އަންނަ ހުކުރު ދުވަހު އެކީގައި ޑައިވިންއަށް ދާން ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމަށް ދައުވަތު އަރުވާ ކަމަށާއި އޭރުން އެކުގައި އަޑީގައި ތިބެގެން މަޝްވަރާ ކުރެވޭނެ ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ނަޝީދު މިހެން ވިދާޅުވީ ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކުގެ މައްސަލައަށް ހައްލެއް ނުލިބި މި ނުރައްކަލުން ދުނިޔެ ސަލާމަތް ކުރަން އޮތް ހަނި ފުރުސަތު ދުވަހެއް ދުވަހަކަށް ކުޑަވަމުން ދާތީ، އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް މަޖިލީހަށް ހުށަހަޅުއްވާފައިވާ ގަރާރަށް ޝިޔާމް ވާހަކަދައްކަވައި ނިންމަވާލެއްވުމުންނެވެ.
މި ގަރާރަށް މެމްބަރު ޝިޔާމް ބަހުސްކުރެއްވި އިރު އެމަނިކުފާނު މީގެ ކުރިން ޑައިވިން އިންސްޓްރަކްޓަރަކަށް މަސައްކަތް ކުރެއްވި އިރުގެ ތަޖުރިބާ ހިއްސާ ކުރެއްވިއެވެ. ޝިޔާމް ވިދާޅުވީ އޭނާ ރާއްޖޭގެ ރިސޯޓެއްގައި ޑައިވިން އިންސްޓްރަކްޓަރަކަށް މަސައްކަތް ކުރެއްވި ދުވަސްވަރު ޑައިވިނަށްދާ ކޮންމެ ފަހަރަކު މޫދުން ފެންނަ ކުނި ނަންގަވާ ކަމަށެވެ. އެގޮތުން ޑައިވިނަށް ދާ ކޮންމެ ފަހަރަކު ބޮޑު ސުތުލި ގޯނި ފާޑުގެ ކޮތަޅެއް ހިފައިގެންދާ ކަމަށާއި، އެއްގަޑިއިރުގެ ޑައިވެއް ނިންމާލައި މޫދުން އަރަނީ އެގޯނި ފުރެންދެން އެކި ބާވަތުގެ ޕްލާސްޓިކް، ހާއްސަކޮށް ގިނަ އަދަދެއްގެ ކުޑަކުދިންގެ ނެޕީ ހޮވައިގެން ކަމަށް ޝިޔާމް ފާހަގަ ކުރެއްވިއެވެ.
ޝިޔާމަށް ރައީސް ނަޝީދު އަރިހުގައި ޑައިވިނަށް ވަޑައިގަތުމުގެ ދައުވަތު ނަޝީދު އަރުވާފައިވަނީ ޝިޔާމްގެ މި ވާހަކައާ ގުޅުވައިގެންނެވެ. އަދި ދެބޭފުޅުން އެކުގައި ޑައިވިނަށް ދިޔުމުގެ އިންތިޒާމް ހަމަޖައްސައި ދިނުމަށް ޕާމް ލޮޖް އިބްރާހީމް މޫސާގެ ފައްޔާޒް އިބްރާހީމްގެ އަރިހުގައި ދަންނަވާނެ ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ. ނަޝީދުވަނީ ޝިޔާމް މިއަދުގެ މަޖިލީހުގައި ދެއްކެވި ވާހަކަތައް ކަނޑުއަޑީގައި ތިބެވެސް މަޝްވަރާ ކުރެއްވޭނެ ކަމަށް ވިދާޅުވެފައެވެ.
މިކަން ފާހަގަ ކުރައްވައި އަދިވެސް މިހާލަތަށް ބަދަލެއް ނާންނަކަން ޝިޔާމް ފާހަގަކުރެއްވިއެވެ. އަދި ހުއްޓާނުލައި މޫސުމަށް އަންނަ ބަދަލުގެ ވާހަކަ ދެއްކިނަމަވެސް މިކަންކަމަށް އަންނަ ބަދަލެއް ނުފެންނަކަމަށް ޝިޔާމް ވިދާޅުވިއެވެ. މިހާރު ކުރިއަށް ވުރެ ހާލަތު ގޯސް ކަމަށާއި، މޫދާއި، ފަރާއި ކަނޑުތަކުން ފެންނަ ކުނީގެ އަދަދު ގިނަކަމަށް ފާހަގަވާކަމަށް ޝިޔާމް ވިދާޅުވިއެވެ.
ރާއްޖެއަކީ ކުޑަ ގައުމަކަށްވެފައި، ގުދުރަތީގޮތުން ރާއްޖެއަކީ ކިތަންމެ ނާޒުކު ގައުމެއް ނަމަވެސް ދިވެހިން މޫސުމީ ބަދަލުތަކަށާއި އެކަމާ ގުޅިގެން ހުރި ނުރައްކާތަކަށް ހޭލުންތެރި ނޫންކަމަށް ޝިޔާމް ވިދާޅުވިއެވެ. ޝިޔާމް ވިދާޅުވީ މިކަންކަމާ ދިވެހީން މިހާރަށް ވުރެ ފަރުވާތެރިވާން ވެއްޖެ ކަމަށެވެ. އަދި ދިވެހީންގެ ކަނޑާއި ފަރުތަކަށް ދިވެހިން ނުބަލާނަމަ އެހެން ބަޔަކު އެކަން ކުރަން ނާންނާނެ ކަމަށް ވެސް ޝިޔާމް ވިދާޅުވިއެވެ.