މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކު (އެމްޑީއެން)ގެ ރަޖިސްޓްރޭޝަން ކެންސަލްކޮށް އުވާލަން ނިންމީ ގާނޫނާ ހިލާފަށް ކަމަށާއި އެ ނިންމުން އަނބުރާ ގެންދިއުމަށް އެ ޖަމިއްޔާއިން ގޮވާލައިފިއެވެ.
އެމްޑީއެންގެ ރަޖިސްޓްރީ ބާތިލުކުރަން ނިންމައި އެކަން މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމަންޓުން އާންމުކޮށްފައި ވަނީ އިއްޔެއެވެ.
ޔޫތު މިނިސްޓްރީން ބުނީ އެމްޑީއެންގެ ރަޖިސްޓްރޭޝަން ކެންސަލްކުރަން ނިންމީ، ޖަމިއްޔާތަކާ ބެހޭ ގާނޫނުގެ 19 ވަނަ މާއްދާގެ (ހ) ގައި އިސްލާމް ދީނުގެ އަސްލަކާ ހިލާފުވެއްޖެ ނަމަ، އިސްލާމްދީނަށް އިހާނެތިކޮށް ހިތައިފިނަމަ، ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ނަގާލައިފިނަމަ ނުވަތަ އެ އެއްބައިވަންތަ ކަމަށް އުނިކަމެއް ގެނެސްފި ނަމަ ނުވަތަ އިސްލާމްދީން ނޫން އެހެން ދީނެއްގެ ފިކުރަކާއި ޝިއާރެއް ރާއްޖޭގައި ފާޅުކޮށްފިނަމަ އެ ޖަމިއްޔާ ހެދުން މަނާ ކުރެވޭ ގާނުނޫގެ ދަށުން ކަމަށެވެ. އަދި ހަމަ އެ ގާނޫނުގެ 19 ވަނަ މާއްދާގެ (ށ) ގައި ރާއްޖޭގެ ޖުމްހޫއްރިއްޔާގެ ގާނޫނު އަސާސީ އާއި ނޫނީ ރާއްޖޭގެ ގާނޫނާއި ހިލާފުވާ ކަމެއް ޖަމިއްޔާއަށް ނުކުރެވޭނެ ކަމަށްވެސް ބުނެފައިވެއެވެ.
އެގޮތުން އެމްޑީއެން އިން ނެރެފައިވާ ''ޕްރިލިމިނަރީ އެސެސްމަންޓް އޮން ރެޑިކަލައިޒޭޝަން އިން މޯލްޑިވްސް'' ރިޕޯޓުގައި އިސްލާމް ދީނުގެ އަސްލުތަކާއި ހިލާފު ވާހަކަތަކެއް ހުރި ކަމަށް ފުލުހުންނާއި އިސްލާމިކް މިނިސްޓްރީން ކަމާ ގުޅުން ހުރި އެހެން ފަރާތްތަކާއެކު ކުރި މަސައްކަތުން ކަށަވަރުވެފައިވާކަމަށް ޔޫތު މިނިސްޓްރީން ބުންޏެވެ.
ނަމަވެސް ސަރުކާރުގެ މި ނިންމުމާ ގުޅިގެން އެމްޑީއެން އިން ކުރި ޓުވީޓުތަކެއްގައި ބުނެފައިވަނީ ޔޫތު މިނިސްޓްރީން އެ ޖަމިއްޔާގެ ރަޖިސްޓްރޭޝަން ކެންސަލްކޮށްފައިވަނީ ގާނޫނުގެ ވަކި މާއްދާއަކަށް ރިއާޔަތް ނުކޮށް ގާނުނާ ހިލާފަށް ކަމަށެވެ.
މީގެ އިތުރުން، އަސާސީ ހައްގުތައް ރައްކާތެރިކޮށްދޭނެ ކަމަށް ބުނި އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ވަނީ ފާއިތުވި ފަސް ސަރުކާރުގައި ވެސް އަމަލު ކޮށްފައި ނުވާ ފަދަ ގޮތަކަށް މަދަނީ ޖަމިއްޔާއެއް އުވާލައިފައި ކަމަށްވެސް އެމްޑީއެން އިން ބުނެއެވެ.
އެމްޑީއެން އިން އިތުރަށް ވަނީ އެ ޖަމިއްޔާ އުވާލަން ނިންމާފައިވާ ނިންމުން އަނބުރާ ގެންގޮސް، ކަނޑައެޅިފައިވާ އުސޫލުތަކުގެ ތެރެއިން އިންސާފުވެރި ތަހުގީގެއް ކުރުމަށް ގޮވާލައިފައެވެ.