭގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ރަޝީދު އަބޫބަކުރަށް އަންގައިފައެވެ.

ލީގަލް އެއިޑުން ފޮނުވި ސިޓީގައި ބުނެފައިވަނީ ސީހޯސް ސްޕަޔާ އާއި ގްރޭޓާ މާލެއާ ދެމެދު މިއަހަރުގެ އޭޕްރީލް 16ގައި ވެވުނު އެއްބަސްވުމާ އެއްގޮތަށް ފައިސާ ނުދައްކާތީ، އެކަމުން އެ ސީހޯސް ސްޕަޔާއަށް ބޮޑު ގެއްލުންތަކެއް ވަމުންދާ ކަމަށެވެ. އަދި ގެއްލުމުގެ ގޮތުގައި ސެޕްޓެމްބަރު 1ގެ ނިޔަލަށް 708،511.36 (ހަތްލައްކަ އަށްހާސް ފަސްސަތޭކަ އެގާރަ ޑޮލަރު ތިރީސް ހަ ސެންޓު) ހޯދުމަށް އެދި ފަނުވާފައި ސިޓީއަށް ގްރޭޓާ މާލޭގެ ފަރާތުން ޖަވާބެއް ލިބިފައިނުވާ ކަން ވެސް ފާހަގަކޮށްފައިވެއެވެ.

"މި އަދަދަކީ މިހާރުވެސް މި މައްސަލައިގައި ހިމެނިފައިވާ އުޅަނދާ ގުޅިގެން އެހެން ފަރާތަކަށް ކުންފުނީގެ ފަރާތުން ފީ ދައްކަމުންދާން ޖެހޭތީ، ގެއްލުމުގެ ބަދަލުގައި ހޯދުމަށް އެދޭ އަދަދަކީ އިތުރުވަމުންދާ އަދަދެއްކަން ވެސް ސަމާލުކަމަށްޓަކައި ދަންނަވަމެވެ..،" އެ ސިޓީގައި ބުނެފައިވެއެވެ.

ސިވިލް ކޯޓަށް އެ މައްސަލަ ހުށަހެޅި ނަމަވެސް، ދިމާވެފައިވާ މައްސަލަތައް މަޝްވަރާގެ މަތިން ހައްލުވެގެން ދިއުމަށް ސީހޯސް ސަޕަޔާ އިން އެދޭ ކަމަށް ވެސް އެ ސިޓީގައި ބުނެފައިވެއެވެ.